ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ ޕީއެންއެފްގެ ކެންޑިޑޭޓުން ނެތް ރަށްރަށުގައި އެ ޕާޓީގެ މެންބަރުން އެމްޑީޕީއަށް ވޯޓުދިނުމަށާއި، އެމްޑީޕީގެ ކެންޑިޑޭޓުން ނެތް ރަށްރަށުގައި ޕީއެންއެފްގެ ކެންޑިޑޭޓުންނަށް އެ ޕާޓީގެ މެންބަރުން ވޯޓުދިނުމަށް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު އެދިވަޑައިގެންފިއެވެ.
ކައުންސިލު އިންތިޚާބަށް ތިން ދުވަސް އޮތް އިރު، ނަޝީދު ގެންދަވަނީ ކެމްޕެއިނަށް ރަށްރަށަށް ޒިޔާރަތްކުރައްވައި، އެމްޑީޕީއަށް ތާއީދު ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވަމުންނެވެ.
އެގޮތުން، ގދ. ހޯނޑެއްދުއަށް މިއަދު ވަޑައިގެން ނަޝީދު ވަނީ، އެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް އަމިއްލަގޮތުން ކުރިމަތިލެއްވި ޝަކީބާ ޢަބްދުالله އަށް ވޯޓުދެއްވުމަށް އެދިވަޑައިގެންފައެވެ. ޝަކީބާ އަމިއްލަގޮތުން ވާދަކުރެއްވި ނަމަވެސް، އަންހެނުންގެ ކޮމިޓީގެ މެންބަރުކަމަށް ވާދަކުރައްވަނީ ޕީއެންއެފްގެ ތާއީދާ އެކުގައެވެ.
ޝަކީބާއަށް ތާއީދު ދެއްވަން އެދިވަޑައިގެން ނަޝީދު ވަނީ، ޕީއެންއެފްގެ ކެންޑިޑޭޓުން ނެތް ރަށްރަށުގައި، އެ ޕާޓީގެ މެންބަރުން އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓުދެއްވުމަށް އެދިވަޑައިގެންފައެވެ.
"އަދި އަޅުގަނޑަށް ޔަގީން ކަށަވަރު، އެމްޑީޕީ މެންބަރުންވެސް އަދި އެމްޑީޕީއަށް ތާއީދުކުރައްވާ މެންބަރުންވެސް، އެމްޑީޕީގެ ވާދަކުރާ ގޮނޑިއެއް ނެތް ތަންތަނުގައި ޕީއެންއެފްގެ ކެންޑިޑޭޓުންނަށް އިރާދަކުރެއްވިއްޔާ ވޯޓުދޭނެ، މި އިންތިޚާބު އިރާދަކުރެއްވިއްޔާ ކާމިޔާބުކުރާނީ އަޅުގަނޑުމެން އެންމެން ގުޅިގެން އެކުގައި،" އެމަނިކުފާނު ވިދާޅުވިއެވެ.
ނަޝީދު މިފަދައިން ވިދާޅުވިއިރު، އެމަނިކުފާން ވިދާޅުވާފަދަ "އަނެއް ދިވެހިރާއްޖެ" ހޯދަން މިހާރު ޖެހިއްޖެ ކަމަށް ވިދާޅުވެ، ކައުންސިލު އިންތިޚާބުގައި ސަރުކާރު މައި ޕާޓީ ޕީއެންސީ ނޫން އެހެން ހުރިހާ ކެންޑިޑޭޓުންނަށް ތާއީދުކުރައްވާ ކަން ޔާމީން ވަނީ، މިދިޔަ ބުރާސްފަތި ދުވަހުގެރޭ ހާމަކުރައްވައިފައެވެ.
'ޗަގޯސް'ގެ ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ކޮންމެ ވާހަކައެއް ވެސް ރައީސަކު ވިދާޅުވުމުން އެކަން ސީރިއަސްކޮށް ނަގަން ޖެހޭނެ ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ ޚިޔާލުފުޅަށް އަންނަނީ ކުރީގެ ރައީސް ނަޝީދު ވިދާޅުވި ވާހަކަފުޅެއް ކަމަށާއި، މިއަދު ގައުމުގެ ހާލަތު އައިސް އޮތް ހިސާބަށް ބަލާއިރު "އަނެއް ދިވެހިރާއްޖެ" ހޯދަން ޖެހިއްޖެ ކަމަށް ޔާމީން ތަކުރާރުކޮށް ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ ދިވެހީންގެ ކާބަފައިންނާއި، ގާނޫނުތަކާއި، ދުސްތޫރާއި، ދިވެހީންގެ އާދަތަކަށް ބިނާކޮށް ގެނައި ނިޒާމެއް މި ގައުމަކު ނުހިނގި ކަމަށެވެ. އެ ނުހިނގީ އޭގެ ޒާތުގައި ނިޒާމުގައި ހުރި ކޮރު ކަމަކުން ނޫން ކަމަށާއި، އެ ހިންގަން އައި މީހުންގެ ކޮރުކަމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެކަން އެހެންވީ، އެ ހިންގަން އައި މީހުންގެ ގާބިލުކަން ނެތީތީ ކަމަށް ވިދާޅުވިއެވެ.
ގައުމުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ޔާމީން ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީއަށް ބޮޑުތަނުން ނޫނެކޭ ބުނަން އެދިވަޑައިގެންފައެވެ. ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި، މާލެ ސިޓީގެ މެޖޯރިޓީ ގޮނޑިތަކާއި އެ ނޫން ވެސް ބާރުތައް ރައްޔިތުން ދިން ނަމަވެސް މިއަދާ ހަމައަށް ރައްޔިތުންނަށް ވި މޮޅެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންކަމުން ޕީއެންސީގެ ކެންޑިޑޭޓުން ނޫން އެހެން ކެންޑިޑޭޓުންނަށް އެމަނިކުފާނުގެ ތާއީދު އެބަ އޮތް ކަމަށް ތާމީން ވިދާޅުވިއެވެ.
"ޕީއެންސީ ނޫން ކެންޑިޑޭޓުންނަށް އަޅުގަނޑުގެ ތާއީދު އެބައޮތް،" ޕީއެންސީއަށް ކައުންސިލްތައް ދިނުމުގެ އެއްވެސް މާނައެއް ނެތް ކަމަށް ވިދާޅުވެ ޔާމީން މަޖާޒީ ގޮތަކަށް ވިދާޅުވިއެވެ.