އިންޑިއާއާއި ރާއްޖޭން ހަދާ މިނިވަން ވިޔަފަރީގެ އެއްބަސްވުމުގެ ފްރޭމްވޯކް ކަނޑައަޅައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ: އިންޑިއާއާއި ރާއްޖޭން ހަދާ މިނިވަން ވިޔަފަރީގެ އެއްބަސްވުމުގެ ފްރޭމްވޯކް ވަނީ ކަނޑައަޅައިފައި --- ފޮޓޯ: ރައީސް އޮފީސް

އިންޑިއާއާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް، ނުވަތަ އެފްޓީއޭއެއް ގާއިމުކުރުމާ ގުޅޭ މަޝްވަރާތައް ފެށުމަށްޓަކައި، ބޭނުންވާ ފްރޭމްވޯކް ދެ ގައުމުން ކަނޑައަޅައިފިއެވެ. މި މަސައްކަތުގެ ތެރެއިން، އެއްބަސްވުމުގެ ޝަރުތުތަކާއި އުސޫލުތައް ކަނޑައަޅާ ޓާމްސް އޮފް ކޮންޑިޝަންސް (ޓީއޯއައި) ގައި މިހާރު ވަނީ ސޮއިކޮށްފައެވެ. މި ފިޔަވަޅަކީ ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުންތައް އިތުރަށް ހަރުދަނާކޮށް، ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މިއީ ސަރަހައްދީ ގޮތުންނާއި އިގްތިސާދީ ގޮތުން ދެ ގައުމަށް ވެސް ފައިދާހުރި ކަމެއްގެ ގޮތުގައި ބެލެވެއެވެ.

  • އިންޑިއާ އާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ފްރޭމްވޯކް ކަނޑައަޅައިފި
  • އެއްބަސްވުމުގެ އުސޫލުތައް ކަނޑައަޅާ ޓީއޯއައި ގައި ސޮއިކޮށްފައިވޭ
  • ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް މި ސަރުކާރުން އިސްކަންދޭ
  • މި އެއްބަސްވުމަކީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް މުހިންމު ކަމެއް

އިންޑިއާއާއި ރާއްޖެއާ ދެމެދު ހެދުމަށް މަސައްކަތް ކުރަމުން އަންނަ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ)އާ ގުޅޭ މަޝްވަރާތައް ކުރިއަށްގެންދާނެ ގޮތުގެ ފްރޭމްވޯކެއް ކަނޑައަޅައިފިއެވެ.

ރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހެދުމަށް މަޝްވަރާކުރުމާ ބެހޭ އެއްބަސްވުމެއް ހަދައިފައިވަނީ، މިދިޔަ އަހަރުގެ ޖުލައި 25ގައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ.

އިންޑިއާގެ ކޮމާސް މިނިސްޓްރީން އިއްޔެ ބުނި ގޮތުގައި އެ ގައުމުގެ ވިޔަފާރީގެ ޕާޓްނާޝިޕްތައް ފުޅާކުރުމުގެ ގޮތުން، އެ ގައުމުން މިހާރު އަންނަނީ ހަ ގައުމަކާއެކު ވިޔަފާރީގެ އެއްބަސްވުންތަކާ ގުޅޭ މަޝްވަރާތައް ކުރަމުންނެވެ.

އޭގެ ތެރޭގައި ރާއްޖެ ހިމެނޭއިރު، ރާއްޖެއާއެކު ހަދާ އެއްބަސްވުމާ ގުޅޭ ޓާމްސް އޮފް ކޮންޑިޝަންސް (ޓީއޯއައި)ގައި މިހާރު ސޮއިކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އެ ޓީއޯއައިގައި، އެއްބަސްވުމާ ގުޅޭ ދާއިރާތަކާއި އުސޫލުތައް ހިމަނައިފައިވެއެވެ.

އިންޑިއާއިން ރާއްޖެއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހަދަން ހުށަހެޅި ކަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، މޭ 25، 2024 ގައެވެ. އެކަމަކު، އެ މަހު 31 ގައި އިންޑިއާއިން ވަނީ އެކަން ދޮގުކޮށްފައެވެ. އެ ގައުމުން އޭރު ބުނީ، އެ ފަދަ ހުށަހެޅުމެއް ހުށަހަޅާފައިނުވާނެ ކަމަށެވެ. އެކަމަކު، ރާއްޖޭން ބޭނުންވާނަމަ އެ ފަދަ އެއްބަސްވުމެއް ހެދުމާ މެދު ވިސްނާނެ ކަމަށް އެ ގައުމުން އޭރު ބުންޏެވެ.

އޭގެ ފަހުން މިދިޔަ އަހަރުގެ ފެބްރުވަރީ މަހު ސައީދު ވަނީ އޭގެ ކުރީ އަހަރުގެ އޮކްޓޫބަރު މަހު ރައީސް މުއިއްޒު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ދެ ލީޑަރުން ވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ޝައުގުވެރިކަން ފާޅުކުރެއްވި ކަމަށް ވިދާޅުވެފައެވެ.

އޭރު ސައީދު ވަނީ ދުނިޔޭގެ ބޮޑެތި ބާޒާރުތަކާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ހެދުމަކީ ރައީސް ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމެއް ކަމުގައި ވިދާޅުވެފައެވެ. އެކަން ކުރާނީ ދިވެހީންނަށް އެންމެ ފުރިހަމަ ފައިދާ ލިބޭ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

https://www.sun.mv/209043

ފާހަގަކޮށްލެވޭ ގޮތުގައި މި ސަރުކާރުން ވެރިކަމަށް އައީ އިދިކޮޅުގައި ތިއްބެވިއިރު ހިންގި 'އިންޑިއާ އައުޓް' ކެމްޕޭނާ އެކުގައެވެ. އެއީ، ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ފޮނުވާލަން ގޮވާލައި އޭރުގެ ޕީޕީއެމުން އިސްވެ އޮވެ ހިންގި ހަރަކާތެކެވެ. އެ ފަހުން، މި ސަރުކާރު އައި ފަހުން ނައިބު ވަޒީރު ފެންވަރުގައި ތިއްބެވި ތިން ބޭފުޅަކު ބޮޑުވަޒީރު މޯދީއަށް ކުޑައިމީސްކުރުމުން ދެ ގައުމުގެ ގުޅުން ކުރިން ނުވާވަރަށް ހީނަރުވިއެވެ.

އޭގެ ފަހުން މި ސަރުކާރުން ވަނީ އިންޑިއާއާ ގުޅުން ބަދަހިކުރަން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި 565 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ހިމެނޭހެން އިންޑިއާއާ އެކު މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކޮށްފައިވެއެވެ.

comment ކޮމެންޓް