އިންޑިއާގެ މަގުބޫލު އެކްޓަރު އާރް. މާދަވަން އާއި އަނބިމީހާ ސަރީތާގެ 27 އަހަރުވީ ކާމިޔާބު ކައިވެނީގެ ސިއްރަކީ، ފިލްމު ޑައިރެކްޓަރު މަނީ ރަތުނަމްގެ ނަސޭހަތް ކަމަށް އެކްޓަރު ބުނެފިއެވެ.
ބެލުންތެރިންގެ ލޯބި ހޯދާފައިވާ އެކްޓަރު މެޑީ ވަނީ ދާދިފަހުން ފާހަގަކުރި އެކްޓަރުގެ 56 ވަނަ އުފަންދުވަހާ ދިމާކޮށް އަމިއްލަ ދިރިއުޅުމުގެ ބައެއް ވާހަކަތައް ސަޕޯޓަރުންނާ ހިއްސާކޮށްފައެވެ.
އެގޮތުން އަދިވެސް ފަހުރުވެރިކަމާ އެކު ކިޔައިދޭ އެއް ވާހަކަ އަކީ ކައިވެންޏަށް 27 އަހަރު ފާއިތުވެފައިވާއިރުވެސް، އާދައިގެ ރޭގަނޑުގެ ކެއުމަކުން ފެށުނު އެ ގުޅުން މުޅި އުމުރު ދުވަހުގެ ގުޅުމަކަށް ބަދަލުވިގޮތް ކަމަށް މެޑީ ވަނީ ބުނެފައެވެ.
މި ދެމަފިރިންގެ ލޯބީގެ ސިލްސިލާ ފެށުނީ 1991 ވަނަ އަހަރު، ސަރީތާ އެއާ ހޮސްޓެސްއަކަށް ވުމަށް ތަމްރީނު ހޯދަމުން ދިޔަ ދުވަސްވަރެވެ. އޭރު މާދަވަން އަކީ ސަރީތާގެ މުދައްރިސަކަށް ވުމުން ދުރުމިން ހިފެހެއްޓި ނަމަވެސް، ތަމްރީނު ނިމުމަށްފަހު ސަރީތާ ދިން ޝުކުރުގެ ކެއުމަކާ އެކު އެ ގުޅުން ލޯތްބަށް ބަދަލުވީއެވެ.

މާދަވަން އާއި ސަރީތާ ދަރިފުޅު ވެދާންތުއާ އެކު--ފޮޓޯ/އިންޑިއާޓުޑޭ
މާދަވަން ގަބޫލުކުރާ ގޮތުގައި ކާމިޔާބު ގުޅުމެއްގެ އެންމެ މުހިއްމު އެއް ބިންގަލަކީ ދެމަފިރިންގެ މެދުގައި އޮންނަ ހަމަހަމަކަމެވެ. ފިލްމީ ދާއިރާގައި މަސައްކަތް ކުރި ނަމަވެސް، ކައިވެނީގެ ބަދަހިކަން ހިފެހެއްޓުނު ސަބަބާ ބެހޭގޮތުން ވާހަކަ ދައްކަމުން މެޑީ ބުނީ، އެހެން ކޮންމެ ދެމަފިރިންނެކޭ އެއްފަދައިން އެމީހުންގެ މެދުގައި ވެސް ދެބަސްވުންތައް ހިނގާ ކަމަށެވެ.
ނަމަވެސް، ސަރީތާއަށް މާދަވަންއަކީ ހަމައެކަނި މަޝްހޫރު ތަރިއެއް ނޫން ކަމަށާއި، އެއީ ހަމަހަމަ ބައިވެރިއެއް ކަމަށް މާދަވަން ފާހަގަކުރިއެވެ. އަދި މެޑީއަށް ސަރީތާ ފަދަ ބައިވެރިއަކު ލިބުމުން އުފާކުރާ މިންވަރު ހާމަކުރުމުގެ އެއްވެސް ފުރުސަތެއް ދޫކޮށްނުލާ ކަމަށްވެސް މަގުބޫލު އެކްޓަރު ބުނެފައިވެއެވެ.
މާދަވަން ބުނާ ގޮތުގައި އޭނާގެ ކައިވެނި ބަދަހިކޮށް ބޭއްވުމުގައި މަޝްހޫރު ޑައިރެކްޓަރު މަނީ ރަތުނަމް ދިން ނަސޭހަތް ވަރަށް ބޮޑު ދައުރެއް އަދާކުރިއެވެ.
މަނީ ރަތުނަމް ބުނެފައި ވަނީ ބޭރު ތަންތަނުގައި ޝޫޓިންތަކުގައި އުޅޭއިރު ދިމާވާ އެކި ކަންކަމުގެ ސަބަބުން ގުޅުންތަކަށް ބުރޫއަރާފާނެ ކަމަށެވެ. އެހެންކަމުން، މާދަވަން ނިންމީ ކޮންމެ ރަށަކަށް ޝޫޓިންއަށް ދިޔަ ނަމަވެސް ސަރީތާ އެކީގައި ގެންދިއުމަށެވެ. މީގެ ސަބަބުން އޭނާ އެކަނިވެރިނުވާ ކަމަށާއި، ފިލްމީ މާހައުލުގައި ހިނގާ ކަންކަމަކީ ހަގީގީ ކަންކަން ނޫންކަން ސަރީތާއަށް އެނގޭތީ ދެމަފިރިންގެ މެދުގައި އޮންނަ އިތުބާރު ބޮޑުވާ ކަމަށް މެޑީ ބުނެފައިވެއެވެ.
މާދަވަންގެ މަސައްކަތުގެ ދާއިރާގައި ވެސް ސަރީތާގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބެއެވެ. އެގޮތުން ބައެއް ފިލްމުތަކުގެ ކޮސްޓިއުމް ޑިޒައިނަރެއްގެ ގޮތުގައިވެސް ސަރީތާ މަސައްކަތް ކޮށްފައިވެއެވެ. މީގެ އިތުރުން، މަސައްކަތުގެ މާހައުލުގައި މާދަވަންގެ މިޒާޖަށް އަންނަ ބަދަލުތައް ދެނެގަނެ، އެކްޓަރަށް ބޭނުންވާ ހިތްވަރު ދިނުމުގައި ސަރީތާ ދެމިހުރެއެވެ.
ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ދުރަންދަރު"ގެ އެންމެ މުހިއްމު އެއް އެކްޓަރު ކަމަށްވާ މާދަވަން އާއި ސަރީތާގެ ކައިވެންޏަށް ފިރިހެން ކުއްޖަކު ވަނީ ލިބިފައެވެ. އުމުރުން މިހާރު 20 އަހަރުގެ ވޭދާންތު އަކީ، ފެތުމުގެ ދާއިރާއިން އިންޑިއާއަށް ރަން ވަނަތަކެއް ހޯދައިދެމުންދާ ކާމިޔާބު ކުޅުންތެރިއެކެވެ. ދަރިފުޅު ބޮޑު ކުރުމުގައި ގެންގުޅޭ އުސޫލުތަކާއި ތަރުބިއްޔަތުކޮށްފައިވާ ގޮތުން ވަރަށް ގިނަ ބައެއްގެ ތައުރީފު މާދަވަންގެ ދެމަފިރިންނަށް އަންނަނީ ލިބެމުންނެވެ.