ވ. ފެލިދޫ ކައިރީ ކަނޑުމަތީގައި ބުރާސްފަތި ދުވަހުގެ ރޭ ހިނގި ލޯންޗު ހާދިސާގައި އަނިޔާވި އެކަކުގެ އަތް ބުރިވެ، އޭނާ އިތުރު ފަރުވާ ހޯދަން އިންޑިއާއަށް ގޮސްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ޖުމަލް ހަތް މީހުންނާއެކު ވ. ފެލިދޫ ކައިރިއިން ދަތުރުކުރަމުން ދަނިކޮށް ލޯންޗެއް ބަންޑުން ޖަހާލި ކަމަށް ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 01:15 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ.
ފުލުހުން ބުނީ އެ ހާދިސާ ހިނގި ވަގުތު އެ އުޅަނދުގައި ތިބި މީހުންގެ ތެރޭގައި ހިމެނެނީ އިނގިރޭސިވިލާތާއި ރަޝިޔާއަށް ނިސްބަތްވާ ދެ އަންހެނުންނާއި، އިންޑިއާއަށް ނިސްބަތްވާ ފަސް ފިރިހެނުން ކަމަށެވެ. އޭގެ ތެރެއިންފަސް މީހުން ކަނޑަށް ވެއްޓުނު ކަމަށާއި އެއީ ރަޝިޔާގެ އަންހެން މީހާގެ އިތުރުން އިންޑިއާއަށް ނިސްބަތްވާ ހަތަރު ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.
އޭގެ ތެރެއިން އިންޑިއާއަށް ނިސްބަތްވާ ދެ ފިރިހެނުން ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެމްއެންޑީއެފުން މިއަދު ވަނީ، އެ ދެ މީހުން ހޯދުމަށް ކަނޑުމަގުން 3450 ސްކޮޔާ ނޯޓިކަލް މޭލުގެ ސަރަހައްދަކާއި ކަނޑު އަޑިން ފީނައިގެން 7000 ސްކޮޔާ މީޓަރުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް ބުނެފައެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ހާދިސާގައި ލޯންޗުގައި ތިބި އެންމެނަށް ވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، އެ މީހުންނަށް ފުރަތަމަ ފަރުވާ ދީފައިވަނީ ވ. އަތޮޅު ހޮސްޕިޓަލުގައި ކަމަށެވެ.
އޭގެ ތެރެއިން ރަޝިއާގެ އަންހެނަކަށާއި އިންޑިއާގެ ފިރިހެނަކަށް މިހާރު ދަނީ ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލުގައި އިތުރު ފަރުވާ ދެމުން ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
"އަދި މި ހާދިސާގައި އަތެއް ބުރިވެ، ސީރިއަސް އަނިޔާތަކެއް ލިބުނު އިންޑިއާގެ ފިރިހެނަކު، އިތުރު ފަރުވާ ހޯދުމަށްޓަކައި މިއަދުގެ ވަގުތެއްގައި ވަނީ އިންޑިއާއަށް ފުރައިފައެވެ." ބަޔާނުގައިވެއެވެ.
ފުލުހުން ބުނީ، އެ ހާދިސާ ހިނގި ވަގުތު ލޯންޗުގައި ތިބި އިތުރު ދެ މީހަކު ވަނީ އިއްޔެ ފަރުވާއަށް ރާއްޖެއިން ފުރައިގެން އިންޑިއާއަށް ގޮސްފައެވެ. އެއީ އިންޑިއާއަށް ނިސްބަތްވާ ފިރިހެނަކާއި އިނގިރޭސިވިލާތަށް ނިސްބަތްވާ އަންހެން މީހާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
ފުލުހުން ވަނީ އެ ހާދިސާ ދިވެހި ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފައެވެ. ނަމަވެސް ހާދިސާ ހިނގަން މެދުވެރިވި ގޮތާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް އެ މުއައްސަސާއިން މިހާތަނަށް ހިއްސާނުކުރެއެވެ.
އިންޑިއާގެ ބައެއް ނޫސްތަކުގައި ވަނީ އެ ހާދިސާގައި އަނިޔާވި އެކަކަކީ އުމުރުން 60 އަހަރުގެ, އިންޑިއާގެ ބިލިއަނަރެއް ކަމަށްވާ ގޯތަމް ސިންހާނިއާ ކަމަށް ރިޕޯޓުކޮށްފައެވެ. އަދި އޭނާގެ ތަރުޖަމާނާ ހަވާލާދީ، އޭނާއަށް ކުދި އަނިޔާތަކެއް ލިބިފައިވާ ކަމަށާއި، އޭނާ އިންޑިއާގެ މުމްބާއީއަށް ގެންގޮސްފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ "ސަން"އަށް ވިދާޅުވި ގޮތުގައި، އެ ލޯންޗުގައި ތިބި މީހުން ދިން މައުލޫމާތުން، ހާދިސާ ހިނގި ވަގުތު ލޯންޗު ދުއްވަން އިނީ ސިންހާނިއާކަން އެނގެއެވެ.
އެ ހާދިސާގައި ލޯންޗު ބަންޑުން ޖަހާލީ ނޫން ކަމަށާއި، އެއީ ސިންހާނިއާ މަސްތުގައި ހުރެގެން ބާރު ސްޕީޑުގައި ލޯންޗު ދުއްވަނިކޮށް ބަޔަކު ކަނޑަށް ވެއްޓިގެން ހިނގި ހާދިސާއެއް ކަމަށް ޝުޖާއު ވަނީ ތުހުމަތު ކުރައްވައިފައެވެ.