ބީއެމްއެލްގެ ކުޅިވަރު ސްކޮލާޝިޕް ރާޅާއެޅުންތެރިޔާ ސައްޔިދުއަށް

ރާޅާއެޅުންތެރިޔާ ސައްޔިދު: ބީއެމްއެލްގެ މިއަހަރުގެ ކުޅިވަރު ސްކޯލާޝިޕް ދިނީ ސައްޔިދަށް --- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްއިން ދޭ ޚާއްޞަ ކުޅިވަރު ސްކޯލާޝިޕް ހުނަރުވެރި ރާޅާއެޅުންތެރިޔާ ސައްޔިދު ޞަލާޙުއްދީނަށް ވަނީ ލިބިފައެވެ. މި ފުރުސަތުގެ ދަށުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ބެލުމުގެ ދަށުން ޗައިނާ، އިންޑޮނޭޝިއާ އަދި ފިލިޕީންސްގައި ތަމްރީނު ހެދުމުގެ ފުރުސަތު އޭނާއަށް ލިބޭނެއެވެ. އަދި އޮސްޓްރޭލިއާގައި އޮންނަ މުބާރާތެއްގައި ވާދަކުރުމަށް ބޭނުންވާ ހުރިހާ ޚަރަދެއް ބޭންކުން ހަމަޖައްސައިދޭނެއެވެ. މިއީ ދިވެހި އެތުލީޓުން ބައިނަލްއަގުވާމީ މައިދާނުގައި ކުރިއެރުވުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.

  • ބީއެމްއެލްގެ ކުޅިވަރު ސްކޯލާޝިޕް ރާޅާއެޅުންތެރިޔާ ސައްޔިދު ޞަލާޙުއްދީނަށް ލިބުން
  • ޗައިނާ، އިންޑޮނޭޝިއާ އަދި ފިލިޕީންސްގައި މަތީ ފެންވަރުގެ ތަމްރީނުތައް ހެދުން
  • އޮސްޓްރޭލިއާގައި ބާއްވާ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބުން
  • ތަމްރީނުތަކާއި މުބާރާތުގެ ހުރިހާ ޚަރަދެއް ބީއެމްއެލްއިން ހަމަޖައްސައިދިނުން
  • މިހާތަނަށް އަށް އެތުލީޓަކަށް މި ފުރުސަތު ދީފައިވުން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދެމުން އަންނަ ކުޅިވަރު ސްކޮލާޝިޕް މިފަހަރު ހުނަރުވެރި ރާޅާއެޅުންތެރިޔާ ސައްޔިދު ޞަލާޙުއްދީނަށް ލިބިއްޖެއެވެ.

ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ބެލުމުގެ ދަށުން އެންމެ ގާބިލް އެތުލީޓުންނަށް އަމާޒުކޮށްގެން ދޭ މި ފުރުސަތުގެ ދަށުން، ސައްޔިދު އޭނާގެ ތަމްރީނުތައް ކުރިއަށް ގެންދާނީ ދުނިޔޭގެ ފެންވަރުގެ ވަސީލަތްތައް ހިމެނޭ ޗައިނާ، އިންޑޮނޭޝިއާ އަދި ފިލިޕީންސްގައެވެ.

މީގެ އިތުރުން އޮސްޓްރޭލިއާގައި ބާއްވާ މުހިންމު މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތުވެސް އޭނާއަށް ލިބިގެންދާނެއެވެ. ބީއެމްއެލުން ބުނިގޮތުގައި، މި ސްކޮލާޝިޕަކީ ދިވެހި އެތުލީޓުންގެ ހުނަރު މަތީ ފަންތިއަކަށް ގެންގޮސް، ބައިނަލްއަގުވާމީ މައިދާނުގައި ކާމިޔާބީ ހޯދުމަށް އެހީތެރިވުމަށް ދެވޭ ފުރުސަތެކެވެ.

އެގޮތުން ތަމްރީނުތަކާއި މުބާރާތްތަކަށް ބޭނުންވާ ހުރިހާ ޚަރަދަކާއި ވަސީލަތްތަކެއް ބޭންކުން ފޯރުކޮށްދޭނެއެވެ.

މިހާތަނަށް އަށް އެތުލީޓަކަށް މި ސްކޯލާޝިޕް ފޯރުކޮށްދީފައިވާއިރު، ބޭންކުން ދަނީ ގައުމީ އެކި އެސޯސިއޭޝަންތަކާ ގުޅިގެން ފުޓްބޯޅަ، ފެތުން، ޓެނިސް އަދި ބާސްކެޓު ފަދަ ކުޅިވަރުތައް ކުރިއެރުވުމަށްވެސް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ.

comment ކޮމެންޓް