ގިރާވަރުފަޅު ހިއްކުން ކުރިއަށް ގެންދާ ގޮތް ރައީސް ބައްލަވައިލައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު (މ)، އެމްއޭސީއެލްގެ ސީއީއޯ ޝަރީފާއި (ކ) ހައުސިން މިނިސްޓަރު މުއްޠަލިބާ (ވ) އެކު: ރައީސް ވަނީ ގިރާވަރުފަޅުގެ މަސައްކަތް ދާ ގޮތް ބައްލަވައިލައްވައިފަ --- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ގޮތް މިއަދު ބައްލަވައިލައްވައިފިއެވެ. މި ދަތުރުފުޅުގައި ވަޒީރުންނާއި ކަމާގުޅުންހުރި އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެން، މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތުތައް ރައީސްއާ ހިއްސާކުރެއްވިއެވެ. ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މި މަޝްރޫއަކީ ވަރަށް މުހިންމު މަސައްކަތެއްކަން ފާހަގަކުރެވެއެވެ. މިހާތަނަށް ގިރާވަރުފަޅުން ހިއްކަން ކަނޑައަޅާފައިވާ ބިމުގެ ބޮޑު ބައެއް މިހާރު ވަނީ ހިއްކައި ނިމިފައެވެ.

  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތްތައް ޒިޔާރަތްކުރައްވައި ބައްލަވައިލެއްވުން
  • ގިރާވަރުފަޅުގެ 167 ހެކްޓަރުގެ ތެރެއިން 105 ހެކްޓަރުގެ ބިން މިހާރު ހިއްކައި ނިމިފައިވުން
  • މި އަހަރުގެ އޭޕްރީލް މަސް ނިމުމުގެ ކުރިން ހިއްކުމުގެ މަސައްކަތްތައް މުޅިން ނިންމުމަށް އަމާޒު ހިފުން
  • ޖޫން މަހުން ފެށިގެން ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކަށް ގޯތިތައް ހަވާލުކުރަން ފެށުމަށް ނިންމުން

ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްލަވައިލައްވައިފިއެވެ.

މިއަދު މެންދުރުފަހުގެ ވަގުތެއްގައި ރައީސާއެކު، ހައުސިން މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބާއި އެމްއޭސީއެލްގެ ސީއީއޯ އިބްރާހީމް ޝަރީފް މުޙައްމަދާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ގިރާވަރުފަޅު ހިއްކުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ވަނީ ބައްލަވައިލައްވައިފައެވެ.

ރައީސް އޮފީހުން ބުނީ، ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ބައްލަވާލެއްވުމަށް ރައީސް ވަޑައިގަތުމުން، އެ މަސައްކަތުގެ އެންމެ ފަހުގެ އަދާހަމަ ރައީސާ ހިއްސާކުރިކަމަށެވެ.

އެއާޕޯޓުތަކާ ބެހޭ ސަރުކާރު ކުންފުނި އެމްއޭސީއެލާ ހަވާލުކޮށްގެން ކުރިއަށް ގެންދާ، ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ޖުމުލަ 97 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ.

ގިރާވަރުފަޅު ހިއްކުމަށް ބޭނުންކުރާ ހައިމާކެއް --- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، އޭގެ ތެރެއިން 35 ހެކްޓަރުގެ ބިން ވަނީ ހިއްކައިފައެވެ. އަދި ފަންޑު މެނޭޖްމަންޓް ކުންފުނީގެ ދަށުން، ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 70 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާ ކަމަށްވެސް އެ ތަފާސްހިސާބުތަކުގައިވެއެވެ.

އެހެންކަމުން، ރައީސް އޮފީހުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން، ގިރާވަރުފަޅުން ހިއްކަން ފަށާފައިވާ 167 ހެކްޓަރުގެ ބިމުގެ ތެރެއިން 105 ހެކްޓަރު ވަނީ ހިއްކައި ނިމިފައެވެ.

ގިރާވަރުފަލު މަތިން ފެންނަ ގޮތް --- ފޮޓޯ: ރައީސް އޮފީސް

މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު ރައީސް 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައިވަނީ، މި ފެށޭ އޭޕްރިލް މަސް ނިމުމުގެ ކުރިން ގިރާވަރުފަޅު ހިއްކައި އެއްކޮށް ނިމި، އެ ތަނުން ޖޫން މަހުން ފެށިގެން ގޯތިތައް ހަވާލުކުރަން ފެށޭނެ ކަމަށެވެ.

ގިރާވަރުފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ 35،000 ކޮޑި މީޓަރުގެ "ކުއީން އޮފް ދަ ނެދަލޭންޑްސް"، އަދި 22،000 ކޮޑި މީޓަރުގެ "އޮރެންޖް" ނަމަކަށް ކިޔާ ޑްރެޖަރު ބޭނުންކޮށްގެންނެވެ.

ކުރީ ސަރުކާރުން ފެށި ބިންވެރިޔާ ސްކީމުގެ ދަށުން ގިރާވަރުފަޅުން ފުރަތަމަ ނިންމީ 2،000 ގޯއްޗެވެ. އެކަމަކު، ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ، ބާކީ ގޯތި ގުޅިފަޅުން ދޭން ސަރުކާރުން ނިންމައި، ގޯތި ބަދަލުކުރުމަށް އެދި ހުށަހެޅުމަށް އޭޕްރީލް ހަތެއް، 2024 ގައި ހުޅުވާލިއެވެ.

https://sun.mv/217908

އެ ފުރުސަތުގައި ގުޅީފަޅަށް ގޯތި ބަދަލު ކުރުމަށް 2210 މީހުން އެދުނެވެ. އެ މީހުންގެ މެދުގައި ޖޫން މަހު ވަނީ ގުރު ނަގައިފައެވެ.

ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާއިރު، ހުޅުމާލޭ ފޭސް ތިނަކާއި ގުޅީފަޅުގެ އިތުރުން އުތުރުތިލަފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް ގެންދިއުމަށް އިތުރު ތިން ޑްރެޖަރު ގެންނާނެ ކަމަށް، މުއްޠަލިބު މީގެ ކުރިން ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް