ގަލްފުގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނަ ހަމަލާ އަމާޒުކުރީ ޔޫއޭއީއަށް

ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓަށް ރޭ ދިން ހަމަލާ. ފޮޓޯ/އޭއެފްޕީ

އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ ސަރަހައްދީ ހަމަނުޖެހުންތައް އިތުރަށް ގޯސްވެ، ގަލްފުގެ ގައުމުތަކަށް އަމާޒުކޮށް އީރާނުން ދެމުންދާ ހަމަލާތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަވެފައެވެ. މި ހަމަނުޖެހުންތަކުގެ އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އަށެވެ. ޚާއްސަކޮށް، އެ ގައުމުގެ މުހިންމު އިގްތިސާދީ މަރުކަޒުތަކަށާއި އެއާޕޯޓުތަކަށް އަމާޒުކޮށް 1،800 އަށް ވުރެ ގިނަ މިސައިލާއި ޑްރޯން ހަމަލާ އީރާނުން ދީފައިވެއެވެ. މީގެ އިތުރުން ސައުދީ އަރަބިއްޔާ އާއި ގަތަރު އަދި ކުވޭތު ފަދަ ގައުމުތަކަށް ވެސް ހަމަލާތައް އަމާޒުވެފައިވާއިރު، މިކަމުގެ ސަބަބުން އާންމުންގެ ފުރާނައަށް ގެއްލުންތައް ލިބި، ސަރަހައްދީ ހަމަޖެހުމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. ޖީސީސީގެ ގައުމުތަކުން ވަނީ މި ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ދިފާއީ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ދީފައެވެ.

  • އީރާނުން ޔޫއޭއީއަށް 1،800 އަށް ވުރެ ގިނަ މިސައިލާއި ޑްރޯން ހަމަލާ ދީފައިވޭ
  • ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓާއި ތެޔޮ ޓޭންކަރުތަކަށް ޑްރޯން ހަމަލާތައް އަމާޒުވުން
  • އަބޫދާބީގައި ހިނގި ހަމަލާތަކެއްގައި މީހަކު މަރުވެ އާންމުންނަށް ގެއްލުންތައް ލިބުން
  • ސައުދީ އަރަބިއްޔާ، ގަތަރު، އަދި ކުވޭތު ފަދަ ގައުމުތަކަށް ވެސް ހަމަލާތަކުގެ އަސަރުކުރުން
  • ޖީސީސީގެ ގައުމުތަކުން އީރާނުގެ ހަމަލާތައް ކުށްވެރިކޮށް ދިފާއީ ފިޔަވަޅުތައް އަޅާނެކަން އިއުލާނުކުރުން

އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދެމުންގެންދާ ހަމަލާތައް އަދިވެސް ކުރިއަށް ގެންދާއިރު، އީރާނުން މިހާތަނަށް އެންމެ ގިނަ ހަމަލާ އަމާޒުކޮށްފައި ވަނީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)އަށް ކަމަށް ބޭރުގެ ރިޕޯޓުތައް ބުނެފިއެވެ.

އީރާނުން ވަނީ ޔޫއޭއީއަށް 1،800 އަށް ވުރެ ގިނަ މިސައިލާއި ޑްރޯން ހަމަލާ އަމާޒުކޮށްފައެވެ. ނަމަވެސް އަމާޒުކުރި ގިނަ ހަމަލާތައް ޔޫއޭއީގެ ވައިގެ ދިފާއީ ނިޒާމުން ވަނީ ހުއްޓުވާފައެވެ.

ރައްދުގައި އީރާނުން ދޭ ހަމަލާތައް ގަލްފް ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ ތަންތަނަށާއީ އެއާޕޯޓުތަކަށާއި އިގްތިސާދީ އެހެނިހެން ތަންތަނަށްވެސް އަމާޒުުކުރަމުން އަންނައިރު، ހަމަލާތައް މިހާރު ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ.

ދުނިޔޭގެ އެންމެ ބިޒީ އެއް އެއާޕޯޓު ކަމަށްވާ ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓު ކައިރީގައި ހުރި ތެޔޮ ޓޭންކަރަކަށް ރޭ ފަތިހު ޑްރޯން ހަމަލާއެއް އަމާޒުވުމާ ގުޅިގެން ބައެއް ފްލައިޓްތައް ވަނީ ޑައިވާޓްކޮށްފައެެވެ.

ދުބާއީ މީޑިއާ އޮފީހުން މިއަދު ބުނީ އެއާޕޯޓުގެ އެއާޕޯޓު ކައިރީގައި ހުރި ތެޔޮ ޓޭންކަރަކަށް ހަމަލާ އަމާޒުވުމުން ރޯވި އަލިފާންގަނޑު ކާމިޔާބުކަމާއެކު ކޮންޓްރޯލުކޮށްފައިވާ ކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ވެފައިވާ ކަމަކަށް ރިޕޯޓުކޮށްފައި ނުވާ ކަމަށްވެސް އެ އޮފީހުން ބުންޏެވެ.

އެ ހާދިސާއާ ގުޅިގެން ބައެއް ފްލައިޓްތައް އަލް މަކްތޫމް އިންޓަނޭޝަނަލް އެއާޕޯޓަށް ޑައިވާޓްކޮށްފައިވާ ކަމަށް މީޑިއާ އޮފީހުން އެކްސްގައި ބުނެފައިވެއެވެ.

މީގެ އިތުރުން ދުބާއީ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ އެއާޕޯޓުގައި ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލީ ހުރިހާ ފަސިންޖަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. ފްލައިޓްތައް އަލުން ފެށޭނެ ކަމަށް ލަފާކުރާ ދުވަހެއް ހާމަކޮށްފައެއްނުވެއެވެ.

ހޮނިހިރު ދުވަހުގެ ވަގުތެއްގައި ސައުދީ އަރަބިއްޔާގެ މުހިންމު ދެ ތެޔޮ އިންސްޓޯލޭޝަނަކަށް އަމާޒުކޮށް ދިން ހަމަލާ. ފޮޓޯ/އޭއެފްޕީ

ޔޫއޭއީގެ ވެރިރަށް އަބޫދާބީއަށް އަމާޒުކުރި މިސައިލް ހަމަލާއެއްގެ ސަބަބުން އެކަކު މަރުވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. އަލް ބަހްޔާން ސަރަހައްދުގައި ހިނގި އެ ހާދިސާގައި މަރުވީ ފަލަސްތީނަށް ނިސްބަތްވާ މީހެއް ކަމަށް އަބޫދާބީ މީޑިއާ އޮފީހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

މި ހާދިސާގެ ކުރިން މިދިޔަ ބުދަ ދުވަހު އަބޫދާބީ އެއާޕޯޓު ކައިރިއަށް ދެ ޑްރޯން ވެއްޓި ހަތަރު މީހުން ޒަޚަމްވެފައިވެއެވެ.

ޔޫއޭއީގެ ދިފާއީ ވުޒާރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފެބްރުއަރީ 28 ވަނަ ދުވަހު ހަނގުރާމަ ފެށުނު ފަހުން ހަމަލާތަކުގައި ހަ މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި އާންމު ހަތަރު މީހުންނާއި އަސްކަރީ ދެ މީހަކު ހިމެނެއެވެ.

ފެބްރުއަރީ 28 ވަނަ ދުވަހު އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދޭން ފެށި ވައިގެ ހަމަލާތަކާ ގުޅިގެން އީރާނުން ރައްދު ހަމަލާތައް ދެނީ ގަލްފް ގައުމުތަކުގައިހުރި އެމެރިކާގެ އަސްކަރީ ތަންތަަނަށް ކަމަށް އީރާނުން ތަކުރާރުކޮށް ވަނީ ބުނެފައެވެ.

ނަމަވެސް ގަލްފްގެ ލޭންޑްމާކްތަކާއި، އެއާޕޯޓުތަކާއި ބަނދަރުތަކާއި ތެލުގެ ވަސީލަތްތަކަށްވެސް ހަމަލާތައް ވަނީ އަމާޒުވެފައެވެ.

ޔޫއޭއީގެ ރައީސް ޝެއިޚް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން އާއި ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންވެސް ވަނީ ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ ގައުމުތަކަށް އީރާނުން ދޭ ހަމަލާތައް ކުށްވެރިކޮށް، އެ ގައުމުތަކުގެ ސަރަހައްދުތައް ދިފާއު ކުރާނެ ކަމަށް ވިދާޅުވެފައެެވެ.

އިނގިރޭސިވިލާތާއި އުރުދުންއާ އެކު ޖީސީސީން ވަނީ އީރާނުގެ ހަމަލާތައް ކުށްވެރިކޮށް، ހަމަލާތައް ހުއްޓާލުމަށް ގޮވާލާ ބަޔާނެއްވެސް ނެރެފައެވެ.

ޔޫއޭއީގެ އިތުރުން ސައުދީ އަރަބިއްޔާއަށްވެސް މިއަދު ވަނީ ތިން ޑްރޯން ހަމަލާ އަމާޒުވެފައެވެ. ތިން ހަމަލާވެސް ހުއްޓުވާފައިވާ ކަމަށް ސައުދީގެ ދިފާއީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

އާދީއްތަ ދުވަހުގެ ރޭ ގަތަރަށް ވެސް ހަމަލާތަކެއް ދީފައިވާ ކަމަށް ރިޕޯޓްކޮށްފައިވާއިރު، އެ ގައުމުގެ ވައިގެ ސަރަހައްދުގައި ހުރި ހުރިހާ ޑްރޯންތަކެއް ހުއްޓުވާފައިވާ ކަމަށް އެގައުމުގެ ދިފާއީ ވުޒާރާއިން ބުނެފައިވެއެވެ.

ކުވޭތުގެ ބައިނަލްއަގްވާމީ އެއާޕޯޓަށް ވެސް ހަމަލާ އަމާޒުވެ، ރާޑަރުތަކަސް ގެއްލުން ލިބިފައިވާ ނަމަވެސް، އެއީ އީރާނުން ދިން ހަަމަލާއެއް ނޫން ކަމަށް އެ ގައުމުން ވަނީ ބުނެފައެވެ.

އަނެއްކޮޅުން އީރާނުގެ ވެރިރަށް ތެހެރާނަށް އިތުރު ހަމަލާތަކެއް އިސްރާއީލުން ރޭ ވަނީ ދީފައެވެ.

އީރާނުގެ ރެޑް ކްރެސެންޓް ސޮސައިޓީން ބުނީ ތެހެރާނަށް އެންމެ ފަހުން ދިން ވައިގެ ހަމަލާތަކުގައި އެގައުމުގެ އެއް ކްލިނިކާއި އެހީގެ ރިލީފް ޕޯސްޓަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

އެމެރިކާއާއި އިސްރާއީލުގެ ހަމަލާތައް ފެށުނުފަހުން އީރާނުގެ ހޮސްޕިޓަލްތަކަށާއި އެހެނިހެން ސިއްހީ މަރުކަޒުތަކަށްވެސް ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް