ޢީދުގެ އުފާ: ނަފްސާއި މުޖުތަމަޢު އިޞްލާޙުގެ އާ ފެށުމަކަށް ހަދަމާ!

ރަމަޟާންމަހުގެ ތަރުބިޔަތަށް ފަހު، އިޞްލާޙުގެ އާ ފެށުމަކަށް މި ޢީދު ހަދަމާ ހިނގާށެވެ. ފޮޓޯ / ސިނާރްހަރިއަން،ކޮމް.އެމްވައި

ބަރަކާތްތެރި ރަމަޟާން މަހުގެ ރޯދައާއި ރޭއަޅުކަމުގެ މަތިވެރި ނިޢުމަތަށް ފަހު، މިއަދު އަޅުގަނޑުމެން މި ބައްދަލުކުރީ ފިޠުރު ޢީދުގެ އުފާވެރި މުނާސަބަތާއެވެ. މިއީ މާތް ﷲ ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ ދުވަހެވެ. ހިނިތުންވުމާއި ޢާއިލީ ގުޅުންތައް ބަދަހިކުރުމާއި އެކަކު އަނެކަކަށް މަޢާފުކުރުމުގެ މަތިވެރި ދުވަހެވެ. ނަމަވެސް، މިއަދުގެ މުޖުތަމަޢުގެ އާދަކާދަތަކަށް ބަލައިލާއިރު، އުފާވެރިކަމުގެ ޙަޤީޤީ މާނަ އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް އޮޅިފައިވާ ކަމީ ހިތާމަހުރި ކަމެކެވެ.

ޙަޤީޤީ އުފަލަކީ މާއްދީ ތަކެއްޗެއް ނޫން!

ބައެއް ފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި، އުފަލަކީ ހަމައެކަނި މާއްދީ ތަކެތި ގިނަކުރުމެވެ. އަތްނުފޯރާ ފަށުން ދަރަނިވެރިވެގެން ނަމަވެސް، އެންމެ ފަހުގެ ވަޞީލަތްތަކާއި ބްރޭންޑްތައް ހޯދުމަށް އަމިއްލަ ނަފްސު ތަކުލީފުގެ ތެރެއަށް ވައްޓާލެވެއެވެ. ދަންނާށެވެ! ޙަޤީޤީ އުފަލަކީ ތިމާގެ އަތުގައި ހުރި މިންވަރަށް ޝުކުރުވެރިވެ، ފުދުންތެރި ހިތަކާ އެކު އުޅުމެވެ.

ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވާފައި ވެއެވެ. ((لَيْسَ الغِنَى عن كَثْرَةِ العَرَضِ، ولَكِنَّ الغِنَى غِنَى النَّفْسِ)) (ޞަޙީޙުލްބުޚާރީ، 6446). "މުއްސަނދިކަމަކީ މުދާ ގިނަވުމެއް ނޫނެވެ. އެހެނެއްކަމަކު (ޙަޤީޤީ) މުއްސަނދިކަމަކީ ނަފްސުގެ މުއްސަނދިކަމެވެ."

މި މާއްދިއްޔަތުގެ ތެރެއިން އުފެދޭ އަނެއް ނޭދެވޭ ސިފައަކީ އިސްރާފުކުރުމެވެ. ޚާއްޞަކޮށް ޢީދު ފަދަ މުނާސަބަތުތަކުގައި ކާބޯތަކެއްޗާއި އެހެނިހެން ޒީނަތްތެރިކަމަށް ކުރެވޭ ބޭކާރު ޚަރަދުތަކަކީ ޢީދުގެ ބަރަކާތް ކެނޑިގެންދާނެ ކަމެކެވެ. މާތް ﷲ ވަނީ އިސްރާފު ނުކުރުމަށާއި، ހޭދަކުރުމުގައި މެދުމިންވެ ތިބުމަށް އަމުރުކުރައްވާފަ އެވެ.

މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. ﴿وَالَّذِينَ إِذَا أَنفَقُوا لَمْ يُسْرِفُوا وَلَمْ يَقْتُرُوا وَكَانَ بَيْنَ ذَٰلِكَ قَوَامًا﴾ (އަލްފުރްޤާން، 67). މާނައީ: "އަދި އެއުރެންނީ، އެއުރެން ހޭދަ އެއް ކޮށްފި ނަމަ އިސްރާފު ނުކުރާ، އަދި މުށް ބާރު ވެސް ނުކުރާ، އަދި އެ ދެމެދުގައި މެދުމިން ވެ ތިބޭ މީހުންނެވެ".

ޑިޖިޓަލް ދުނިޔެއާއި ގުޅުންތަކުގެ ޙަޤީޤަތް

ޑިޖިޓަލް ވަޞީލަތްތަކާއި މީސްމީޑިއާއަކީ ގުޅުންތައް ބަދަހިކުރުމަށް އޮތް ފަހި ފާލަމެކެވެ. ނަމަވެސް، މިއަދު އަޅުގަނޑުމެން މިވަނީ އޭގެ ތެރެއަށް މުޅިން ޣަރަޤުވެ، ވަށައިގެންވާ ޙަޤީޤީ ދުނިޔެއާ ބީރައްޓެހިވެފަ އެވެ. ޢާއިލީ ބައްދަލުންތަކާއި ރައްޓެހިންނާ އެކު ހޭދަކުރާ ވަގުތުތަކުގައި ވެސް، ގާތުގައި ތިބި މީހުންނާ ވާހަކަދެއްކުމުގެ ބަދަލުގައި، ސްކްރީންތަކަށް ގެއްލި "މަންމަނުން" ފަދަ ބަޔަކަށް އަޅުގަނޑުމެން މިވަނީ ބަދަލުވެފަ އެވެ.

މިއަށްވުރެ ހިތާމަވެރި ކަމަކީ، ﷲ ގެ ގެކޮޅުތަކުގައި، މާތްވެގެންވާ އަޅުކަމުގައި ތިބޭއިރު ވެސް، އެ މަދު ވަގުތުކޮޅު ފޯނާ ދުރުވެލުމުގެ ހިތްވަރު އަޅުގަނޑުމެންތެރެއިން ބައެއްމީހުންގެ ކިބައިގައި ނެތް ކަމެވެ. ޚުޠުބާ އަޑުއެހުމާއި ނަމާދުގެ އިންތިޒާރުގައި ތިބޭ ވަގުތު ވެސް ފޯނުގެ ތެރެއަށް ގެއްލިފައި ތިބުމަކީ އަޅުކަމުގެ ރޫޙާ ޚިލާފު ކަމެކެވެ.

އަމާނާތްތެރިކަމާއި މުޖުތަމަޢުގެ ބަދަހިކަން

ޤައުމެއްގެ އަމާންކަމާއި ބަދަހިކަން ގުޅިފައިވަނީ އަމާނާތްތެރިކަމުގެ މައްޗަށެވެ. މާތްﷲ ވަޙީ ކުރައްވާފައި ވެއެވެ. ‎﴿إِنَّ اللَّهَ يَأْمُرُكُمْ أَن تُؤَدُّوا الْأَمَانَاتِ إِلَىٰ أَهْلِهَا﴾‏ (އައްނިސާ، 58). "ހަމަކަށަވަރުން، އަމާނާތްތައް، އޭގެ އަހުލުވެރިންނަށް އަދާކުރުމަށް، ﷲ ތިޔަބައިމީހުންނަށް އަމުރުކުރައްވަތެވެ".

ދައުލަތުގެ މުދަލާއި، ވަޒީފާގެ މަސްއޫލިއްޔަތުތަކަކީ އަޅުގަނޑުމެންނާ ޙަވާލުކުރެވިފައިވާ އަމާނާތްތަކެކެވެ. ވިޔަފާރީގެ މުޢާމަލާތްތަކުގައްޔާއި ޚިދުމަތް ދިނުމުގައި ތެދުވެރިވާންޖެހެއެވެ. ކޮރަޕްޝަނާއި ފަސާދައާއި ނުޙައްޤު ނުފޫޒުގެ ކޮންމެ ދޮރެއް ބަންދު ކުރަން ޖެހެއެވެ.

ހަމައެއާއެކު، މިއަދު އަޅުގަނޑުމެންގެ ތެރޭގައި އޮތް ފިކުރީ އަދި ސިޔާސީ ބައިބައިވުންތައް އެއްކައިރިކޮށް، ޢީދަކީ އެކަކު އަނެކަކަށް އޯގާތެރިވާ ދުވަހެއްގެ ގޮތުގައި ހަދަންޖެހެއެވެ. އިންސާނިއްޔަތުކަމާއި އުޚުއްވަތްތެރިކަން ކުރިއަށް ނެރެ، މުޖުތަމަޢުގެ މަޞްލަޙަތު އިސްކުރުމަކީ ކޮންމެ ފަރުދެއްގެ ވާޖިބެކެވެ.

އިސްލާމީ އުންމަތުގެ ހަނދާންތަކާއެކު

އަޅުގަނޑުމެން މި އުފާވެރި ޢީދު ފާހަގަކުރާއިރު، ދުނިޔޭގެ ކަންކޮޅުތަކުގައި ނިކަމެތިކަމާއި އަނިޔާވެރިކަމުގެ ތެރޭގައި ތިބި މުސްލިމް އަޚުންގެ މަތިން ހަނދާން ނައްތާލައިގެން ނުވާނެއެވެ. ޚާއްޞަކޮށް، ފަލަސްޠީނުގެ މުޤައްދަސް ބިމުގައި ބިރުވެރިކަމާއި ހައިހޫނުކަމުގައި ތިބި އަޅުގަނޑުމެންގެ ލޯބިވާ އަޚުންނާއި އުޚުތުންގެ މަތިންނެވެ. މުސްލިމުންނަކީ އެއް ހަށިގަނޑެއް ފަދަ ބައެކެވެ.

ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވާފައި ވެއެވެ. ((مَثَلُ الْمُؤْمِنِينَ فِي تَوَادِّهِمْ وَتَرَاحُمِهِمْ وَتَعَاطُفِهِمْ مَثَلُ الْجَسَدِ)) (ޞަޙީޙު މުސްލިމް، 2586). "މުއުމިނުން އެކަކު އަނެކަކު ދެކެ ލޯބިވުމާއި އެކަކު އަނެކަކަށް ރަޙުމުކުރުމާއި އޯގާތެރިވުމުގައި އެބައިމީހުންގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލެވެ". ވީމާ، އެބައިމީހުންނަށްޓަކައި ދުޢާކުރުމާއި، މާއްދީ ގޮތުން އެހީތެރިވުމުގައި އަޅުގަނޑުމެން ދެމިތިބެންޖެހެއެވެ.

ރަމަޟާން މަސް އަޅުގަނޑުމެންނާ ވަކިވެގެންދިޔައީ މުޅި ޙަޔާތަށް ފުދޭނެ މަތިވެރި ތަރުބިއްޔަތެއް ދީފަ އެވެ. އެހެންކަމުން، ޢީދުގެ އުފަލަކީ އަޅުކަމުގެ ނިމުން ކަމުގައި ނުހަދާށެވެ. އެއީ ހެޔޮކަމުގެ މަގުގައި ސާބިތުވުމުގެ އާ ފެށުމެއް ކަމުގައި ހަދަމާ ހިނގާށެވެ!

ރަމަޟާން މަހު އަޅުގަނޑުމެން ފަރިތަކުރި ނަމާދާއި، ތެދުވެރިކަމާއި، އޯގާތެރިކަމުގެ ރޫޙު އަބަދުމެ ދަމަހައްޓަމާ ހިނގާށެވެ! އިސްލާމީ އަދަބުތަކުގެ ތެރޭގައި ތިބެ، އަޅުގަނޑުމެން ކުޅޭ ކޮންމެ ކުޅިވަރަކާއި ފާޅުކުރާ ކޮންމެ އުފަލަކީ ވެސް، މާތް ﷲ ގެ ރުހިވޮޑިގަތުން ލިބޭނެ ހެޔޮ ޢަމަލެކެވެ. ރަމަޟާން މަހު އަޅުގަނޑުމެންގެ ހިތްތަކަށް ލިބުނު ނޫރުން، ދިރިއުޅުމުގެ ކޮންމެ ދުވަހެއް އުޖާލާ ކުރަމާ ހިނގާށެވެ!

ގުޅޭ ޓެގު
comment ކޮމެންޓް