ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އަމިއްލަ ވިޔަފާރިތަކަށް ތެލާއި ޑީސަލް ވިއްކާ އަގު މިއަދުން ފެށިގެން ވަރަށް ބޮޑަށް ބޮޑުކޮށްފިއެވެ.
އެކި ސަރަހައްދުތަކަށް ތެޔޮ ގެންގޮސް އާންމުންނަށް ވިއްކާ ބައެއް ވިޔަފާރިވެރިން "ސަން" އަށް މައުލޫމާތު ދީފައިވާ ގޮތުގައި، އެސްޓީއޯއިން ތެޔޮ ޑެލިވަރީކޮށްދޭ އަގުތަކަށް ވަނީ މިއަދުން ފެށިގެން ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.
މި ބަދަލުތައް ގެނެސްފައިވަނީ ތެޔޮ އުފުލައިދޭ ދުރުމިނަށް ބަލައި އެކި ސަރަހައްދުތަކަށް އެކި ރޭޓުން ނަމަވެސް، އެވްރެޖްކޮށް ހުރިހާ ސަރަހައްދަކަށް ވެސް އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.
މާލެ ސަރަހައްދުގައި ތެލުގެ ވިޔަފާރިކުރާ ފަރާތަކުން މައުލޫމާތު ދިން ގޮތުގައި، އިއްޔެއާ ހަމައަށް ޑީސަލް ލީޓަރެއް 16.52 ރުފިޔާއަށް ލިބުނު ނަމަވެސް، މިއަދުން ފެށިގެން އެ އަގު ވަނީ 27.22 ރުފިޔާއަށް ބޮޑުވެފައެވެ. އަދި 15.00 ރުފިޔާއަށް ލިބެމުންދިޔަ ޕެޓްރޯލް ލީޓަރެއްގެ އަގު ވަނީ 26.14 ރުފިޔާއަށް އުފުލިފައެވެ.
މީގެ އިތުރުން، އަތޮޅުތެރޭގެ ރަށްރަށަށް ވެސް މި ބަދަލުގެ އަސަރު ވަނީ ވަރަށް ބޮޑަށް ކޮށްފައެވެ. ނ. އަތޮޅުގައި ތެލުގެ ވިޔަފާރިކުރާ ވިޔަފާރިވެރިއެއް ބުނި ގޮތުގައި، އެ އަތޮޅާ ހަމައަށް ޑެލިވަރީކުރާ ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ވަނީ 27.13 ރުފިޔާއަށް ބޮޑުވެފައެވެ. އަދި ޑީސަލް ލީޓަރެއްގެ އަގު ވަނީ 28.32 ރުފިޔާއަށް އުފުލިފައެވެ.
މި ބަދަލުގެ ސަބަބުން އަމިއްލަ ވިޔަފާރިވެރިން އެސްޓީއޯއިން ތެޔޮ ގަންނަންޖެހޭ އަގު ބޮޑުވުމާ ގުޅިގެން، އާންމުންނަށް ތެޔޮ ވިއްކާ އަގު މާލެ ސަރަހައްދަށްވުރެ އެތައް ގުނައެއް ރަށްރަށުގައި ބޮޑުވާނެއެވެ.
އަދި ރައްޔިތުންނަށް ވެސް ބޮޑު ބުރައެއް އުފުލަން މަޖުބޫރުވާނެ ކަމަށާއި، އެއީ އަތޮޅު ތެރޭގައި ތަކެތީގެ އަގުތައް އުފުލެން މަގުފަހިވާނެ ކަމެއް ކަމަށް ވެސް ބުނެފައެވެ.
މިހާރު ވެސް ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީގައި ޕެޓްރޯލާއި ޑީސަލް ވިއްކާ އަގު ވަނީ ވަރަށް ބޮޑަށް މަތިވެފައެވެ. ހަމައެއާއެކު ރާއްޖޭގެ އުތުރުން ކުޅުދުއްފުށީ ސިޓީގައި ވެސް އަގުތައް އުފުލިފައިވާއިރު، ޕެޓްރޯލް ލީޓަރެއް ހުރީ 29.30 ރުފިޔާއަށެވެ. ޑީސަލް ވިއްކަނީ 29.51 ރުފިޔާއަށެވެ. މި ކަމާ ގުޅިގެން ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު އާތިފް ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
ވިޔަފާރިތަކަށް ތެޔޮ ވިއްކުމުގައި އައި ބަދަލާ ބެހޭގޮތުން އެސްޓީއޯގެ އޮފިޝަލަކު "ސަން"އަށް ބުނީ ވިޔަފާރިތަކަށް ތެޔޮ ވިއްކާ އަގުތައް ހުންނަނީ އެކި ރޭޓުގައި ކަމަށެވެ. ވިޔަފާރިތަކަށް ވިއްކާ ރޭޓުތަކަށް ބަދަލު އައި ނަމަވެސް އެފްއެސްއެމްގެ ޝެޑުތަކުން ވިއްކާ އަގަށް ބަދަލެއް ނާންނަކަމަށް ވެސް ފާހަގަކުރިއެވެ. އަދި އާންމުންނަށް ޝެޑުތަކުން ވިއްކާ އަގަަށް ބަދަލެއް އަންނަ ނަމަ އެކަން ހާމަކުރާނެކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
ހަނގުރާމަ ކުރިއަށްދާނަމަ، ރާއްޖެއަށް ކުރާ އިގުތިސާދީ އަސަރު ވަރަށް ބޮޑުވާނެ ކަމުގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ. ވަކިން ޚާއްސަކޮށް ތެލުގެ އަގު އުފުލުމުގެ ކަންބޮޑުވުން އެބައޮތެވެ.
ހަނގުރާމަ ފެށުނުތާ ހަތަރު ދުވަސްފަހުން، މި މަހުގެ ތިން ވަނަ ދުވަހު އިކޮނޮމިކް މިނިސްޓަރު އަހުމަދު ސައީދު ވަނީ އެ ހަނގުރާމައާ ގުޅިގެން ރާއްޖެ ތެލާއި ގޭހަށް ނުޖެހޭނެ ކަމަށާއި މެދުކެނޑުމެއްނެތި ރާއްޖެއަށް ކާޑު ވެސް ލިބޭނެ ކަމަށް ވިދާޅުވެފައެވެ.
ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ މާކެޓުތަކަށް ބުރޫ އަރާފައިވާ މި ދަނޑިވަޅުގައި ރާއްޖެއަށް ތެޔޮ ހޯދުމަށް އިންޑިއާގެ އެހީއަށް ސަރުކާރުން ވަނީ އެދިފައެވެ.