މިސްކިތްތަކަކީ އެ ތަނެއްގައި އެ އިލާހުގެ ޒިކުރުން ހެނދުނާއި ހަވީރު ގުގުމާލެވޭ ތަނެއް ކަމުގައި ﷲ ލެއްވި ތަންތަނެވެ. އެއް ގޮތަށްވުރެ ގިނަ ގޮތްގޮތުން އެ ގެކޮޅުތައް މަތިވެރި ކުރައްވައިފައި ވެއެވެ.
އެއްވެސް މުސްލިމަކަށް އޮޅިފައި ނޯންނާނޭ ފަދައިން މި ބިންމަތީގައި މާތް ﷲ ލައްވައިފައިވާ އެންމެ މާތް ތަނަކީ އެ އިލާހުގެ ގެކޮޅުތަކެވެ. އެއިން ގެކޮޅަކަށް ޚިދުމަތްތެރިވެ، އެ ތަން ފަޅުފިލުވައި ބަލަހައްޓާ މީހުން ހިދާޔަތު ލިބެގެންވާ މީހުންގެ ތެރޭގައި ލެއްވެވިއެވެ. ﷲއަށް ޓަކައި ބިންމަތީ މިސްކިތެއް ބިނާކޮށްފި މީހާއަށް ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށްދެއްވާނެކަން ވެސް އެންގެވިއެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. މި ބިންމަތިގައި، އެ އިލާހު އެންމެ ލޯބިވެވޮޑިގަންނަވާ ތަނަކީ އެއީއެވެ. ހެނދުނާއި ހަވީރު އެ އިލާހުގެ ޒިކުރުން ގުގުމާލެވޭ ތަނެއް ކަމުގައި އެ މިސްކިތްތައް ވަނީ ލައްވައިފައެވެ.
މާތް ﷲގެ ޒިކުރުން ގުގުމައިލާ ތަނެއް ކަމުގައި މިސްކިތްތައް ލެއްވުމުގެ ވާހަކަ ބަޔާންކުރައްވައި ﷲ ވަޙީކުރެއްވިއެވެ. ﴿فِي بُيُوتٍ أَذِنَ اللَّهُ أَن تُرْفَعَ وَيُذْكَرَ فِيهَا اسْمُهُ يُسَبِّحُ لَهُ فِيهَا بِالْغُدُوِّ وَالْآصَالِ﴾ (النور: ٣٦) މާނައީ: "އެ ތަންތާނގައި، އެ އިލާހުގެ ނަންފުޅު ހަނދުމަކުރުމަށާއި، އެ ތަންތަން މަތިވެރިކޮށް އުފުލުމަށް، ﷲ އިޒުނަ ދެއްވައިފައިވާ ގެތަކެއްގައެވެ. (އެބަހީ: މިސްކިތްތަކެއްގައެވެ.) ހެނދުނާއި ހަވީރު، އެ ތާނގައި އެއިލާހަށް ތަސްބީޙަކިޔާ އުޅެތެވެ." މި އާޔަތުގައި އަންގަވައިފައި މި ވަނީ މިސްކިތްތަކުގައި ބަންގި ގޮވާ ވާހަކަ ކަމަށް އިލްމުވެރިން ދެކެލައްވައެވެ.
މިސްކިތްތަކަކީ އެ ތަނަށް މީސްތަކުން ޖަމާވެ ﷲގެ ޒިކުރުކުރާ ތަނެވެ. ރެއާއިދުވާލު ހެނދުނާއިހަވީރު ޒިކުރުކުރާ މީހުން އެ ތަނަށް ގޮވައިލާ ގޮވައިލުމަކީ ނަމާދަށް ގޮވައިލާ ގޮވައިލުމެވެ. އެއީ ބަންގިއެވެ. ބަންގީގެ އަޑު އިވުމުން އަޅުގަނޑުމެންގެ ހިތްތަކަށް ފިނިކަން ލިބެއެވެ. ހިތްހަމަޖެހެއެވެ. އެ ކަން އެންމެ ރަނގަޅަށް އެނގޭނީ އަޅުގަނޑުމެން މުސްލިމުންނަށެވެ. ހުރިހާ މަޚުލޫޤުންގެ ވެރިއިލާހުގެ އިސްމުފުޅުތަކުން ހެނދުނާއިހަވީރު މިސްކިތްތައް ގުގުމާލާނީ، އެއީ ވަރަށް މަތިވެރި ތަންތަން ކަމުގައި ވީމާކަން ކަށަވަރެވެ. އެއީ ﷲއަށް އެކަނި ޚާއްޞަކުރެއްވިފައިވާ ތަނެވެ.
މާތް ﷲގެ ޒާތުފުޅަށް މިސްކިތްތައް ޚާއްޞަ ކުރައްވައިފައިވާ ކަން އަންގަވައި މާތް ﷲ ވަޙީކުރެއްވިއެވެ. ﴿وَأَنَّ الْمَسَاجِدَ لِلَّهِ فَلَا تَدْعُوا مَعَ اللَّهِ أَحَدًا﴾ (الجن: ١٨) މާނައީ: "އަދި ހަމަކަށަވަރުން މިސްކިތްތައް ވަނީ މާތް ﷲއަށެވެ. ފަހެ، ތިޔަބައިމީހުން މާތް ﷲއާ އެކު އެހެން އެއްވެސް ފަރާތަކަށް ދުޢާ (އެބަހީ: އަޅުކަން) ނުކުރާހުށިކަމެވެ!" މި އާޔަތުން އެނގެނީ އެ އިލާހުގެ ޒާތުފުޅަށް މިސްކިތްތައް ޚާއްޞަ ކުރައްވައިފައި ވާ ކަމެވެ. ތަނެއް މިހާ ބޮޑަށް ޚާއްޞަކުރެއްވުމުން މިސްކިތުގެ މަތިވެރިކަމާއި މާތްކަން ވަރަށް ބޮޑަށް އުފުލިފައިވާ ކަން ކަށަވަރު ވެއެވެ.
މިސްކިތްތައް ޢިމާރާތްކޮށް އެ ތަންތަން ފަޅުފިލުވައި ބަލަހައްޓާ މީހާއަކީ ވެސް މަތިވެރި މީހެކެވެ. އޭނާއަކީ ﷲގެ ޙަޟްރަތުން ތެދުމަގު ލިބިގެންވާ މީހެކެވެ. އެ ކަން ބަޔާންކުރައްވައި ﷲ ވަޙީކުރެއްވިއެވެ. ﴿إِنَّمَا يَعْمُرُ مَسَاجِدَ اللَّهِ مَنْ آمَنَ بِاللَّهِ وَالْيَوْمِ الْآخِرِ وَأَقَامَ الصَّلَاةَ وَآتَى الزَّكَاةَ وَلَمْ يَخْشَ إِلَّا اللَّهَ ۖ فَعَسَىٰ أُولَٰئِكَ أَن يَكُونُوا مِنَ الْمُهْتَدِينَ﴾ (التوبة: ١٨) މާނައީ: "ހަމަކަށަވަރުން، ﷲގެ މިސްކިތްތައް ބިނާކުރާނީ (އެބަހީ: ފަޅުފިލުވައި ބަލަހައްޓާނީ) މާތް ﷲއަށާއި އާޚިރަތްދުވަހަށް އީމާންވެ، ނަމާދު ޤާއިމުކޮށް، ޒަކާތްދީ، ﷲއަށް މެނުވީ ބިރުނުގަންނަ މީހުންނެވެ. ފަހެ، ހަމަކަށަވަރުން، އެއުރެންނީ، ތެދުމަގު ލިބިގެންވާ މީހުންނެވެ."
މި ދުނިޔޭގައި އިންސާނާއަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ ހިދާޔަތް ލިބުންކަން ކަށަވަރެވެ. އޭނާ ހިދާޔަތާ ކައިރިވެވޭނީ މިސްކިތްތަކާ ކައިރިވެގެންނެވެ. ހިދާޔަތުގައި ދެމިހުރެވޭނީ މިސްކިތްތަކާ ގުޅުން ބޭއްވީމައެވެ. މިއީ މިސްކިތްތަކަށް ﷲ ދެއްވައިފައިވާ މަތިވެރި ކަމެކެވެ. މިސްކިތްތައް ވަނީ މި ކަންކަމުންނާއި މިފަދަ އިތުރު އެތައް ގޮތަކުން މަތިވެރި ކުރައްވައިފައެވެ. މިސްކިތްތަކަކީ މި ބިންމަތީގައި އެ އިލާހު އެންމެ ލޯބިވެވޮޑިގެންވާ ތަންތަން ކަމުގައި ވެސް ލެއްވި ކަން ބަޔާންކުރައްވައި ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. "މި ބިންމަތީގައި، މާތް ﷲ އެންމެ ލޯބިވެވޮޑިގަންނަވާ ތަނަކީ މިސްކިތްތަކެވެ."