ވަގުތަކީ އެހާ އަވަހަށް ފާއިތުވާ އަގުބޮޑު އެއްޗެއް ކަމަށްވާއިރު، ހަޔާތުގެ އެންމެ ސިކުންތެއް ވެސް ފައިދާއެއް ނެތް ގޮތުގައި ހޭދަނުކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި މުސްލިމުންނަށް ގޮވާލައިފިއެވެ.
މިއަދުގެ ޚުތުބާގައި އަލިއަޅުވާލީ، ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމުގެ މައްޗަށެވެ.
މިގޮތުން، ކޮންމެ ދުވަހަކީ އަހަރެމެނަށް ދެއްވާފައިވާ ގިނަ ނިއުމަތްތައް ހަނދާންކޮށް އެކަމަށް ޝުކުރުވެރިވާން ޖެހޭ ދުވަހެއް ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ. އެއީ، މާތް الله ދެއްވައިފައިވާ އަގުބޮޑު ނިޢުމަތްތަކުން މަޙުރޫމުވުމުގެ ކުރީން އެ ނިޢުމަތްތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް ޓަކައި ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.
ޚުތުބާގައި ފާހަގަކުރި ގޮތުގައި، އެ ނިޢުމަތްތަކުގެ ތެރެއިން އަހަރެމެން އެންމެ އަވަހަށް ހަނދާން ނެތޭ އެއް ނިޢުމަތަކީ، ވަގުތުވެ. އެކަން ބަޔާންކޮށް ކީރިތި ރަސޫލާ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
"ގިނަ ބަޔަކު އޭގެ އަގު ވަޒަން ނުކުރާ އަދި އެއަށް ފަރުވާ ކުޑަކުރާ، ދެ ނިޢުމަތެއް ވެއެވެ. އެއީ ޞިއްޙަތާއި ހުސް ވަގުތެވެ."
ބަޔަކު ނަމާދު ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އޭގެއިތުރުން، މި ދުނިޔޭގައި އިންސާނާ ވޭތުކުރާ ކޮންމެ ވަގުތުކޮޅެއް އޭނާގެ ޙަޔާތުން މަދުވެ އަޖަލާ ގާތްކުރުވާކަން ޚުތުބާގައި ހަނދާންކޮށްދިނެވެ. ހަޔާތުގެ ހުޅުކޮޅު ނިވުމުގެ ކުރިން އަމިއްލަ ނަފުސު މުރާޖާ ކުރަން ޖެހޭކަން ފާހަގަކުރިއެވެ.
މާތްﷲއަށް ނިޔަތް ޚާލިސްކޮށް، ކިޔަމަންތެރިވުމުގައި ހޭދަކުރެވެނީ ކިހާ ވަގުތެއްތޯ ބަލައި، އިސްލާމީ ޝަރީޢަތުގެ މަޤުޞަދުތައް ފުރިހަމަކުރުމަށް ޙަޔާތުން ހުސްކުރެވެނީ ކިހައި ވަގުތެއްތޯ ދެނެގަންނާން ޖެހޭކަން މުސްލިމުންނަށް ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.
އެހެންވެ، ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހޭދަކުރުމަށް ޚުތުބާގައި ގޮވާލިއެވެ. މިގޮތުން، މަސައްކަތްތެރީން އެމީހުންގެ ވަޒީފާގެ ޒިންމާ އަދާކުރުމަށް ކަނޑައެޅިފައިވާ ވަގުތަށް އަމާނާތްތެރިވުމަށް ގޮވާލިއެވެ.
މީހުންތަކެއް ނަމާދު ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ދަރިވަރުންވެސް ތަޢުލީމު ޙާޞިލުކުރުމަށް ލިބިފައިވާ ވަގުތުގެ ބޭނުން ރަނގަޅުގޮތުގައި ހިފައި ދުވަހުން ދުވަހަށް ފިޔާވަޅުތައް ދަސްކޮށް މުޠާލިޢާކުރަން ވަސިއްޔަތްކުރިއެވެ.
"މުސްލިމް އަޚުންނޭވެ! ވަގުތަކީ ނުހަނު އަގުބޮޑު އަދި އެހައިމެ ހަލުއިކަމާއެކު ފާއިތުވެދާ އެއްޗެކެވެ! ގެއްލިއްޖެ ވަގުތަކީ އަނބުރާ ލިބޭނޭ އެއްޗެއް ނޫނެވެ. އެހެންކަމުން ތިބާއަށް الله ދެއްވި ޢުމުރުގެ ދުވަސްތައް ހެޔޮގޮތުގައި ހޭދަކުރާށެވެ! ދުނިޔޭގައި ތިބާ ވަގުތު ހޭދަކުރި ގޮތުގެ ހިސާބު ޤިޔާމަތްދުވަހުން ބެއްލެވި، އެ ކަމުގެ ޖަޒާ ތިބާއަށް ފުރިހަމައަށް ދެއްވޭނޭކަން ހަނދާންކުރާށެވެ" ޚުތުބުގާއި ބުންޏެވެ.
މިއަދުގެ ޚުތުބާ ނިންމާލީ، ޙަޔާތުގެ އެންމެ ސިކުންތެއް ވެސް ފައިދާއެއްނެތް ގޮތުގައި ހޭދަނުކުރުމަށާއި ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖަ ލިބުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ގޮވާލަމުންނެވެ.