ރާއްޖޭގައި ތެލުގެ އަގު އުފުލެމުން އަންނައިރު އޭގެ ސަބަބުން ދިމާވާ އިގުތިސާދީ ނުރައްކަލަށް ވުރެ ބޮޑަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްކަން ދެއްވަނީ، މައި ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭ ގޮތުން ބާއްވާ ޚިޔާލު ހޯދުމުގެ ވޯޓަށް ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތުކޮށްފިއެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި އޭގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރާއި ފަތުރުވެރިކަމާއި ރާއްޖޭގެ އިގުތިސާދަށް ކުރަމުން އަންނަ ނޭދެވޭ އަސަރާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެ ޕާޓީން ތުހުމަތު ކުރި ގޮތުގައި، ތެލުގެ އަގު އުފުލެމުންދާ މި ދަނޑިވަޅުގައި އިގުތިސާދަށް ކުރިމަތިވާނެ މައްސަލަތަކުގެ ބަދަލުގައި، ރައީސްގެ ސަމާލުކަން ހުއްޓިފައި ވަނީ، ''ބާރުތައް އެއްކުރުމަށް އަވަސްއަރުވާލައިގެން'' ބާއްވާ ފެންނަ ނުފެންނަ ވޯޓަށް ކަމަށް އެ ޕާޓީން ބުންޏެވެ.
އެމްޑީޕީން އިޝާރާތްކޮށްފައިވަނީ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ޚިޔާލު ހޯދަން އަންނަ މަހުގެ ހަތަރެއްގައި ބާއްވާ ވޯޓަށެވެ. އެގޮތަށް އިންތިޚާބުތައް ބޭއްވުމުން ޚަރަދު ކުޑަ ކުރެވޭނެ ކަމަށް ސަރުކާރުން ބުނަމުން އަންނައިރު، އިދިކޮޅުން އަންނަނީ އޭގެ ސަބަބުން މުޅި ނިޒާމަށް ލޮޅުން އަރައި ބާރުތައް އެއްވުމަށް މަގުފަހިވާނެ ކަމަށް ބުނަމުންނެވެ.
އެމްޑީޕީގެ ބަޔާނުގައިވަނީ، މިދިޔަ މަހުގެ 28ގައި ފެށި ހަނގުރާމައާ ގުޅިގެން ރައްޔިތުން ކަންބޮޑުނުވުމަށް ރައީސް ވިދާޅުވި ކަމަށާއި ނަމަވެސް، އޭގެ 48 ގަޑިއިރު ފަހުން ތެލުގެ އަގު 20 ޕަސެންޓަށް އިތުރުކޮށްފައިވާ ކަމަށެވެ.
އެމްޑީޕީން އިޝާރާތްކުރީ ރައީސް މި މަހުގެ ދެވަނަ ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅަށެވެ. އެ މަނިކުފާނު ވިދާޅުވީ ތެލާ ގުޅޭ ގޮތުން އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށެވެ.

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާ: ތެލުގެ އަގު އުފުލޭއިރު، އިގުތިސާދަށް ވުރެ ރައީސް ސަމާލުކަން ދެއްވަނީ ''ބާރުތައް އެއްކުރާ'' ވޯޓަށް ކަމަށް އެމްޑީޕީން ތުހުމަތު ކުރޭ --- ފޮޓޯ: އެމްޑީޕީ
"ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑުމެންނަށް އެއްވެސްވަރަކަށް ތެޔޮ ނުލިބޭނެ ކަހަލަ ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް އިރާދަކުރެއްވީތީ ނެތް. އެހެންވީމާ، ތެލުގެ އިޝޫއެއް ނެތް،" ރައީސް ވިދާޅުވެފައިވެއެވެ.
އޭގެ ދެ ދުވަސް ފަހުން، ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯގެ ސަބްސިޑަރީއެއްކަމަށްވާ، އެފްއެސްއެމުން ވިއްކާ ތެލުގެ އަގު 18 އިންސައްތަ އާއި 26 އިންސައްތައާ ދެމެދުގެ މިންވަރަކަށް ވަނީ ބޮޑުކޮށްފައެވެ. އެއީ ޕެޓްރޯލްގެ އަގު 13.50 ރުފިޔާއިން 16.01 ރުފިޔާއަށް އަދި ޑީސަލްގެ އަގު 13.92 ރުފިޔާއިން 17.54 ރުފިޔާއަށެވެ.
އޭގެ ފަހުން ރަށްރަށުގައި ޕެޓްރޯލާއި ޑީސެލްގެ އަގު 20 ރުފިޔާއަށް ވުރެ މައްޗަށް އުފުލިފައިވެއެވެ، އަދި އިއްޔެ މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލާއި އެސްޓީއޯއިން ވިޔަފާރިތަކަށް ތެލާއި ޑީސަލް ވިއްކާ އަގު ވަނީ ވަރަށް ބޮޑުކޮށްފައެވެ. ނަމަވެސް ފަހުން ވަނީ، ކުރީގެ ރޭޓުގައި މަސްވެރިންނަށް ޑީސަލް ދޫކުރުމަށާއި ފެރީތަކާއި ރަށްރަށުގެ ޝެޑްތަކަށް ވެސް ކުރީގެ ރޭޓްގައި އެސްޓީއޯއިން ތެޔޮ ލިބޭނެ ގޮތް ހަދަން ނިންމައިފައެވެ.
މީގެ އިތުރުން، ރާއްޖޭން ތެޔޮ ހޯދަން އިންޑިއާގެ އެހީއަށް އެދިފައިވާއިރު، އެއީ ރާއްޖެ އޮތް ހާލަތުގެ ސީރިއަސްކަން ދައްކުވައިދޭ ކަމެއް ކަމަށް އެމްޑީޕީން ބުންޏެވެ. އަދި ކަންބޮޑުނުވުމަށް ރައީސް އެދިވަޑައިގަތް ނަމަވެސް، އެކަން ގަބޫލުކުރަން ދަތިވާ ކަމަށް އެ ޕާޓީން ބުންޏެވެ.
އެމްޑީޕީން ވަނީ، ތެލުގެ މައްސަލައިގައި ގެއްލުން ކުޑަ ކުރުމަށް މި ސަރަހައްދުގެ ގައުމުތަކުން ފިޔަވަޅުތައް އަޅަމުން އަންނަކަން ފާހަގަކޮށްފައެވެ. ނަމަވެސް ރާއްޖޭން މި މައްސަލައިގައި ދެފުށްފެންނަ ގޮތަކަށް އަމަލުނުކުރާ ކަމަށާއި، ކަމާ ގުޅުންހުރި ފަރާތްތަކާ އެކަށީގެންވާ ގޮތެއްގައި ސަރުކާރުން މުއާމަލާތު ނުކުރާ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
އެމްޑީޕީން ބުނީ، ދިވެހީންނަށް ހައްގުވަނީ އެއިރަކު ދިމާވާ ހާލަތަކާ ކުރިމަތިލާ ސަރުކާރެއް ކަމަށާއި، އެ ހާލަތުގެ ބޭނުންކޮށްގެން ބާރުތައް އެއްކުރާ ސަރުކާރެއް ނޫން ކަމަށެވެ.
ރާއްޖޭގައި ތެލުގެ އަގު ހިފެހެއްޓުމަށް ޓަކައި، ސަބްސިޑީގެ އިތުރަށް އެސްޓީއޯއަށް ލިބޭނެކަމަށް ލަފާކުރާ ފައިދާ ޚަރަދުކޮށްގެން ތެލުގެ އަގު ހިފަހައްޓަން މިދިޔަ ހަފުތާގައި ސަރުކާރުން ވަނީ ނިންމައިފައެވެ. އެހެންނަމަވެސް ބައެއް ރަށްރަށުގައި މިހާރު ވެސް ރެކޯޑް އަދަދުތަކަށް ތެލުގެ އަގު ވަނީ އުފުލިފައެވެ.
ތެލުގެ އަގު އުފުލޭތީ މި ސަރަހައްދުގެ ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި މަސައްކަތްކުރާ ދުވަހާއި ގަޑިތައް މަދުކުރުމާއި، އުޅަނދުތަކަށް ތެޔޮ ދޫކުރާ މިންވަރު މަދުކުރުން ހިމެނެއެވެ. އެހެންނަމަވެސް ރާއްޖޭގައި އެފަދަ އެއްވެސް ފިޔަވަޅެއް ނާޅާތީ ކަމާ ބެހޭ މާހިރުންގެ ކަންބޮޑުވުންވަނީ އިތުރުވެފައެވެ.
އަންނަ މަހުގެ ހަތަރެއްގައި ފެންނަ ނުފެންނަ ވޯޓު ބާއްވަނީ، ލޯކަލް ކައުންސިލް އިންތިޚާބާއެކު ކަމަށްވާއިރު، ދެ ވޯޓަށް ވެސް ވާދަވެރިކަން ވަނީ ބޮޑުވެފައެވެ.