އިންޑިއާގެ ބެންގޯލްގައި ބަންދުކޮށްފައި ހުރި ސިނަމާތައް އަލުން ހުޅުވައި ދިނުމަށް ދެކުނު އިންޑިއާގެ އެކްޓަރު ޖީޝޫ ސެންގުޕްތާ ގޮވާލައިފިއެވެ.
އެ ސްޓޭޓްގެ ސިނަމާތައް އަލުން ހުޅުވުމަށް މަޝްހޫރު އެކްޓަރު ގޮވާލާފައި ވަނީ ބެންގާލްގައި އަލަށް އިންތިޚާބުވި ބީޖޭޕީ ސަރުކާރަށް އަމާޒުކޮށެވެ.
އިއްޔެ ޒީ5ގައި ޕްރީމިއާކުރި، ޖީޝޫ މުހިއްމު ރޯލަކުން ފެންނަ ވެބް ސީރީޒް "ބްރައުން" އިޝްތިހާރު ކުރުމުގެ ގޮތުން ދަ ޓެލެގްރާފަށް ދިން އިންޓަވިއުއެއްގައި އެކްޓަރު ވަނީ އަލަށް އިންތިޚާބުވި ސަރުކާރާ މެދު ކުރާ އުއްމީދުތަކާ ބެހޭގޮތުން ވާހަކަދައްކާފައެވެ.
އެގޮތުން ފިލްމީ ސިނާއަތަށް ވަކި ޚާއްސަ ކަމަކަށް އުއްމީދު ނުކުރި ނަމަވެސް، އެންމެ ބޮޑަށް ބޭނުން ވަނީ މިހާރު ބަންދުކޮށްފައިވާ ސިނަމާތައް އަލުން ހުޅުވުން ކަމަށް ބައެއް ހިންދީ ފިލްމުތައް ވެސް ކުޅެފައިވާ އެކްޓަރު ބުނެފައިވެއެވެ.

ޖީޝޫ މުހިއްމު ރޯލަކުން ފެންނަ "ބްރައުން" ވެބް ސީރީސްގެ ޕޯސްޓަރެއް--ފޮޓޯ/ފޭސްބުކް
"އަހަރެން ފިލްމީ ދާއިރާއަށް ނުކުތްއިރު 700 އާއި 800އާ ދެމެދުގެ އަދަދަކަށް ސިނަމާ ހޯލްތައް ހުރި. އެކަމަކު މިއަދު ހުރީ ގާތްގަނޑަކަށް 100 އެއްހާ ސްކްރީން. ކުރިން ދުވާލަކު 2،800 ޝޯ ދައްކަމުން ދިޔަ ނަމަވެސް، މިހާރު އެ އަދަދު ވަނީ 200 އާއި 300 އާ ދެމެދަށް ދަށްވެފައި. މިއީ މި ސިނާއަތް މިހާރު އޮތް ހާލަތަކީ، އެހެންވެ މި ދާއިރާ ކުރިއަށް ނުދަނީ،" ޖީޝޫ ކަންބޮޑުވުން ފާޅުކުރަމުން ބުނެފައިވެއެވެ.
މީގެ އިތުރުން، ފެޑެރޭޝަން އޮފް ސިނެ ޓެކްނީޝަންސް އެންޑް ވޯކާސް އޮފް އީސްޓަން އިންޑިއާ (އެފްސީޓީޑަބްލިއުއީއައި)އިން ގެންގުޅޭ ކަމަށް ބުނާ ބައެއް ހަރުކަށި އުސޫލުތަކާ ބެހޭގޮތުން ވެސް ޖީޝޫ ވަނީ ވާހަކަދައްކާފައެވެ. ޖީޝޫ ބުނި ގޮތުގައި މި ދާއިރާގެ ކުރިމަގަށްޓަކައި ދެން ހުއްދަ ދޭންވާނީ ހަމައެކަނި ސިނާއަތުގެ ކުރިއެރުމަށް މަގުފަހިވާ ކަންކަމަށެވެ.
ބެންގާލްގެ އިތުރުން ދެކުނު އިންޑިއާގެ ފިލްމީ ދާއިރާގައި ވެސް މަސައްކަތްކުރާ ޖީޝޫ ބުނީ، ދެކުނު އިންޑިއާގެ މީހުން ފިލްމަށް ދޭ ސަމާލުކަމާއި ކުރާ އިހުތިރާމް އެހެން އެއްވެސް ބަޔަކު ނުކުރާ ކަމަށެވެ.
އަބީނަވް ދިއޯ ޑައިރެކްޓްކޮށްފައިވާ "ބްރައުން" ކްރައިމް ތުރިލާގައި ޖީޝޫ ފެންނާނީ ސައިކޭޓްރިސްޓެއްގެ ރޯލުންނެވެ. މި ސީރީޒްގައި އެކްޓަރާ އެކު މަސައްކަތްކުރި ބޮލީވުޑްގެ ބަތަލާ ކަރިޝްމާ ކަޕޫރާ ބެހޭގޮތުން ވާހަކަދައްކަމުން ޖީޝޫ ބުނީ، މިއީ ކަރިޝްމާގެ ކެރިއަރުގައި މިހާތަނަށް ކުޅޭ އެންމެ މޮޅު ރޯލު ކަމަށެވެ.
ކަލްކަތާގައި މަންޒަރުތައް ނަގާފައިވާ މި ސީރީޒަކީ އަބީކް ބަރޫއާގެ ފޮތް "ސިޓީ އޮފް ޑެތް"ގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ސީރީޒްއެކެވެ. ޖީޝޫ ބުނި ގޮތުގައި މި ސީރީޒްގައި ކަލްކަތާ ދައްކުވައިދީފައިވާ ގޮތަކީ ކުރިން ދުވަހަކު ވެސް ފެނިފައި ނުވާ ފަދަ ތަފާތު އަދި ފުރިހަމަ ގޮތެކެވެ.