ޗައިނާގައި ކުރިއަށްދާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ދެވަނަ މެޗުގައި 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ހޮންގް ކޮންގް ބަލިކޮށް ދިވެހި ގައުމީ ފުޓްސަލް ޓީމުން ތާރީޚީ މޮޅެއް ހޯދައިފިއެވެ.
މިއީ ގައުމީ ފުޓްސަލް ޓީމުގެ ތާރީޚުގައި މެޗަކުން މިހާތަނަށް އެންމެ ތަފާތު ބޮޑުކޮށް ހޯދި މޮޅުގެ އިތުރުން، މި މުބާރާތުގައި ޓީމަކުން ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެއިން ވަނީ 3-0 އިން ލީޑު ނަގައިފައެވެ. ފުރަތަމަ ލަނޑަކީ ހޮންގް ކޮންގް ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އޭގެ ފަހުން، އިޝާން އިބްރާހިމް (ސައްޓު) ލީޑު ފުޅާކޮށްދިންއިރު، ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ގައުމީ ޓީމަށް މުޅިން އަލަށް ކުޅޭ ޝަނާން ރަޝާދެވެ.
ދެވަނަ ހާފުގައި ރާއްޖެއިން ވަނީ އިތުރު ހަތަރު ގޯލު ޖަހައި މެޗު ނިންމާލައިފައެވެ. މީގެ ތެރެއިން މުހައްމަދު ސާދު ނިޒާރު ދެ ލަނޑު ޖެހިއިރު، ޝަނާން ވަނީ އޭނާގެ ދެވަނަ ގޯލު ކާމިޔާބުކޮށްފައެވެ. އަދި ރާއްޖޭގެ އަނެއް ލަނޑު ޖަހައިދިނީ ސައްޓުއެވެ.
ފީފާ ރޭންކިންގެ 99 ވަނައިގައި އޮތް ރާއްޖެއިން ފުރަތަމަ މެޗުގައި ރޭންކިންގެ 69 ވަނަ ދެކުނު ކޮރެއާ އަތުން 5-1 އިން ބަލިވި ނަމަވެސް، 118 ވަނައިގައި އޮތް ހޮންގް ކޮންގް އަތުން މި ހޯދި މޮޅާއެކު ޓީމުގެ ރޫހު ވަނީ ވަރަށް ބޮޑަށް އާވެފައެވެ.
މުބާރާތުގެ ފަހު މެޗުގައި ހޯމަ ދުވަހު ރާއްޖެ ނުކުންނާނީ ރޭންކިންގެ 84 ވަނައިގައި އޮތް މުބާރާތް ބާއްވާ ގައުމު ޗައިނާއާ ދެކޮޅަށެވެ.