ހޮންގް ކޮންގް އަތުން ހޯދި މޮޅުން ފެނުނީ ޓީމެއްގެ ގޮތުގައި ދެއްކި ހިތްވަރު: އިމްރާން

ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އިންމި-- ފޮޓޯ: ސިޑިބަރި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި މިއަދު ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު ހޯދި ތާރީޚީ ބޮޑު މޮޅަކީ މުޅި ޓީމު އެކުވެގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް ގައުމީ ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ބުނެފިއެވެ.

މެޗަށްފަހު ދިން އިންޓަވިއުގައި ކެޕްޓަން އިންމި ބުނީ، މުބާރާތުގެ ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވުމުން، ހޮންގް ކޮންގް މެޗަށް ޓީމު ނުކުތީ ކޮންމެ ގޮތެއް ހަދާފައިވެސް މޮޅެއް ހޯދުމުގެ ވަރުގަދަ އަޒުމެއްގައި ކަމަށެވެ.

"މުޅި ޓީމު އެކުވެގެން ކުރި މަސައްކަތުން ހޯދުނު މޮޅެއް މިއީ. އެންމެން ވެސް ފުރަތަަމަ މެޗުން ބަލިވީމަ މި މެޗުން މޮޅުވާން ބޭނުންވެފައި ތިބީ. ދެން، ކޯޗުގެ ޕްލޭނާ ވެސް އެއްގޮތަށް ޓީމު ރަނގަޅަށް ކުޅެގެން ހޯދި މޮޅެއް މިއީ،" މެޗަށްފަހު އިންމި ބުންޏެވެ.

ޗައިނާގެ ޔިންޗުއާންގެ ލިންގްވޫ ސްޕޯޓްސް ސެންޓަރުގައި ކުރިއަށްދިޔަ މި މެޗުގައި ރާއްޖޭގެ ޓީމުން ވަނީ މުޅި މެޗު ކޮންޓްރޯލްކޮށްގެން ތަފާތު ބޮޑު ކުޅުމެއް ދައްކައިފައެވެ. ފުރަތަމަ ހާފުގައި ތިން ގޯލުގެ ލީޑެއް ނެގިއިރު، ދެވަނަ ހާފުގައި ރާއްޖޭން ވަނީ އިތުރު ހަތަރު ގޯލު ޖަހައި މެޗު ނިންމާލައިފައެވެ.

މިއީ ބައިނަލްއަގުވާމީ ފުޓްސަލް މައިދާނުގައި މިހާތަނަށް ރާއްޖޭގެ ގައުމީ ޓީމުން ހޯދި އެންމެ ތަފާތު ބޮޑު މޮޅެވެ. މީގެ ކުރިން ރާއްޖޭގެ އެންމެ ބޮޑު ކާމިޔާބީއަކީ މިއަހަރުގެ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި 7-1 އިން ޕާކިސްތާން ބަލިކުރި މެޗެވެ.

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދީ ސަރަހައްދީ ޗެމްޕިއަންކަން ހޯދައިދިން ކޯޗު ފާރޫކް ޒަކީރޯވްގެ އިރުޝާދުގެ ދަށުން ރާއްޖޭން ކުޅޭ މި މުބާރާތުގެ ފުރަތަމަ މެޗުގައި، މުބާރާތުގެ އެންމެ ރޭންކިން މަތީގައި އޮތް ދެކުނު ކޮރެއާ (ރޭންކިން 69) އަތުން ރާއްޖެ (ރޭންކިން 99) ވަނީ 5-1 އިން ބަލިވެފައެވެ. ނަމަވެސް ދުނިޔޭގެ ރޭންކިންގެ 118 ވަނައިގައި އޮތް ހޮންގް ކޮންގް އަތުން ހޯދި މި ބޮޑު މޮޅާއެކު ޓީމުގެ ރޫހު ވަނީ ވަރަށް ބޮޑަށް އާވެފައެވެ.

މުބާރާތުގައި ރާއްޖޭން ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ނުކުންނާނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ޗައިނާއާ ދެކޮޅަށެވެ. ޗައިނާއަކީ ދުނިޔޭގެ ރޭންކިންގެ 84 ވަނަ ގައުމެވެ.

comment ކޮމެންޓް