ސަރުކާރުން އިހުމާލުވެފައިވާތީ، އެމްޑީޕީގެ ކެންޑިޑޭޓުން ހޮވަން ރައްޔިތުން ތިބީ ކެތްމަދުވެފައި: އާޒިމް

ކެމްޕެއިން ނިންމުމުގެ ހިނގާލުމުގައި އާޒިމް: ސަން ފޮޓޯ: އާއިޝް އަޝްރަފް

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެފައިވަނީ، ސިއްޙީ ފަރުވާ ފަދަ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މި ސަރުކާރުން ނުހަނު ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ. ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން، އޭނާ ފާހަގަކުރެއްވީ އާސަންދައާއި އެންސްޕާ ފަދަ ޚިދުމަތްތައް ނުލިބުމުގެ ސަބަބުން ރައްޔިތުން ނުހަނު ނިކަމެތިވެފައިވާ ކަމަށެވެ. އަދި ސަރުކާރަށް ރައްޔިތުންގެ މަޖިލީހާއި ސިޓީ ކައުންސިލްގެ ބޮޑު އަޣުލަބިއްޔަތެއް ލިބިފައިވީ ނަމަވެސް، ރައްޔިތުންނަށް އެދެވޭ ޚިދުމަތެއް ނުދެވޭކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި ސަބަބުތަކަށްޓަކައި، ކުރިއަށް އޮތް އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓުދީ، ސަރުކާރު ޖަވާބުދާރީކުރުވުމަށް ރައްޔިތުން ތިބީ ކެތްމަދުވެފައިކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

  • އަސާސީ ޚިދުމަތްތަކުން ސަރުކާރުން އިހުމާލުވެފައިވާކަން
  • އާސަންދައާއި އެންސްޕާ ފަދަ ސިއްޙީ އެހީތައް ނުލިބޭކަން
  • ސަރުކާރަށް ފުރިހަމަ ބާރު އޮވެ، ނަތީޖާ ނުނެރެވޭކަން
  • އެމްޑީޕީގެ ކެންޑިޑޭޓުން ހޮވަން ރައްޔިތުން ބޭނުންވެފައިވާކަން

މި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތްތައް، ޚާއްޞަކޮށް ބޭސްފަރުވާގެ ކަންކަމުގައި އިންތިހާއަށް އިހުމާލުވެފައިވާތީ، ކުރިއަށް އޮތް އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުން ހޮވަން ރައްޔިތުން ތިބީ ކެތްމަދުވެފައި ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ކެމްޕެއިން ނިންމަން މިހާރު ކުރިއަށް ދާ ހިނގާލުމުގައި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އާޒިމް ފާހަގަކުރެއްވީ، މި ސަރުކާރުގައި މިހާތަނަށް ރައްޔިތުންނަށްވީ ފައިދާއެއް ނެތް ކަމަށެވެ. ޚާއްޞަކޮށް ސިއްޙީ ނިޒާމު ފެއިލްވެފައިވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ރައްޔިތުން ފުރިހަމަ ސިއްޙަތެއްގައި ބޭތިއްބުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަރަށް ބޮޑު ޒިންމާއެއް ކަމަށެވެ.

“ފުރިހަަމަ ސިއްހަތެއްގައި ބޭތިއްބުމަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ވަރަށް ބޮޑު ޒިންމާއެއް އެހެންނަމަވެސް ބޭހެއް ނުލިބޭ، އާސަންދައެއް ނުލިބޭ، އެންސްޕާއެއް ނުލިބޭ، މިއިން ޒަމާނެއްގައި ނިކަމެތި ނުވާ މިންވަރަށް ނިކަމެތިވެއްޖެ،” ދެވަނަ ފަހަރަށް މޭޔަރު ކަމަށް ވާދަ ކުރައްވާ އާޒިމް ވިދާޅުވިއެވެ.

ދައުލަތުގެ ހުރިހާ ބާރެއް އޮވެމެ، ރައްޔިތުންނަށް ޚިދުމަތް ނުދެވޭކަން އާޒިމް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީއާއި، ސަރުކާރުގެ ފުރިހަމަ ބާރުގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ 17 ގޮނޑީގެ ތެރެއިން 14 ގޮނޑި ސަރުކާރު ހިންގާ ޕާޓީއަށް ލިބިފައި އޮތް ނަމަވެސް، ރައްޔިތުންނަށް މިހާތަނަށް ކޮށްނުދިން ކަމެއް ދެން އިތުރަކަށް ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ރައްޔިތުންގެ ޝަކުވާތަކަށް ފުރުސަތު ނުދީ، އެ އަޑުތައް ކަނޑުވާލަން ސަރުކާރުން މަސައްކަތް ކުރަމުންދާ މަންޒަރު މިހާރު ފެންނަމުންދާ ކަމަށްވެސް މޭޔަރު ތުހުމަތުކުރެއްވިއެވެ.

ހަގީގަތް އޮޅުވާލައިގެން ރައްޔިތުން މޮޔަހެއްދޭނެ ކަމަށް ހީކުރުމަކީ ކުށްހީއެއް ކަމަށާއި، ދިވެހި ރައްޔިތުން މިހާރު ތިބީ ހޭލާ ކަމަށް އާޒިމް ވިދާޅުވިއެވެ. އެހެންކަމުން، ސަރުކާރުގެ މި އަމަލުތަކާ ގުޅިގެން ރައްޔިތުން ތިބީ ބަދަލަކަށް ބޭނުންވެފައި ކަމަށާއި، ކުރިއަށް އޮތް އިންތިޚާބަށް ނުކުމެ އެމްޑީޕީގެ ކެންޑިޑޭޓުން ހޮވަން ރައްޔިތުން ކެތްމަދުވެފައި ތިބި މަންޒަރު މިހާރު ފާހަގަވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް