އިސްލާމީ ސަގާފަތާ ބީރައްޓެހި ކުޅިވަރުތަކަށް ޢީދުގައި ޖާގަނުދޭން ޚުތުބާގައި ގޮވާލައިފި

މާލޭގެ އެކި ސަރަހައްދުތަކުގައި ޢީދު ނަމާދުކުރުން: -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ފިޠުރު ޢީދުގެ އުފާ ފާޅުކުރުމުގައި ޝަރުޢީ މިންގަނޑުގައި ހިފަހައްޓާން ހަނދާންކޮށްދީ، އިސްލާމީ ސަގާފަތާ ބީރައްޓެހި ކުޅިވަރުތަކަށް ޢީދުތަކުގައި ޖާގަ ނުދިނުމަށް މިއަދުގެ ފިޠުރު ޢީދު ޚުތުބާގައި ގޮވާލައިފިއެވެ.

ސާދަސަތޭކަ ސާޅީސް ހަތް ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަހުގެ ޚުތުބާގެ މައުޟޫއުއަކީ "ފިޠުރު ޢީދުގެ އުފަލާއި އަދަބުތައް"، މިއެވެ.

ޚުތުބާގައި ބުނީ ފިޠުރު ޢީދު ދުވަހަކީ އަޅަމެންނަށް ހިދާޔަތް ދެއްވިކަމަށްޓަކައި، މާތްﷲ އަށް ޝުކުރުކޮށް، އުފާފާޅުކޮށް، މާތްﷲ ގެ މަތިވެރިކަން ބަޔާންކޮށް، ތަކުބީރުގެ އަޑު އުފުލާންވީ ދުވަސް ކަމަށެވެ. އަދި މުސްލިމުންގެ ޢީދު ޒީނަތްތެރިކުރާންވީ ތަކުބީރުން ކަމަށް ޚުތުބާގައި ބުންޏެވެ.

މި ބާއްޖަވެރި ދުވަހު، މާތްﷲ އަޅަމެންނަށް ދެއްވާފައިވާ ގިނަގުނަ ނިއުމަތްތަކުގެ މަތިން ހަނދުމަކުރަން ޚުތުބާގައި ގޮވައިލިއެވެ. އަދި އެކަލާނގެ އަޅަމެންނަށް ދެއްވާފައިވާ އެންމެ މަތިވެރި ނިއުމަތަކީ އިސްލާމްދީން ކަމަށާއި، މި ދީން މަތީގައި ސާބިތުވެ ތިބުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެ ވަސިއްޔަތްކޮށްފައެވެ.

ޚުތުބާގައި ވަނީ ރޯދައިގެ އަޅުކަން އަދާކުރެވުނީތީއާއި، މާތްﷲ އިސްލާމްދީނުގެ މަތިވެރި ނިޢުމަތުގައި އަހަރެމެން ލެހެއްޓެވިކަމަށްޓަކައި، ގިނަގިނައިން އެކަލާނގެ ހަނދުމަކޮށް ތަކުބީރުކިޔަން އެދިފައެވެ.

މުސްލިމުންގެ ޢީދުން ފެންނަނީ، އެބައިމީހުންގެ އެއްބައިވަންތަކަމާއި، ކުޑަކުދީންނާއި ބޮޑެތިމީހުންނާއި، އަންހެނުންނާއި، ފިރިހެނުންގެ މެދުގައިވާ ގުޅުމާއި، ފަގީރުންނާއި މުއްސަދީންގެ މެދުގައިވާ ރަޙުމަތްތެރިކަން ކަމަށް ޚުތުބާގައި ބުންޏެވެ. އަދި މާތްﷲ އަށް ޙަމްދުކޮށް، ސަނާދަންނަވައި، އެކަލާނގެ މަތިވެރިކޮށް، ތަކުބީރުކިޔާ މަންޒަރުކަން ކަމަށް ޚުތުބާގައި ބުންޏެވެ.

މުސްލިމް އަޚުންނާއި އުޚުތުންނޭ! ތިޔަބައިމީހުން ޙަސަދަވެރިކަމާއި ބައިބައިވުމާ ދުރުހެލިވެ، އެކުވެރިވުމަށް މިއަދު ގޮވައިލަން! ކޮންމެ މީހަކު ވެސް، އަނެކާގެ ހައްގުތައް އަދާކުރޭ! މުސްލިމުން ފުރަތަމަ އަދާކުރާންވީ މާތްﷲ ގެ ހައްގުތައް. އެއީ ހަމައެކަނި އެކަލާނގެއަށް އަޅުކަންކުރުން. މާތްﷲ ގެ ހައްގުތަކަށް ފަހު، މައިންބަފައިންގެ ހައްގުތައް، ފިޠުރު ޢީދުގެ ޚުތުބާ

ޚުތުބާގައި ބުނީ މާތްﷲ ގެ ހައްގުތައް އަދާކުރުމަށް އެންގެވި ބަސްފުޅާ ވިދިގެން، މައިންބަފައިންގެ ހައްގުތައް އަދާކުރުމަށް އަމުރުކުރެއްވި ކަމަށެވެ. އަދި ދެން އޮތީ ރަޙިމުގެ ގުޅުންތައް ދެމެހެއްޓުން ކަމަށް ޚުތުބާގައި ބުންޏެވެ.

ޢީދު ދުވަހު ތިބާގެ މޫނުމަތީން ވެސް އުފާވެރިކަން ފާޅުކޮށް، ލޯތްބާއި ކުލުނާއި އަޚުވަންތަކަމުގެ ޝުޢޫރުތަކުން ހަދިޔާ ބަދަލުކުރުމަށް ޚުތުބާގައި ގޮވައިލިއެވެ. އަދި މިއަދަކީ ރޯދައިގެ އަޅުކަން އަދާކުރެވުނުކަމަށްޓަކައި ޝުކުރުކޮށް، ދީލަތިވުމުގެ ދުވަސް ކަމަށް ޚުތުބާގައި ބުންޏެވެ.

ހަމައެއާއެކު އިސްލާމީ ޢީދުތައް ފެށެނީ، އިޖުތިމާޢީ ބޮޑު ބައްދަލުވުމަކުން ކަމަށާއި، މާތްﷲ އަށް ޝުކުރުދެންނެވުމަށްޓަކައި ކުރާ، ޢީދު ނަމާދުން ކަމަށް ޚުތުބާގައި ބުންޏެވެ. މި ނަމާދުގެ ސަބަބުން އެއް ބަޔަކު އަނެއް ބަޔަކާ ބައްދަލުވެ، ސަލާމްކޮށް، ތަހުނިޔާ ބަދަލުކުރެވެއެވެ. އިސްލާމީ ޢީދަކީ އެ ކަމުގައި އެންމެން ބައިވެރިކުރާން ޖެހޭ އިޙުތިފާލެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެހެން ނަސްލުތަކުގެ މުސްލިމުން ވެސް ޢީދުގެ އުފަލުގައި ބައިވެރިކުރާންވާނެ ކަމަށެވެ.

ޢީދުގެ ކުރީން މުއްސަނދީން ފިޠުރު ޒަކާތް ނެރެ، ފަޤީރުންނާއި މިސްކީނުން، މި އުފަލުގައި ބައިވެރިވާން މަގުފަހިކޮށްދޭ ކަމަށް ޚުތުބާގައި ބުންޏެވެ. އަދި ޢީދު ނަމާދުގެ ކުރީން ފިޠުރު ޒަކާތް ނެރުމަށް އަންގަވައިފައި ވަނީ، މި ސަބަބަށް ޓަކައި ކަމަށް ޚުތުބާގައި ބުންޏެވެ.

މުސްލިމް އަޚުންނާއި އުޚުތުންނޭ! ޢީދުގެ އުފާ ފާޅުކުރުމުގައި ޝަރުޢީ މިންގަނޑުގައި ހިފަހައްޓާން ހަނދާންކޮށްދެން! އިސްލާމީ ސަގާފަތާ ބީރައްޓެހި ކުޅިވަރުތަކަށް އަހަރެމެންގެ ޢީދުތަކުގައި ޖާގަނުދީ! ޢީދުގެ މާނައަކީ ތަކުރާރުކޮށް އަންނަ މުނާސަބަތެއް. މާތް ރަސްކަލާކޮ! ޢީދަކަށް ފަހު ޢީދެއް އަޅަމެނަށް ތަކުރާރުކުރައްވާށިއެވެ! އާމީން! ފިޠުރު ޢީދުގެ ޚުތުބާ

ޚުތުބާގައި ބުނީ ރަމަޟާން މަސް އަހަރެމެންނާ ވަކިވެ ދިޔައީ، އަހަރެމެންގެ މައްޗަށް ހެކިދޭ ހެކިވެރިއެއްގެ ގޮތުގައި ކަމަށެވެ. އަދި މާތްﷲ ޝަރުޢުކުރެއްވި ގޮތަށް ރޯދަހިފައި، ރޭއަޅުކަންކުރި މީހުންނަށް ޝަފާއަތްތެރިވާ މަހެއްގެ ގޮތުގައި ކަމަށް ޚުތުބާގައި ބުންޏެވެ. ހަމައެއާއެކު މުސްލިމުން ރަމަޟާންމަހުގައި، ﷲގެ ޙަޟުރަތަށް ކުއްތަންވުމަށް ގަދައަޅައި މަސައްކަތްކުރާ ކަމަށާއި، ނަމާދުކޮށް، ރޭއަޅުކަންކޮށް، އުޅޭކަމަށް ޚުތުބާގައި ބުންޏެވެ.

އެހެންކަމުން ރޯދަމަހަށް ފަހުގައި ވެސް ނަމާދު ގާއިމުކޮށް، އަޅުކަމުގައި ހީވާގިވެ އުޅުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

ރޯދައަކީ، ތަރުބިއްޔަތުގެ މަދަރުސާކަން ފާހަގަކޮށް ޚުތުބާގައި ބުނީ އިސްލާމްދީނަކީ، އެ ދީނުގެ ޝިއާރުތަކުގެ ތެރެއިން، ބަދަހި މުޖުތަމައެއް ބިނާކުރުމަށް ތަމްރީނުދޭ ދީނެއް ކަމަށެވެ. އަދި މި ތަމްރީނުގެ އަމާޒަކީ، ދީނުގެ ހަމަތަކުގެ މަތީގައި މުޅި އުންމަތް އަޚުވަންތަކުރުން ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.

ފިޠުރު ޢީދު ދުވަހުގެ ޚުތުބާ ނިންމައިލީ ޝައްވާލުމަހު ހިފާ ސުންނަތް ހަރޯދަ ހިފުމުން ނަސޭހަތްތެރިވެފައެވެ. އެއީ އެ ހަ ރޯދަ ހިފުމުން މުޅި އަހަރު ރޯދަހިފުމުގެ ސަވާބު ލިބުންފަދައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް