ސަލްމާންގެ ފިލްމު 'ބެޓްލް އޮފް ގަލްވާން'ގެ ނަން ބަދަލުކޮށްފި

ފިލްމު "މާތުރޫބޫމީ: މޭ ވޯ ރެސްޓް އިން ޕީސް"ގެ އާ ޕޯސްޓަރު--ފޮޓޯ/ޓެލެގްރާފްއިންޑިއާ

އަންނަ މަހު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފައިވާ ސަލްމާން ޚާންގެ "ބެޓްލް އޮފް ގަލްވާން"ގެ ނަން ބަދަލުކޮށްފިއެވެ.

އިންޑިއާ އާއި ޗައިނާގެ ގަލްވާން ވާދީގައި ހިނގި ކުރިމަތިލުންތަކުގެ މައްޗަށް ބިނާކޮށް ސަލްމާން ޚާން އުފައްދާ ހަނގުރާމަވެރި މި ފިލްމަށް މިހާރު ދީފައިވާ ނަމަކީ "މާތުރޫބޫމީ: މޭ ވޯ ރެސްޓް އިން ޕީސް"އެވެ.
"ބެޓްލް އޮފް ގަލްވާން"ގެ ނަން ބަދަލުވިކަން ސަލްމާން ވަނީ ފިލްމުގެ އާ ޕޯސްޓަރަކާ އެކު ރަސްމީކޮށް ސޯޝަލް މީޑިއާގައި ވެސް އިއުލާނުކޮށްފައެވެ. މި ފިލްމުގެ ޓައިޓްލް މެސެޖެއްގެ ގޮތުގައި ލި ލިޔެފައި ވަނީ "ހަނގުރާމަ ނިމުމަކަށް އައިސް ސުލްހަ ގާއިމުވުން" (May War Rest in Peace) މިހެންނެވެ.

ފިލްމުގެ ނަމުގެ އިތުރުން ރިލީޒްކުރާ ތާރީޚަށްވެސް ވަނީ ބަދަލު ގެނެސްފައެވެ. ކުރިން އޭޕްރީލް 17 ގައި ރިލީޒްކުރަން އޮތް ނަމަވެސް، މިހާރު ފިލްމު ރިލީޒްކުރުން ވަނީ މި އަހަރުގެ އޮގަސްޓް މަހަށް ފަސްކޮށްފައެވެ.

"މާތުރޫބޫމީ: މޭ ވޯ ރެސްޓް އިން ޕީސް"ގެ ބަތަލާ ޗިތުރަންގަދާ ސިންގް--ފޮޓޯ/ޓެލެގްރާފްއިންޑިއާ
ގަލްވާން ވާދީގެ ކުރިމަތިލުމުގެ މައްޗަށް ބިނާކޮށް
އަޕޫރުވާ ލަކިއާ ޑައިރެކްޓްކުރާ މި ފިލްމަކީ 15 ޖޫން 2020 ގައި އިންޑިއާ އާއި ޗައިނާގެ ސިފައިންގެ މެދުގައި ހިނގި ހަގީގީ ކުރިމަތިލުންތަކުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.

މި ކުރިމަތިލުމުގައި އިންޑިއާގެ 20 ސިފައިން މަރުވިއިރު، މިއީ ފާއިތުވި އެތައް އަހަރެއްގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި ހިނގި އެންމެ ނުރައްކާތެރި އަސްކަރީ ކުރިމަތިލުމެވެ.

މި ފިލްމުގައި ސަލްމާން ޚާން ކުޅެނީ 16 ވަނަ ބިހާރު ރެޖިމެންޓުގެ ކޮމާންޑިންގް އޮފިސަރު ކާނަލް ސަންތޯޝް ބާބޫގެ ރޯލެވެ. އޭނާއަކީ ބޯޑަރުގައި ސުލްހަ ގާއިމުކުރުމުގެ އެއްބަސްވުން ތަންފީޒުކުރުމަށް އިންޑިއާ ސިފައިންނަށް އިސްވެ ހުރި ލީޑަރެވެ.

ސަލްމާންގެ އިތުރުން މި ފިލްމުގެ ބަތަލާއެއްގެ ގޮތުގައި ފެންނާނީ ޗިތުރަންގަދާ ސިންގް އެވެ. އަދި އަބިލާޝް ޗައުދަރީ އާއި އަންކުރް ބާޓިއާ މުހިންމު ރޯލުތަކުން ފެންނާނެއެވެ. ފިލްމުގެ މިއުޒިކް ތައްޔާރުކޮށްފައިވަނީ ހިމޭޝް ރޭޝަމިއްޔާ އެވެ.

ފިލްމު ރިލީޒްނުވި ނަމަވެސް، ޗައިނާގެ ބައެއް ފަރާތްތަކުން ދަނީ މި ފިލްމަށް ފާޑުކިޔަމުންނެވެ. ޗައިނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ "ވީބޯ"ގައި ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި މި ފިލްމުގައި ހާދިސާތައް ދައްކާފައިވަނީ ހަގީގަތާ ޚިލާފަށެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާތަކުން ވެސް ވަނީ މި ފިލްމަކީ އިންޑިއާގެ ގައުމީ ރޫހު އާލާކޮށް ހަގީގަތް އޮޅުވާލުމަށް އުފައްދާ ފިލްމެއް ކަމަށް ބުނެފައެވެ.

comment ކޮމެންޓް