ޢީދުގެ ސަގާފީ ބައި ދޫކޮށްލަން ޖެހޭތަ؟

ބޮޑުމަސް ދުއްވުމުގެ ހަރަކާތެއް ކުރިއަށް ދަނީ -- ފޮޓޯ / ފްލިކަރ.ކޮމް

ޢީދަކީ އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ މަތިވެރި މުނާސަބަތެކެވެ. މި ދުވަހުގެ އަސާސީ އަޅުކަންތައްތަކަކީ ބަދަލުނުކުރެވޭނެ ކަންކަމެވެ. ނަމަވެސް، ޢީދުގެ އުފާ ފާޅުކުރުމުގައި މުޖުތަމަޢުގެ ރަނގަޅު އާދަކާދަތަކަށް ނުވަތަ ޢުރުފަށް އިސްލާމްދީން ޖާގަދެއެވެ. ޝަރީޢަތާ ފުށުއަރާ ކަންކަން ފިޔަވައި، ދިވެހިވަންތަ ސަގާފީ ކުޅިވަރުތަކާއި އުފާފާޅުކުރުންތައް ކުރިއަށް ގެންދިއުމަކީ މަނާކަމެއް ނޫނެވެ. ދީނީ ހަމަތަކުގެ މަތީގައި، އިސްރާފުކުރުން ކުޑަ، ސާދާ ގޮތަކަށް ޢީދު ފާހަގަކުރުމަކީ މުޖުތަމަޢުގެ އެއްބައިވަންތަކަން އިތުރުކޮށްދޭނެ ކަމެކެވެ.

  • ޢީދަކީ ﷲ ކަނޑައަޅުއްވާފައިވާ ދީނީ މުނާސަބަތެކެވެ.
  • އިސްލާމީ އުޞޫލުތަކާ ޚިލާފުނުވާ ގޮތަށް ސަގާފީ ކުޅިވަރުތައް ކުޅެވިދާނެއެވެ.
  • ދެޖިންސު މަސްހުނިވުމާއި ޖިންސު އޮޅުވާލުން ފަދަ ކަންކަމަކީ ދީނުގައި މަނާކަންކަމެވެ.
  • ބޮޑެތި ޚަރަދުތައް ކުރުމުގެ ބަދަލުގައި ސާދާކޮށް ޢީދު ފާހަގަކުރުން މުހިންމެވެ.

ޢީދަކީ އަޅުގަނޑުމެން އަމިއްލައަށް އުފެއްދި ދުވަހެއްނޫނެވެ. އެއީ އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ މަތިވެރި މުނާސަބަތެކެވެ. ނަމަވެސް ޢީދުގެ އަސްލު އައީ ވަޙީގެ ޒަރީޢާއިން ކަމުގައި ވިޔަސް، އެ ދުވަސް ފާހަގަކުރުމުގެ ޙަރަކާތްތައް އިންސާނީ ސަގާފަތާ ވަރަށް ބޮޑަށް ގުޅިފައިވެއެވެ.

ދީނީ އަޅުކަމެއްގެ ގޮތުގައި ޢީދު

ފިޠުރުޢީދާއި އަޟުޙާޢީދަކީ އިސްލާމްދީނުގައި ޝަރުޢު ކުރައްވާފައިވާ ދީނީ ދެ މުނާސަބަތުކަން ސުންނަތުން ސާފުކޮށް އެނގެއެވެ. ކީރިތި ރަސޫލާ ﷺ މަދީނާއަށް ހިޖުރަކުރެއްވި އިރު، އެ ރަށުގެ މީހުން ޖާހިލިއްޔަ ޒަމާނުއްސުރެ ކުޅިވަރުކުޅެ އުޅުނު ދެ ދުވަހެއް ފާހަގަކުރާކަން އެނގިވަޑައިގަތުމުން ޙަދީޘްކުރެއްވިއެވެ.

((قد أبدلَكُمُ اللَّهُ بِهما خيرًا منهُما: يومَ الأضحى ويومَ الفِطرِ)) (އަބޫ ދާއޫދު: 1134). "ހަމަކަށަވަރުން ﷲ ތަޢާލާ އެ ދެ ދުވަހުގެ ބަދަލުގައި، އެއަށްވުރެ ހެޔޮވެގެންވާ ދެ ދުވަސް ތިޔަބައިމީހުންނަށް ދެއްވައިފިއެވެ. އެއީ އަޟުޙާ ޢީދު ދުވަހާއި ފިޠުރު ޢީދު ދުވަހެވެ." މި ބަސްފުޅުން އެނގޭ ގޮތުގައި ޢީދަކީ އިންސާނުން އަމިއްލައަށް އުފެއްދި ސަގާފީ ކަމެއް ނޫނެވެ. އެއީ ދީނީ ގޮތުން ކަނޑައަޅުއްވާފައިވާ މަތިވެރި މުނާސަބަތެކެވެ.

އެހެންކަމުން، ޢީދުގެ އަސާސީ ބަހާތަކަކީ ވަކި ބައެއްގެ ސަގާފީ އާދަކާދަތަކަށް ބިނާވެ، ބަދަލުވެގެންދާނެ ކަންކަމެއް ނޫނެވެ. މިގޮތުން، ޢީދު ނަމާދު ކުރުމާއި ތަކުބީރު ކިޔުމާއި ފިޠުރު ޒަކާތާއި އަދި އުޟްޙިޔާ ކަތިލުން ފަދަ ކަންތައްތަކަކީ ބަދަލުނުކުރެވޭނެ ގޮތަށް ކަނޑައެޅިފައިވާ އަޅުކަންތަކެވެ.

މީގެ އިތުރުން، ﷲ އަށް ޝުކުރުވެރިވުމާއި މުސްލިމުންގެ މެދުގައި އެއްބައިވަންތަކަން ފާޅުކުރުމަކީ ވެސް ޢީދުގެ މަޤްޞަދުތަކުގެތެރޭގައި ހިމެނޭކަންކަމެވެ. މިއީ ޒަމާން ބަދަލުވިޔަސް، އަދި ދުނިޔޭގެ ކޮންމެ ތަނެއްގައި ޢީދު ފާހަގަކުރިޔަސް، ބަދަލުނުވެ ދެމިއޮންނާނެ މަތިވެރި ޝިޢާރުތަކެވެ.

ޢީދުގައި ސަގާފަތު ނުވަތަ ޢުރުފުގެ ދައުރު

އިސްލާމްދީނުގައި ޢީދުގެ އަސާސީ އަޅުކަންތައް ފިޔަވައި، އެ ދުވަހުގެ އުފާވެރިކަން ފާޅުކުރުމުގައި ގެންގުޅޭނެ ވަކި ޚާއްސަ ގޮތްތަކެއް ކަނޑައަޅުއްވާފައެއް ނުވެއެވެ. މި ހިސާބުން، "ޢުރުފު" ނުވަތަ މުޖުތަމަޢުގެ އާދަކާދައިގެ މަފްހޫމް މުހިންމުވެއެވެ.

ޢުރުފަކީ، މުޖުތަމަޢެއްގެ ތެރޭގައި ޢާންމުކޮށް ބަލައިގަނެވިފައިވާ އަދި ހިފެހެއްޓިފައިވާ އާދަކާދަތަކަށް ކިޔާ ނަމެކެވެ (އިބްނު ޢާޝޫރު 2006، 97). ދީނީ ނައްޞެއްގައި ވަކި ގޮތަކަށް ޢަމަލުކުރަން ބަޔާންކޮށްފައި ނުވާ ކަންކަމުގައި، މުޖުތަމަޢުގެ ރަނގަޅު އާދަކާދަތަކަށް ޢަމަލު ކުރުމަކީ ފިޤުހުވެރިން ބަލައިގަންނަ ކަމެކެވެ. މިއީ "އާދަކާދައަކީ ޙުކުމްތައް ކަނޑައެޅުމުގައި ބަލައިގަނެވޭނެ އަސާސެއް" ކަމަށް ބަޔާންކުރާ ފިޤުހީ ގާޢިދާގެ މައްޗަށް ބިނާވެފައިވާ އުޞޫލެކެވެ.

މީގެ މާނައަކީ ޢީދު ދުވަހު އަޅުގަނޑުމެން ކާބޯތަކެތީގެ ގޮތުގައި ބޭނުންކުރާ ތަކެއްޗާއި އަޅާ ހެދުމުގެ ވައްޓަފާޅިއާއި އެކަކު އަނެކަކާ ބައްދަލުވެ ސަލާމްކޮށް ހާލުބަލާ ގޮތްތަކަކީ އެކި ޤައުމުތަކުގައި ތަފާތުވެދާނެ ކަންކަމެވެ. އަދި ރަށްރަށުގައި ބާއްވާ އިޖުތިމާޢީ އެއްވުންތަކާއި ސަގާފީ ކުޅިވަރުތަކަކީ ވެސް އެ މުޖުތަމަޢެއްގެ އާދަކާދައާ ގުޅިފައިވާ ކަންކަމެވެ. މިފަދަ ހުރިހާ ކަމަކީ ވެސް ޢީދުގެ ދީނީ ފުރިހަމަކަމަށް އެއްވެސް އުނިކަމެއް ނައިސް، އެ ބައެއްގެ ސަގާފަތާ އެއްގޮތަށް ކުރިއަށް ގެންދެވިދާނެ ކަންކަމެވެ.

ދުނިޔޭގެ ކަންކޮޅުތަކުގައި ޢީދުގެ ހަރަކާތްތައް

ދުނިޔޭގެ އެކި މުޖުތަމަޢުތަކުގެ ސަގާފަތް ތަފާތުވުމުން ޢީދު ފާހަގަކުރާ ގޮތްވެސް ތަފާތެވެ. އެގޮތުން އިންޑޮނޭޝިއާގެ "މުދިކް" އަކީ ޢީދަށް ރަށަށް ގޮސް ބޮޑެތި މީހުންގެ ކިބައިން މާފަށް އެދުމުގެ ރީތި އާދައެކެވެ. ތުރުކީވިލާތުގައި "ބައިރާމް" ފާހަގަކުރާއިރު، ކުޑަކުދިން ބޮޑެތި މީހުންގެ އަތްތިލައަށް ބޮސްދީ އިޙްތިރާމް އަދާކުރުމުން ހަދިޔާގެ ގޮތުގައި ފޮނިކާތަކެއްޗާއި ފައިސާ ދެއެވެ. މެލޭޝިއާގައި "އޯޕަން ހައުސް" ބާއްވައި އެކި ދީންތަކުގެ މީހުންނަށް މެހެމާންދާރީ އަދާކުރާއިރު، ނައިޖީރިއާގައި ބާއްވާ "ދަރުބާރު" ފެސްޓިވަލަކީ އަސްވާރުންނާއެކު ބާއްވާ ހައިބަތުހުރި ސަގާފީ ހިނގާލުމެކެވެ.

ދިވެހިރާއްޖޭގައި ވެސް ޢީދު ފާހަގަކުރަނީ ދިވެހިވަންތަ ސަގާފީ ކުޅިވަރުތަކާއި ބޮޑެތި ޖާފަތްތަކުގެ ފޯރީގައެވެ. ޚާއްޞަކޮށް ޢީދު ދުވަހުގެ ހެނދުނު ބޭނުންކުރާ ޢީދު ބޯކިބަލާއި ގާތް މީހުންނަށް ޢީދު ހަދިޔާ ބަދަލުކުރުމާއި، ރަށްރަށުގައި ބާއްވާ ކޯޑިއާއި ބޮޑުމަސް ދުއްވުމާއި އަދި މާލި ހެދުން ފަދަ ޙަރަކާތްތަކަކީ ރަށުގެ އެއްބައިވަންތަކަން ހާމަކޮށްދޭ ހިތްގައިމު އާދަކާދަތަކެކެވެ.

ސަގާފަތުގެ އިންތައް

އިސްލާމްދީނުގައި ސަގާފަތަށް ޖާގަ ދީފައިވީ ނަމަވެސް، އެއީ އެއްވެސް އިމެއް ނެތި ދޫކޮށްލެވިފައިވާ ކަމެއްނޫނެވެ. އިސްލާމީ ފިޤުހުވެރިން ވަނީ ޢުރުފު ދެ ބަޔަކަށް ބައްސަވާފައެވެ. ފުރަތަމަ ބަޔަކީ "ޞައްޙަ ޢުރުފު" އެވެ. މިއީ ޝަރީޢަތުގެ އަސާސްތަކާ ފުށުނާރާ، ދީނީގޮތުން އެންމެ ރަނގަޅު އާދަކާދަތަކެވެ. އަދި ދެވަނަ ބަޔަކީ "ފާސިދު ޢުރުފު" އެވެ. މިއީ ޞަރީޙަ އިސްލާމީ އުޞޫލުތަކާ ފުށުއަރާ، ނުވަތަ އަޚްލާޤީ ގޮތުންނާއި ޝަރުޢީ ގޮތުން އޮންނަ ވާޖިބުތަކަށް އުނިކަން އަންނަ ކަންކަމެވެ. މިފަދަ އާދަކާދަތައް ކިތަންމެ އާންމު ކަމަކަށް ވީނަމަވެސް، ނުވަތަ އެ ގޮތަށް ޢަމަލުކުރާތާ ކިތަންމެ ދުވަހެއް ވެފައިވިޔަސް، އެކަންކަން އިޞްލާޙުކުރަން ނުވަތަ ދޫކޮށްލަން ޖެހޭނެއެވެ.

އެހެންކަމުން، ސަގާފީގޮތުން ނުވަތަ އެނޫންގޮތަކުން ކަމަށްވިޔަސް، ތިރީގައި ބަޔާންކޮށްފައިވާ ފަދަ ޢަމަލުތައް ކުރެވޭނަމަ - އެއީ ޝަރީޢަތާ ފުށުއަރާ ކަންތައްތައް ކަމަށްވާތީ - ވަގުތުން އެކަންކަން ހުއްޓައިލާންޖެހޭނެއެވެ.

ދެޖިންސުގެ ހިލޭ މީހުން މަސްހުނިވުމާއި ގައިގާ ބީހުން: ޢީދު ކުޅިވަރުތަކުގެ ތެރެއިން، ޚާއްޞަކޮށް ކުލަޖެހުމާއި ފެންޖެހުމުގެ ތެރެއިން ދެޖިންސުގެ ހިލޭ މީހުން މަސްހުނިވެ، އެއްބަޔަކު އަނެއްބައެއްގެ ގައިގާ ބީހުމަކީ ދީނީގޮތުން މަނާކުރައްވާފައިވާ ފިތުނައެކެވެ. އަދި މިއީ އިސްލާމީ އަޚްލާގީ މިންގަނޑުތަކާއި ޙުދޫދުތަކުން ބޭރުވެ، މުޖުތަމަޢުގައި ފާޙިޝް ކަންކަމަށް މަގުފަހިވާނެ ނޭދެވޭ ޢަމަލެކެވެ.

ޖިންސު އޮޅުވައިލުމާއި ސިފަ ބަދަލުކުރުން: އަންހެނުން ފިރިހެނުން ހެދިގެން އަދި ފިރިހެނުން އަންހެނުން ހެދިގެން ނުކުމެ އުފާ ފާޅުކުރުމަކީ ޝަރީޢަތާ ޚިލާފު ޢަމަލެކެވެ. ރަސޫލާ ﷺ ވަނީ އަންހެނުންގެ ސިފަޖައްސާ ފިރިހެނުންނަށާއި، ފިރިހެނުންގެ ސިފަޖައްސާ އަންހެނުންނަށް ލަޢުނަތް ލައްވާފައެވެ. (ޞަޙީޙުލް ބުޚާރީ: 5886). ކުޅިވަރަކަށް ނުވަތަ މަޖަލަކަށް ވިޔަސް މިފަދަ ކަންކަން ކުރުން ހުއްދައެއް ނޫނެވެ. ހަމައެއާއެކު، ޖަނަވާރުތަކުގެ ސޫރަޖެހޭ ހެދުން އެޅުމަކީ ވެސް އިންސާނީ ކަރާމާތާ ނުގުޅޭ، އެއާ ދުރުހެލިވާންޖެހޭ ކަމެކެވެ.

ނިވާކަން ކުޑަ ހެދުން އެޅުމާއި ނެށުން: ސްޓޭޖް ޝޯތަކާއި ކުޅިވަރުތަކުގައި ނިވާކަން ކުޑަ ހެދުން އަޅައިގެން އުޅުމާއި، ހިލޭ ފިރިހެނުންގެ ކުރިމަތީގައި އަންހެނުން ނަށައި ނާޗަރަންގީ ކުޅުމަކީ ޢީދުގެ ބަރަކާތް ކެނޑި، މުޖުތަމަޢުގައި ފާޙިޝް ކަންކަން ޢާންމުވުމަށް މަގުފަހިވާ ކަމެކެވެ. މިއީ ﷲ ތަޢާލާގެ އަމުރުފުޅުތަކާ ކަނޑައެޅިގެން ޚިލާފު ކަންކަމެވެ (ޞަޙީޙު މުސްލިމް: 2128).

ސާދާ ޢީދަކަށް އެނބުރިދިއުން

ފަހަކަށް އައިސް ރަށްރަށުގައި ބޮޑުއަގު ދީފައި ބޭންޑްތަކާއި ކުޅިވަރު ގްރޫޕްތައް ގެންގޮސްގެން ޢީދު ފާހަގަކުރުން ވަނީ އިމުން ބޭރުވެ، ވަރަށް ބޮޑު އިސްރާފަކަށް ވެފައެވެ. ޙަޤީޤަތުގައި ޢީދުގެ އެންމެ ރީތި ސިފައަކީ، ބޭރުން ބަޔަކު ގެނައުމުގެ ބަދަލުގައި، އެ ރަށެއްގެ މީހުން އަމިއްލައަށް އެ ރަށެއްގައި ކުޅިވަރުތައް ކުޅުމެވެ. އެއީ މާ ސާދާ އަދި ރަށުގެ އެއްބައިވަންތަކަން އިތުރުކޮށްދޭނެ ގޮތެކެވެ.

މީގެ އިތުރުން، ރަސްމީކޮށް ޢީދު ފާހަގަކުރުމަށްޓަކައި ސަރުކާރުން ވަކި ރަށްތަކެއް ކަނޑައަޅައި، އެ ރަށްތަކަށް ދައުލަތުގެ ބަޖެޓުން ޚާއްޞަ ފަންޑު ދޫކުރުމުގެ ބަދަލުގައި، އެއީ އެ މުޖުތަމަޢެއްގެ އަމިއްލަ ވަސީލަތްތަކުން ކުރިއަށްގެންދާ ކަމަކަށް ހެދުން މާ މުހިންމެވެ.

ދައުލަތުން ބޮޑެތި ޚަރަދުތަކެއް ކޮށްގެން ހިންގާ ހަރަކާތްތަކަށްވުރެ، ރަށުގެ ރައްޔިތުން އިސްނަގައިގެން ފާހަގަކުރާ ޢީދަކުން އުފެދޭ އެކުވެރިކަމާއި އުޚުއްވަތްތެރިކަން މާ ބޮޑުވާނެއެވެ. ޢީދުގެ ރޫޙަކީ އިސްރާފު ބޮޑުކުރުމެއް ނޫންކަމާއި، އެއީ އަމިއްލަ ހިތްވަރާއެކު އުފާ ފާޅުކުރުންކަން އަންގައިދިނުމަކީ އިޖުތިމާޢީ ގުޅުންތައް އާލާކުރުމަށް ލިބޭނެ ވަރުގަދަ ބާރެކެވެ.

ޢަދުލުވެރި ވިސްނުމެއް

ޢީދަކީ ދީނީކަމެއްތޯ ނުވަތަ ސަގާފީކަމެއްތޯއާ މެދުގައި ބަހުސްކުރާއިރު، މިއީ އެކައްޗެއް އަނެކައްޗާ ވަކިކޮށްލެވޭނެ ދެ ކަމެއް ނޫނެވެ. ޢީދަކީ އޭގެ ބިންގާ ދީނުގެ މައްޗަށް އެޅިފައިވާ، ނަމަވެސް އެ ދުވަހުގެ އުފާވެރިކަން ފާޅުކުރުމުގައި ސަގާފީ ކުލަޖެހިފައިވާ މުނާސަބަތެކެވެ.

މި ދެކަންތައް ހަމަހަމަކޮށް ބަލައިގަތުމުން، ހަރުކަށި ދެ ފިކުރަކުން އަޅުގަނޑުމެން ސަލާމަތްކޮށްދެއެވެ. އެއީ ދީނުގެ ނަމުގައި، ސަގާފީ ކުޅިވަރުތަކަކީ "މަނާ ކުޅިވަރުތަކެއް" ކަމަށް ބަލައި ހުރިހާ ކަމަކަށް އިންކާރުކުރުމާއި، ނުވަތަ ސަގާފަތުގެ ނަމުގައި ދީނުގެ އިންތަކުން ބޭރުވެ ހިތުހުރި ގޮތަކަށް އުޅުމެވެ. އިސްލާމްދީނަކީ މި ދެމެދުގައި އޮތް ލުއިފަސޭހަ މެދުމިނުގެ މަގެކެވެ.

ޢީދަކީ މުސްލިމް އުންމަތަށް ﷲ ދެއްވާފައިވާ އުފާވެރިކަމާއި ޝުކުރުވެރިވުމުގެ މަތިވެރި މުނާސަބަތެކެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި މުސްލިމުން، ތަފާތު އާދަކާދަތަކާއެކު މި ދުވަސް ފާހަގަކުރުމުން ޢީދުގެ ކުލަގަދަކަން އިތުރުކޮށްދެއެވެ. ނަމަވެސް، އެއްވެސް ޙާލެއްގައި މިފަދަ ކަންކަން ދީނުގެ އަޞްލުތަކަށްވުރެ ކުރިއަށް އަރައިގެން ނުވާނެއެވެ. ޚާއްޞަކޮށް، އެހެން ދީންތަކުގެ ޝިޢާރުތަކާއި ދީނީ ސަގާފަތްތަކާ އެއްގޮތްވުމުން (ތަޝައްބުހުވުމުން) ދުރުހެލިވުމަކީ ޢީދުގެ ދީނީ ފުރިހަމަކަން ހިފެހެއްޓުމަށްޓަކައި ސަމާލުވާންޖެހޭނެ ކަމެކެވެ.

ވީމާ، ޢީދާ ގުޅިގެން ކުރެވޭ ކަންކަމުގެތެރެއިން ޝަރީޢަތާ އެއްގޮތްވާ ކަންކަން ދަމަހައްޓައި، ދީނީ އުޞޫލުތަކާ ފުށުއަރާ ކަންކަން އިޞްލާޙުކޮށް ނުވަތަ ދޫކޮށްލުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. މިގޮތަށް ޢަމަލުކުރުމުން، މުސްލިމުންނަށް އެމީހުންގެ އާދަކާދަތަކާ ގުޅޭ، އަދި ހަމައެއާއެކު އިސްލާމްދީނުގެ އަޞްލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޢީދުގެ އުފާވެރިކަން ފުރިހަމައަށް ޙާޞިލުކުރެވޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް