މިއީ އަހަރެންގެ ހަތަރުވަނަ ސާފް، މިއީ އަހަރެންގެ ފަހު ސާފަށްވެސް ވުން ގާތް: އުރުބާނީ

ރާއްޖޭގެ ކޯޗު އިސްތަވާން އުރުބާނީ--

ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕަކީ ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު އިސްތަވާން އުރުބާނީގެ ކެރިއަރުގައި ފެންނާނެ އެންމެ ފަހު ސާފް މުބާރާތަށް ވުން ގާތް ކަމަށާއި، މުބާރާތަށްފަހު އޭނާ ކޯޗިން މަސައްކަތްތަކުން ދުރަށް ޖެހިވަޑައިގެން ޓެކްނިކަލް ޑިރެކްޓަރުގެ ޒިންމާއަށް ބޮޑަށް ފޯކަސް ކުރައްވަން ވިސްނަވާކަމުގެ އިޝާރާތެއް އޭނާ ދީފިއެވެ.

ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އެރީނާގައި ދިވެހި މީޑިއާތަކާ ވާހަކަ ދައްކަވަމުން އުމުރުން 58 އަހަރުގެ އުރުބާނީ މިހެން ބުނީ ދިވެހި ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.

"އަހަރެން މިހާރު ނުވިސްނަން މާބޮޑަށް ކޯޗިންއަކަށް. އަހަންނަށް އެބަހުރި ބައިވަރު އެހެން ކަންކަން. ކޯޗިންގައި އުޅޭ މީހުންނަށް އެނގޭނެ، ކޯޗިންގައި އުޅޭއިރު އަބަދު ސިކުނޑީގައި ހުންނާނީ އެ ޓީމެއްގެ ކަންކަން. އަބަދުވެސް މުބާރާތްތަކަށް ވިސްނޭނީ. އެކަމަށް ގޮތެއް ނިންމަން އެކަމަކު އަވަސް. އަހަންނަށް އެބަހުރި ރާއްޖޭގެ ފުޓުބޯޅައިގައި ވިސްނަން ޖެހޭ، ރަނގަޅު ކުރަން ޖެހޭ އެހެން ކަންކަންވެސް،" އުރުބާނީ ވިދާޅުވިއެވެ.

މިދިޔަ ޖެނުއަރީ މަހު ޓެކްނިކަލް ޑިރެކްޓަރުގެ ޒިންމާއާއެކު އަލުން ގައުމީ ޓީމާ ހަވާލުވި އުރުބާނީ ފާހަގަކުރެއްވި ގޮތުގައި، މިހާރުގެ އެސިސްޓެންޓް ކޯޗު ސޮބާހް މުހައްމަދު ފަދަ ކޯޗުން ޓީމު ތެރެއަށް ނެރެގެން މަސައްކަތް ކުރަނީވެސް އޭނާ އެކަމުގައި އަބަދު އުޅެން ބޭނުން ނުވާތީ ކަމަށެވެ.

އެހެން ނަމަވެސް، ކޯޗުކަމުން ދުރުވި ނަމަވެސް ރާއްޖެއާއެކު ހެދިފައިވާ އެއްބަސްވުމުގައިވާ މަސައްކަތް ނުނިމެނީސް ނުދާނެ ކަމަށް އޭނާ ބުންޏެވެ.

އުރުބާނީ ބުނީ ކޮންޓްރެކްޓަކީ ޓެކްނިކަލް ޑިރެކްޓަރުގެ އެއްބަސްވުމަކަށްވާއިރު، ގައުމީ ޓީމަށް އާ ކޯޗެއް ހޯދުމަށް އެފްއޭއެމްއަށް ލަފާދިނުމުގެ ފުރުސަތު އެބައޮތް ކަމަށާއި، މި ދައްކަނީ ރާއްޖެ ދޫކޮށްލާ ވާހަކަނޫން ކަމަށެވެ.

މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މާދަމާ (އާދީއްތަ) ރާއްޖެ ބައްދަލުކުރާނީ ޕާކިސްތާނާއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު