ކެމްޕޭން މަރުހަލާ ނިމުމުން އޭސީސީ: ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ފަދަ މައްސަލަތައް ބަލަމުންދޭ

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އޭސީސީގެ ރައީސް އާދަމް ޝާމިލް: ކެމްޕޭނަށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ފަދަ މައްސަލަތައް ބަލަމުން އަންނަ ކަމަށް އޭސީސީން ބުނެފައިވޭ -- ސަން ފޮޓޯ/ މުޙައްމަދު މާވީ

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި ޚިޔާލު ހޯދުމުގެ ވޯޓުގެ ކެމްޕޭން ނިމުމަކަށް އައިސްފައިވާއިރު، އިންތިޚާބާ ގުޅޭ ކޮރަޕްޝަނުގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފިއެވެ. މީގެ ތެރޭގައި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި، ވޯޓަށް ނުފޫޒު ފޯރުވުމަށް ރިޝްވަތު ދިނުން ފަދަ މައްސަލަތައް ހިމެނެއެވެ. ވެރިކަންކުރާ ޕީއެންސީން ނުފޫޒު ފޯރުވާކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ވަނީ ޝަކުވާ ހުށަހަޅާފައެވެ.

  • އިންތިޚާބާ ގުޅޭ ރިޝްވަތާއި ނުފޫޒުގެ މައްސަލަތައް އޭސީސީން އަންނަނީ ތަހުގީގު ކުރަމުން
  • ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރާ ކަމުގެ ޝަކުވާ އިދިކޮޅު ފަރާތްތަކުން ވަނީ ހުށަހަޅާފައި
  • ވޯޓަށް ނުފޫޒު ފޯރުވުމަށް ދެވޭ އެއްވެސް ރިޝްވަތެއްގައި ނުހިފުމަށް އޭސީސީން ވަނީ އިލްތިމާސްކޮށްފައި
  • އިންތިޚާބާ ދިމާކޮށް ފުލެޓުތަކުގެ ކުލި މާފުކުރުމާއި ވަޒީފާ ދިނުން ފަދަ ކަންކަމާމެދު އާންމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން

މާދަމާ ބާއްވާ މުހިންމު ދެ ވޯޓެއްގެ ކެމްޕޭން މަރުހަލާ މިއަދު އިރުއޮއްސުމާ ހަމައަށް ހަމަވެފައިވާއިރު، އިންތިޚާބާ ގުޅިގެން ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ފަދަ މައްސަލަތައް ބަލަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބުނެފިއެވެ.

މާދަމާ ލޯކަލް ކައުންސިލް އިންތިޚާބާއި، މައި ދެ އިންތިޚާބު އެއްކޮށްލުމަށް ޚިޔާލު ހޯދުމުގެ ވޯޓު ބާއްވާނެއެވެ. އެ ދެ ވޯޓަށް ވެސް ވާދަވެރި ކެމްޕޭންތަކެއް ކުރުމަށްފަހު، މިއަދު ހަވީރު ހަރަކާތްތައް ވަނީ ނިންމާލައިފައެވެ.

އެ ވޯޓުތަކަށް ވެރިކަންކުރާ ޕީއެންސީން ނުފޫޒު ފޯރުވާކަމުގެ ތުހުމަތުތަކެއް ވަނީ އަމާޒުވެފައެވެ. އެ މައްސަލައިގައި ޝަކުވާ ކުރުމަށް އިދިކޮޅު އެމްޑީޕީން އިލެކްޝަންސް ކޮމިޝަނާއި އޭސީސީއަށް މިދިޔަ ބުދަ ދުވަހު ގޮސްފައިވެއެވެ.

'ސަން'އިން މީގެ ކުރިން ވަނީ، އިންތިޚާބަށް ތައްޔާރުވުމަށް ކުރާ ކެމްޕެއިންގެ ތެރެއިން ނުފޫޒު ފޯރުވުމާއި ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކޮށްގެން ހުށަހެޅި މައްސަލަތަކުގެ އަދަދާއި، މައްސަލަތައް ހުށަހެޅި ވަކިވަކި ބާވަތްތަކާ ގުޅޭގޮތުން އޭސީސީއާ ސުވާލުކޮށްފައެވެ. ނަމަވެސް އެ ކޮމިޝަނުން ޖަވާބެއް ދީފައިނުވެއެވެ.

އެއަށްފަހު، މިއަދު ކެމްޕޭންތައް ނިންމާލި ފަހުން އޭސީސީން ނެރުނު ބަޔާނެއްގައި ވަނީ، އިންތިޚާބާ ގުޅިގެން ހިންގާ ރިޝްވަތުގެ އަމަލުތަކާއި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލަތައް އެ ކޮމިޝަނަށް ހުށަހަޅައިފައިވާ ކަމަށެވެ. އަދި މީޑިއާގެ ވަސީލަތްތަކުން ފާހަގަކުރާ އެފަދަ މައްސަލަތަކާއި އެހެނިހެން ގޮތްގޮތުން ކޮމިޝަނުގެ ސަމާލުކަމަށް އަންނަ ޝަކުވާތައް ހިމެނޭހެން، އެ ކޮމިޝަނުން އެ ތުހުމަތުތައް ތަހުގީގުކުރަމުން އަންނަ ކަމަށް ބަޔާނުގައިވެއެވެ.

އޭސީސީން ތަހުގީގު ކުރާ މައްސަލަތަކަކީ ޖިނާއީ މައްސަލަތައް ކަމުން، އެ މައްސަލަތައް ތަހުގީގުކުރުމުގައި ކޮމިޝަނުން ތަބާވަނީ ރާއްޖޭގެ ޖިނާއި އަދުލުގެ ނިޒާމުން އެކަށައަޅައިފައިވާ މިންގަނޑުތަކަށް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

"އިންތިޚާބުގެ ނަޒާހާތްތެރިކަން ކަށަވަރު ކުރުމަށް ޓަކައި، ކެމްޕޭން ކުރުމުގައި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި، ވޯޓަށް ނުފޫޒު ފޯރުވުމަށް ރިޝްވަތު ދިނުމާއި ހިފުން ފަދަ ކަންކަމުން ދުރުހެލިވުމަކީ ނުހަނު މުހިންމު ކަމެއް،" އޭސީސީގެ ބަޔާނުގައިވެއެވެ.

އެހެންކަމުން، ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން އެއްވެސް ފަރާތަކަށް ރިޝްވަތު ހުށަނޭޅުމަށާއި ވޯޓު ދިނުމުގެ ގާނޫނީ ހައްގު ހެޔޮ ގޮތުގައި ބޭނުންކުރުމަށް އެ ކޮމިޝަނުން ގޮވާލިއެވެ. އަދި ވޯޓު ދިނުމުގެ ޒިންމާ އަދާކުރުމުގައި އެއްވެސް ފަރާތަކުން ހުށަހަޅާ ރިޝްވަތުގައި ނުހިފައި، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު އެ ހައްގުގެ ބޭނުން ފުރިހަމައަށް ހިފުމަށް އޭސީސީން އިލްތިމާސްކޮށްފައިވެއެވެ.

ކޮރަޕްޝަނަކީ ރާއްޖޭގައި ބޮޑުވެފައި އޮތް މައްސަލައެކެވެ. އެކިއެކި މަޝްރޫއުތަކުން ވެސް ކޮރަޕްޝަން ހިންގާކަމުގެ ޝަކުވާ ބޮޑެވެ. އަދި، އެފަދަ މައްސަލަތައް އޭސީސީން އެންމެ އެކަށީގެންވާ ގޮތުގައި ތަހުގީގުނުކުރާކަމުގެ ޝަކުވާ ވެސް އާންމުން ކުރެއެވެ.

https://sun.mv/219982

މާދަމާ އޮތް އިންތިޚާބު ކުޑަތަންވެފައި އޮއްވައި، ހުޅުމާލޭގެ ބެލެނިވެރި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވަނީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފުލެޓުތަކުގެ ދެ އަހަރުގެ ކުލި އެއްކޮށް ކަނޑައިލައިފައެވެ. އަދި ގަލޮޅުގައި ހުންނަ ސިނަމާލެ ފުލެޓާއި މާލޭހިޔާ ފުލެޓުތައް މިލްކުކުރުމަށް ފައިސާ ދައްކާފައިވާ މީހުންނަށް އެއްލައްކަ ރުފިޔާ ދިނުމަށްވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، މިދިޔަ ފެބްރުވަރީ މަހުގެ މެދުތެރޭ ނިންމަވައިފައެވެ.

މީގެ އިތުރުން ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުން އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ވަޒީފާތަކަށްވެސް ހުޅުވައިލައިފައިވެއެވެ.

އިންތިޚާބުތަކާ ގާތްކޮށް އާންމުންނަށް ލުއިތައް ދިނުމުގެ އިތުރުން، މަޝްރޫއުތަކުގެ ބިންގާ އެޅުމާއި، ސަރުކާރު ކުންފުނިތަކަށް މުވައްޒަފުން ނެގުމުގެ ކަންބޮޑުވުން ބައެއް މީހުން ފާޅުކުރެއެވެ.

comment ކޮމެންޓް