މި މަހުގެ ފުރަތަމަ 14 ދުވަހާ ހަމައަށް ރާއްޖެއަށް ފަތުރުވެރިން އައި އަދަދު، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 18،626 ފަތުރުވެރިން މަދުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް 551،416 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރާތްކޮށްފައެވެ. އެއީ ވޭތުވެދިޔަ 2025 ވަނަ އަހަރާއި 2024 ވަނަ އަހަރާ އަޅާ ބަލާއިރު ވެސް ކުރިއެރުމެކެވެ.
އެހެންނަމަވެސް މެދުއިރުމަތީގެ ހަނގުރާމައާ ހެދި، ދުވާލެއްގެ މައްޗަށް ރާއްޖެ ޒިޔާރާތްކުރާ ފަތުރުވެރިންގެ އަދަދު މިމަހު މިވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެގޮތުން މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ ޒިޔާރާތްކުރީ 69،648 ފަތުރުވެރިންނެވެ.
މިދިޔަ އަހަރު އެ މުއްދަތުގައި 88،274 ފަތުރުވެރިން ރާއްޖެ އައެވެ. އެހެންކަމުން އެއީ 18،626 ފަތުރުވެރިންގެ ވެއްޓުމެކެވެ.
އޭގެ ކުރިން 2024 ވަނަ އަހަރު ވެސް އެ މުއްދަތުގައި 84،229 ފަތުރުވެރިން ރާއްޖެ އައެވެ.
އެވްރެޖުކޮށް ރާއްޖެއަށް ދުވާލެއްގެ މައްޗަށް ފަތުރުވެރިން އަންނަ އަދަދު އުޅެނީ 7،000ހުން މަތީގައެވެ. މިއަހަރު ފެށުނު ފަހުން ދުވާލެއްގެ މައްޗަށް 11،000އަށްވުރެ ގިނަ ފަތުރުވެރިން އައިސް ރެކޯޑު ހަދާފައި ވެސް އެބަހުއްޓެވެ. ނަމަވެސް ހަނގުރާމައިގެ ސަބަބުން އެ އަދަދުތައް ވެސް މިވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.
އެ ފަހުން މި މަހުގެ އެއް ވަނަ ދުވަހު 6،440 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. ނަމަވެސް ފާއިތުވި ދުވަސްތަކުގައި އެ އަދަދު ހުރީ 4،000ގެ އަދަދުތަކުގައި ހިފެހެއްޓިފައެވެ. އެއަށްފަހު އިއްޔެ އެ އަދަދު ވަނީ 6،079އަށް އަރައިފައެވެ.
ރާއްޖެއަށް ދުވާލަކު އަންނަ ފަތުރުވެރިންގެ ތެރެއިން 35 އިންސައްތަ މީހުން އަންނަނީ މެދުއިރުމަތިން ކަމަށް ވާއިރު، ހަނގުރާމައިގެ ސަބަބުން އެ އަދަދު ދަށްވާނެ ކަމަށާއި އޭގެ އަސަރު ވަރަށް ބޮޑަށް އާމްދަނީއަށް ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމް ވަނީ މި މަހުގެ އެއް ވަނަ ދުވަހު ވިދާޅުވެފައެވެ.
ރާއްޖޭގެ 'ޓޮޕް 10' މާކެޓުތަކުން މިހާތަނަށް ފަތުރުވެރިން އައި އަދަދުތަކަކީ:
- ޗައިނާ: 85،679 ފަތުރުވެރިން
- ރަޝިއާ: 65،492 ފަތުރުވެރިން
- އިޓަލީ: 51،942 ފަތުރުވެރިން
- ޔޫކޭ: 51،828 ފަތުރުވެރިން
- ޖާމަނީ: 35،389 ފަތުރުވެރިން
- އިންޑިއާ: 21،028 ފަތުރުވެރިން
- ފްރާންސް: 19،550 ފަތުރުވެރިން
- ޔޫއެސްއޭ: 14،128 ފަތުރުވެރިން
- ޕޯލޭންޑް: 12،537 ފަތުރުވެރިން
- ސްވިޒަލޭންޑް: 11،911 ފަތުރުވެރިން
އިސްރާއީލާއި އެމެރިކާއިން ކުއްލި ގޮތަކަށް އީރާނަށް ދިން ހަމަލާތަކުގައި އެ ގައުމުގެ އިސް ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ ވަނީ އަވަހާރަކޮށްލައިފައެވެ. އެއާއެކު އީރާނުން ބަދަލު ހިފުމުގެ ގޮތުން، އިސްރާއީލުގެ އިތުރުން، މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދޭން ފެށިއެވެ.
އެ ހަމަލާތައް އަމާޒުވި ގައުމުތަކުގެ ތެރޭގައި ޔޫއޭއީ، ގަތަރު، ކުވޭތު، ބަހްރެއިން އަދި ސައުދީ އަރަބިއާ ހިމެނެއެވެ. އޭގެ ސަބަބުން، އެ ގައުމުތަކަށް ވައިގެ ސަރަަހައްދު ބަންދުކުރަން ޖެހި، ދަތުރުފަތުރު ހުއްޓުމަކަށް އައެވެ. އަދި، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މަގުތައް ވެސް އެއާއެކު ބަންދުވިއެވެ.
ހަނގުރާމައިގެ ސަބަބުން ޖެޓް ފިއުލްގެ އަގު ބޭރުގެ ބާޒާރުގައި އުފުލިފައިވާ މި ދަނޑިވަޅުގައި، ރާއްޖެއަށް ދަތުރުކުރާ ބައެއް އެއާލައިންތަކުގެ އަގުތައްވެސް ވަނީ ބޮޑުކޮށްފައެވެ. ބޭރުގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާ ގުޅިގެން، ރާއްޖޭގެ އެއާޕޯޓު ކުންފުނި އެމްއޭސީއެލުން ވިއްކާ ޖެޓް ފިއުލްގެ އަގު ވަނީ 1.19 ޑޮލަރުން 1.69 ޑޮލަރަށް ބޮޑުކޮށްފައެވެ.
ފަތުރުވެރިން މަދުވުމާއެކު، އިގްތިސޯދަށް އަންނާނެ ހީނަރުކަމާ ގުޅިގެން ފަތުރުވެރިކަމާ ބެހޭ މާހިރުން ދަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.