ރައްޔިތުން ބުރަ އުފުލަންޖެހޭ ގޮތަށް ސަރުކާރުން ސިޔާސަތުތައް އެކުލަވާލުމަކީ ވެވޭ ޚިޔާނާތެއް: ޔާމީން

ކުރީގެ ރައީސް ޔާމީން: ދިވެހިން ބުރަ އުފުލަންޖެހޭ ގޮތަށް ސަރުކާރުން ސިޔާސަތުތައް އެކުލަވާލުމަކީ ރައްޔިތުންނަށް ވެވޭ ބޮޑު ޚިޔާނާތެއް ކަމަށް ވިދާޅުވި -- ފޮޓޯ/ ޕީއެންއެފް

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ މިހާރުގެ ސަރުކާރުގެ އިޤުތިޞާދީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ދަރަނި އިތުރުވުމާއި، ސިޔާސީ ބޭނުމަށް ވަޒީފާ ދިނުމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ވަނީ ވަރަށް ބޮޑަށް ވެއްޓިފައެވެ. އަދި ރައްޔިތުންނަށް ބުރަ އުފުލަންޖެހޭ ގޮތަށް ކަންކަން ނިންމުމަކީ ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު ޚިޔާނާތެއްކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ. ހުޅުމާލޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން، ދިވެހި ރުފިޔާގެ އަގު 35 ނުވަތަ 40 އިންސައްތައާ ދެމެދުގެ މިންވަރަކަށް ވެއްޓިފައިވާކަން ޔާމީން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުންނާއި ދައުލަތުގެ އިދާރާތަކުން ވަޒީފާތައް ދެނީ ހަމައެކަނި ވެރިކަން ދިފާޢުކުރުމުގެ ބޭނުމުގައިކަމަށް ޔާމީން ތުހުމަތުކުރެއްވިއެވެ. އެހެންނަމަވެސް، މި ފާޑުކިޔުންތަކާ އެކުވެސް، ދިވެހި ސަރުކާރުން ވަނީ އައު ދަރަންޏެއް ނުނަގައި، 2021 ވަނަ އަހަރު ނަގާފައިވާ 525 މިލިއަން ޑޮލަރުގެ ސުކޫކު އެއްކޮށް ދައްކައި ޚަލާސްކޮށްފައެވެ. މާލީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ދަރަނި ދެއްކުމަށް ބޭނުންކޮށްފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑާއި ދައުލަތުގެ ރިޒާވްއެވެ. މިކަމާ ގުޅިގެން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ސަރުކާރަށް ތަޢުރީފުކުރައްވައި، މިއީ އިޤުތިޞާދަށް ލިބުނު ބޮޑު ކުރިއެރުމެއްކަމަށް ވިދާޅުވެފައެވެ.

  • ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން އިޤުތިޞާދު ހަލާކުވެފައިވާކަމަށް ޔާމީން ތުހުމަތުކުރެއްވުން.
  • ދިވެހި ރުފިޔާގެ އަގު 35 ނުވަތަ 40 އިންސައްތައަށް ވެއްޓިފައިވާކަމަށް ބުނުން.
  • 2021 ވަނަ އަހަރުގެ 525 މިލިއަން ޑޮލަރުގެ ސުކޫކު ދައްކައި ޚަލާސްކުރުން.
  • އައު ލޯނެއް ނުނަގައި ދަރަނި ދެއްކުމަކީ ކުރިއެރުމެއްކަމަށް ނަޝީދު ފާހަގަކުރެއްވުން.

މުޅި ރާއްޖޭގެ އިގުތިސޯދު ހަލާކުވެފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ހުރިހާ ދިވެހިން ބުރަ އުފުލަންޖެހޭ ގޮތަށް ސަރުކާރުން ސިޔާސަތުތައް އެކުލަވާލުމަކީ ރައްޔިތުންނަށް ވެވޭ ބޮޑު ޚިޔާނާތެއް ކަމަށް، ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައި 'މި ނިންމުން މަ ނިންމައިފިން' ނަމުގައި ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ، ރައްޔިތުން ބިކަ ހާލުގައި އުޅެނީ ސަރުކާރުގެ ސިޔާސަތުތައް ގޯސްވުމުގެ ސަބަބުން ކަމަށެވެ.

ޔާމީން ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތައް ގޯސްވުމުގެ ނަތީޖާއެއްގެ ގޮތުން ދިވެހި ރުފިޔާގެ އަގު ވަރަށް ބޮޑަށް ވެއްޓިއްޖެ ކަމަށެވެ. އެގޮތުން 35 ޕަސެންޓާއި 40 ޕަސެންޓާ ދެމެދުގެ އަގަކަށް ދިވެހި ރުފިޔާގެ އަގު ވެއްޓިއްޖެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސަތުތައް ގޯސް ސަބަބުތަކެއް ކަމަށް ޔާމީން ވިދާޅުވީ، ދަރަނިވާ ވަރަށް، ބޮޑެތި އަދަދުތަކުން ސަރުކާރުން ލޯނު ނަގައި، ސަރުކާރުގައި ލޯނު ދެއްކުމަށް ހަރުދަނާ ސިޔާސަތެއް ނެތުމާއި، ކޮންމެ އިންތިޚާބަކާ ދިމާކޮށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާތައް ދިނުމެވެ. އެކަމުގެ ސަބަބުން ރައްޔިތުން ބޭނުންވާ ކަންކަމުން މަހުރޫމްވެ، ރައްޔިތުން އެކަމުގެ ބުރަ އުފުލަންޖެހުމަކީ މައްސަލައެއް ކަމަށް، އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ރައްޔިތުން ވެރިކަން ހަވާލުކުރީ އަމާނާތެއްގެ ގޮތުގައި ކަމަށް ވިދާޅުވެ، ވެރިކަންކުރަން ވާނީ ގާނޫނީ ހުދޫދުގެ ތެރެއިން ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެންކަން ޔާމީން ފާހަގަކުރެއްވިއެވެ.

އެހެންވީމާ މުޅި ދިވެހިރާއްޖޭގެ އިގުތިސޯދު ހަލާކުވެގެން އޭގެ ބުރަ ހުރިހާ ދިވެހި ރައްޔިތުން، އެއީ މާލޭގަ އުޅުނަސް އުލިގަމުގަ އުޅުނަސް ތުރާކުނުގަ އުޅުނަސް، އައްޑުއަތޮޅު ހިތަދޫގަ އުޅުނަސް، މީހުންނަށް އުފުލަންޖެހޭ ގޮތަށް ސިޔާސަތުތައް ތަރުތީބުކުރީމަ އެއީ ރައްޔިތުންނަށްވާ ޚިޔާނާތެއް،ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް

ރައީސުލްޖުމްހޫރިއްޔާ ސިޔާސީ މަގާމުތަކަށް އައްޔަނުކުރަންވާނީ ކުފޫ ހަމަވާ މީހުން ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުންނާއި ވުޒާރާތަކާއި ދައުލަތުގެ އެކި އިދާރާތަކުން ވަޒީފާތައް މީހުންނަށް ދެނީ ވެރިކަން ދިފާއުކުރުމުގެ ބޭނުމުގައި ކަމަށެވެ.

"އެހެންވީމާ އޭނާގެ ވެރިކަން ދިފާއުކުރުމަށްޓަކައި ރައްޔިތުން ފަނާވާ ގޮތަށް މުޅި ގައުމު ހަލާކުކޮށްލާ ގޮތަށް ކަންކަން ކުރުމަކީ އޭނާއަށް ލިބިފައި އޮތް ބާރެއްނޫން،" އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ތެޔޮ ހޯދަންވެސް ދަތިވެފައިވާ ކަމަށް ވިދާޅުވެ، ޔާމީން ވަނީ ސަރުކާރުން ރައްޔިތުންގެ ކުރިމަތީގައި ހިތްތިރިވެ، ރައްޔިތުންނާ ގުޅިގެން ދަތިތަކުން އަރައިގަތުމަށް މަސައްކަތްކުރުމަށް ގޮވާލައްވައިފައެވެ.

ޔާމީން އެފަދައިން ވިދާޅުވިއިރު، ދިވެހި ސަރުކާރުން އިއްޔެ ވަނީ، ނިމިދިޔަ ސަރުކާރުގައި 2021 ވަނަ އަހަރު ދޫކުރި ސުކޫކަށް ދައްކަންޖެހޭ 525 މިލިއަން ޑޮލަރުގެ ބޮޑު ދަރަނި އެއްކޮށް ދައްކައި ޚަލާސްކޮށްފައިވާކަން އިއުލާންކޮށްފައެވެ.

https://sun.mv/220069

މާލީ ވުޒާރާއިން ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ސަރުކާރުން ދައްކާފައިވަނީ ޖުމްލަ 524.68 މިލިއަން އެމެރިކާ ޑޮލަރެވެ. މިއީ ދިވެހި ފައިސާއިން ބަލާނަމަ ގާތްގަނޑަކަށް އަށް ބިލިއަން ރުފިޔާއެވެ. މި ފައިސާގެ ތެރޭގައި ސުކޫކުގެ އަސްލު އަގު ކަމަށްވާ 500 މިލިއަން ޑޮލަރާއި، އިންޓްރަސްޓް ނުވަތަ ކޫޕަން ޕޭމަންޓްގެ ގޮތުގައި ދައްކަންޖެހޭ 24.68 މިލިއަން ޑޮލަރު ހިމެނެއެވެ.

މި ބޮޑު ދަރަނި ދެއްކުމަށް ބޭނުންކޮށްފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އާއި ދައުލަތުގެ ރިޒާވެވެ.

އެކަމާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ނަޝީދު ވިދާޅުވީ، އައު ދަރަންޏެއް ނުނަގައި، ދައުލަތުން ދައްކަންޖެހޭ ބޮޑު ދަރަންޏެއް މިގޮތަށް ދެއްކުމަކީ އިގްތިސޯދީ ގޮތުން ލިބުނު ކުރިއެރުމެއް ކަމަށެވެ.

comment ކޮމެންޓް