ޢަރަފާތް ދުވަހު ޙައްޖާޖީންނަށް ރޮވެނީ ކީއްވެ؟

ޙައްޖަކީ ފާފަތަކުން ސާފުވެ އުއްމީދުން ފުރިގެންވާ އާ ފެށުމެއް --- ފޮޓޯ / ހައްޖުއުމްރާޕްލޭނާ.ކޮމް

ޙައްޖުގެ މަތިވެރި އަޅުކަމަށް ކޮންމެ އަހަރަކު އެތައް މިލިއަން މުސްލިމުންނެއް މައްކާއަށް ޖަމާވެއެވެ. ބޭރުފުށުން މިއީ ސާދާ ދަތުރެއްގެ ގޮތުގައި ފެނުނަސް، ކޮންމެ ޙައްޖުވެރިއެއްގެ ހިތުގައި ވެސް ކުށްވެރިކަމުގެ އިހުސާސާއި ހާސްކަމާއި އަދި އެކަނިވެރިކަން ފަދަ އެތައް ޖަޒުބާތެއް ފޮރުވިފައި ހުރެއެވެ. މި އިހުސާސްތައް އުފެދެނީ، ދުނިޔަވީ ޒީނަތްތަކުން އެކަހެރިވެ، އަމިއްލަ ނަފްސު މުޙާސަބާކުރަން ޖެހުމާއި، ކުރެވިފައިވާ ކުށްތަކުގެ ހަނދާންތަކާއެކު އާޚިރަތްދުވަހުގެ ނަމޫނާއަކާ ކުރިމަތިލާން ޖެހުމުގެ ސަބަބުންނެވެ.

ނަމަވެސް، ޙައްޖުގެ އަޅުކަމުން އެނބުރި އަންނަ ގިނަ މީހުން، އެމީހުންނަށް ލިބުނު ހިތްހަމަޖެހުމާއި ނަފްސާނީ ލުއިކަމާއި އަދި އެމީހުންގެ ދިރިއުޅުން ބަދަލުވެއްޖެ ކަމުގެ އިހުސާސްތަކާ ބެހޭގޮތުން ވާހަކަ ދައްކައެވެ. މިއިން އެނގެނީ ޙައްޖަކީ ހަމައެކަނި އެއް ބިމުން އަނެއް ބިމަށް ކުރެވޭ ޖިސްމާނީ ދަތުރެއް ނޫންކަމެވެ. ނަމަވެސް އެއީ އިންސާނާގެ ބުއްދިއަށާއި ފުރާނައަށް ފުން އަސަރުތަކެއް ކުރުވާ، ނަފްސާނީ އަދި ރޫޙާނީ ބަދަލުތަކެއް ގެނެސްދޭ މުޤައްދަސް ދަތުރެކެވެ.

ސަޢުދީ ޢަރަބިއްޔާގެ ކިންގް ސަޢުދު ޔުނިވަރސިޓީގެ ޕްރޮފެސަރު ޢަބްދުލްޢަޒީޒު އަލްޒީރު އަދި ސޯޝަލް އެކްސްޕަރޓް ޖޫދު އަބޫޒިނާދާ (2024) ގެ އެކެޑެމިކް ރިވިއުގައި ބަޔާންކުރައްވާ ގޮތުގައި، ޙައްޖަކީ އިންސާނާގެ އިޖުތިމާޢީ އަދި ނަފްސާނީ ހަމަޖެހުމަށް މަގުފަހިކޮށްދޭ އަޅުކަމެކެވެ. އާންމުކޮށް ގިނަ ބަޔަކު އެއްވާ ތަންތަނުގައި ހާސްކަމާއި ނުތަނަވަސްކަން އުފެދުނަސް، ޙައްޖުގެ މައިދާނުން ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. ބީރައްޓެހި އެތައް މިލިއަން މުސްލިމުންނެއް، އިސްލާމީ ވަޙްދަތުގެ ރޫޙުން އެކަކު އަނެކަކަށް އޯގާތެރިވެ، އެއްބައިވަންތަކަމާއެކު ސަފުތައް ރުކުރުވާލައެވެ.

އެބޭފުޅުން އިތުރަށް ފާހަގަކުރައްވާ ގޮތުގައި، ޙައްޖުގެ މަތިވެރި ތަޖުރިބާގެ ސަބަބުން އިންސާނާގެ ކިބައިގައި ކެތްތެރިކަމާއި އަދި ތަޙައްމަލުކުރުމުގެ ސިފަ ވަރުގަދަވެގެންދެއެވެ. މިއީ ހަމައެކަނި އަޅުކަމެއްގެ ގޮތުގައި ކުރެވޭ ދަތުރެއް ނޫނެވެ؛ މިއީ ތަފާތު ނަސްލުތަކުގެ މީހުންގެ މެދުގައި އޮންނަ ތަޢައްޞުބުތައް ނައްތާލައި، އިންސާނީ ކަރާމާތާއި ހަމަހަމަކަން އުނގަންނައިދޭ ރޫޙާނީ މަދަރުސާއެކެވެ.

މި ތަޖުރިބާ، ފަރަންސޭސި އިޖުތިމާޢީ ޢިލްމުވެރިޔާ އެމީލް ޑާކައިމް (1912/2001) ތަޢާރަފުކުރެއްވި ޖަމާޢީ ވަޖުދު (Collective Effervescence) ގެ ނަޒަރިއްޔާއިން ބަޔާންކޮށްދެވިދާނެއެވެ. މި ނަޒަރިއްޔާ ބުނާ ގޮތުގައި، މުޤައްދަސް މަޤްޞަދެއްގައި ގިނަބަޔަކު އެއްތަނަކަށް ޖަމާވުމުން، އެބައެއްގެ މެދުގައި ވަރުގަދަ ޖަޒުބާތީ ހަކަތައެއް އުފެދެއެވެ. މީގެ ސަބަބުން އެއްބައިވަންތަކަމާއި، ނަފްސާނީ ގުޅުމާއި، އަދި އެކަކު އަނެކަކަށް އޮންނަ ލޯބި ވަރުގަދަވެގެންދެއެވެ.

ޙައްޖުގެ މަތިވެރި އަޅުކަމަކީ މި ނަޒަރިއްޔާގެ އެންމެ ފުރިހަމަ ނަމޫނާއެވެ. ދުނިޔަވީ އެހެން އެއްވުންތަކާ ޚިލާފަށް، ޙައްޖުގެ ބިންގަލަކީ އަޅުކަމާއި ތައުބާވުމާއި އަދި މަޑުމޮޅިކަމާއެކު ﷲ ހަނދުމަކުރުމެވެ. މިލިއަނުން މީހުން އެކުގައި ޙައްޖުގެ ޝަޢާއިރުތައް އަދާކޮށް، ﷲ ގެ ޙަޟްރަތުގައި އާދޭސް ދަންނަވާ ވަގުތު އުފެދޭ ފުން ރޫޙާނީ ގުޅުމުގެ ސަބަބުން، ޙައްޖާޖީންނަށް ނަފްސާނީ އަމާންކަމާއި އެއްބައިވަންތަކަމުގެ މަތިވެރި އިހުސާސްތައް ގެނުވައިދެއެވެ.

މި އިހުސާސްތައް އޭގެ އެންމެ މަތީ ހަރުފަތަށް ދަނީ ޢަރަފާތް ދުވަހުއެވެ. އެހެންވުމުން، އާންމު ދިރިއުޅުމުގައި ވަރަށް މަދުން ނޫނީ ނުރޮވޭ ގިނަ މީހުން ވެސް، ދުޢާގައި ކޮޅަށް ތިބޭއިރު ހިތް މަޑުމޮޅިވެ ކަރުނަ އޮހެން ފަށައެވެ. އެއީ ހަނދާންނެތިފައިވާ ފާފަތަކާއި، ކެނޑިފައިވާ ގުޅުންތަކާއި ދުނިޔެދޫކޮށްފައިވާ ޢާއިލާގެ މީހުންނާއި އަދި މަރުގެ ޙަޤީޤަތާމެދު ހަނދާންވުމުން އުފެދޭ ތެދުވެރި ޖަޒުބާތެއްގެ ނަތީޖާއެވެ. ނަފްސާނީ ޢިލްމުގައި ބުނާ "ކެތާސިސް" (Catharsis) ނުވަތަ ހިތުގައި ހިފަހައްޓާފައިވާ އުދާސްތައް ބޭރުވެ، ނަފްސު ސާފުވެގެންދާ ދިއުން މި ވަގުތު ޙައްޖާޖީން ތަޖުރިބާކުރެއެވެ.

ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. ((ما مِن يَومٍ أكثَرَ مِن أن يُعتِقَ اللهُ فيه عَبدًا مِنَ النَّارِ مِن يَومِ عَرَفةَ ...)) (މުސްލިމް، 1348). "ޢަރަފާތް ދުވަހަކީ ﷲގެ އަޅުތަކުންކުރެ އެންމެ ގިނަ މީހުން އެދުވަހެއްގައި ނަރަކައިން މުއްތި ކުރައްވާނެ ދުވަހެވެ ...".

މި މަތިވެރި ދަތުރަށްފަހު އިންސާނާ އެނބުރި އަންނަނީ ހަމައެކަނި ދީނީ ފަރުޟެއް އަދާކޮށްފައެއް ނޫނެވެ. ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވެއެވެ. ((مَن حَجَّ للَّهِ فلَم يَرفُثْ، ولَم يَفسُقْ، رَجَعَ كَيَومَ ولَدَتْه أُمُّه)) (އަލްބުޚާރީ، 1521). "ﷲ އަށްޓަކައި ޙައްޖުވެ، އެ ޙައްޖުގެ ތެރޭގައި އެއްވެސް ހުތުރު ބަހެއް ނުބުނެ، އަދި ފާފަވެރި ޢަމަލެއް ނުކުރި މީހާ، އޭނާގެ މަންމަގެ ބަނޑުން އުފަންވި ދުވަސް ފަދައިން (ފާފަތަކުން ސާފުވެގެންވާ ޙާލު) އެނބުރި އަތުވެއްޖެއެވެ."

އެހެންކަމުން، ޙައްޖަކީ ދުނިޔަވީ ހަލަބޮލިކަމާއި ހާސްކަމުން ދުރުވެ، އަމިއްލަ ނަފްސާއި ޚާލިޤުވަންތަ ރަސްކަލާނގެއާ އޮތް ގުޅުން އާކޮށް، އުންމީދުން ފުރިގެންވާ އާ ފެށުމަކަށް މަގު ކޮށައިދޭ މަތިވެރި އަޅުކަމެކެވެ.

ޙައްޖުގެ މަތިވެރި އަޅުކަމަކީ ހަމައެކަނި ޖިސްމާނީ ދަތުރެއް ނޫނެވެ. އެއީ މުސްލިމުންގެ މެދުގައި އެއްބައިވަންތަކަމާއި އޯގާތެރިކަން އާލާކޮށް، ދުނިޔަވީ އެދުންތަކުން ދުރުކުރުވާ ރޫޙާނީ މަދަރުސާއެކެވެ. ޢަރަފާތް ދުވަހު ޙައްޖުވެރިންނަށް ބޮޑެތި ޖަޒުބާތީ އަސަރުތަކެއްކޮށް ރޮވެނީ، ފާފަތަކާމެދު ދެރަވެ، الله ގެ ޙަޟްރަތުން ފުއްސެވުމަށް އެދި ކުރެވޭ ފުން ދުޢާތަކުގެ ސަބަބުންނެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ނަފްސާނީ ގޮތުން ލުއިކަން ލިބި، އާ ދިރިއުޅުމަކަށް އިންސާނާ ތައްޔާރުވެއެވެ.

  • ޙައްޖަކީ ނަސްލީ ތަފާތުތައް ނައްތާލައި، އިސްލާމީ އެއްބައިވަންތަކަން ކުރިއަރުވާ މަތިވެރި އަޅުކަމެކެވެ.
  • އެއް މަޤްޞަދެއްގައި ގިނަބަޔަކު ޖަމާވުމުން އުފެދޭ ރޫޙާނީ ގުޅުމުން ނަފްސާނީ ހަމަޖެހުން ލިބެއެވެ.
  • ޢަރަފާތް ދުވަހު ކަރުނަ އޮހޮރުމަކީ ހިތުގެ އުދާސްތައް ފިލައި، ނަފްސު ތާހިރުވުމުގެ ސިފައެކެވެ.
  • އެއްވެސް ފާފައަކަށް އަރައިނުގަނެ ޙައްޖުވުމުން، އަލަށް އުފަންވާ ކުއްޖެއް ފަދައިން ކުށްތަކުން ސާފުވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް