ސުޕަމެޖޯރިޓީގެ ސަބަބުން 'ގާނޫނީ ހުދުމުޚުތާރުކަމަކަށް' މަގުފަހިވެއްޖެ

ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި ލިޔުމުގައި ފާހަގަކޮށްފައިވަނީ ރާއްޖޭގެ ވެރިކަން ކުރާ ޕާޓީއަށް މަޖިލީހުގައި ލިބިފައިވާ ސުޕަމެޖޯރިޓީ ބޭނުންކޮށްގެން، ދައުލަތުގެ އެކި ބާރުތައް އެގްޒެކެޓިވްގެ ކޮންޓްރޯލްގެ ދަށަށް ގެނެސްފައިވާ ގޮތެވެ. އެންޓި-ޑިފެކްޝަން ގާނޫނު ފަދަ އިސްލާހުތައް މެދުވެރިކޮށް ސިޔާސީ ހަމަޖެހުމުގެ ނަމުގައި، ޑިމޮކްރެޓިކް އުސޫލުތައް ހަނިކޮށް، މިނިވަން މުއައްސަސާތަކާއި ޝަރުއީ ދާއިރާގެ މިނިވަންކަން ވަނީ ނިގުޅައިގެންފައެވެ. އަދި މީޑިއާ ރެގިއުލޭޓްކުރުމުގެ ނަމުގައި ނޫސްވެރިކަމުގެ މިނިވަންކަން ހަނިކޮށް، ގާނޫނުގެ ވެރިކަމަށްވުރެ ބޮޑަށް ގާނޫނު ބޭނުންކޮށްގެން ސަރުކާރުން ހިންގާ ވެރިކަމެއްގެ ސިފަތައް ފެންނަމުންދާ ކަމަށް މި ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

  • ސުޕަމެޖޯރިޓީ ބޭނުންކޮށްގެން ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކުގެ ސަބަބުން ދައުލަތުގެ ބާރުތައް ވަކިވެފައި އޮތް އޮތުން ނިމުމަކަށް އައިސްފައިވޭ.
  • ޝަރުއީ ދާއިރާއާއި މިނިވަން މުއައްސަސާތަކަށް ސަރުކާރުން ނުފޫޒު ފޯރުވައި، ގާނޫނީ ހަމަތައް ބަލިކަށިކޮށްލާފައިވޭ.
  • އެންޓި-ޑިފެކްޝަން ގާނޫނާއި މީޑިއާ ކޮންޓްރޯލްކުރާ ބިލުތަކުގެ ސަބަބުން ޑިމޮކްރެސީއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވޭ.
  • ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމާއި، ފަނޑިޔާރުން ވަކިކުރުމުގެ އަމަލުތަކަކީ ވެރިކަމުގެ ބާރުތައް އެއްކުރުމަށް އެޅި ފިޔަވަޅުތަކެއް.

އެންޓި-ޑިފެކްޝަން ގާނޫނަށްފަހު، މިނިވަން މުއައްސަސާތަކާއި، އަދުލު އިންސާފުގެ ދާއިރާ އަދި މީޑިއާއަށް އަމާޒުކޮށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ދުސްތޫރީ ހަމަތަކާއި އުސޫލުތައް ވަނީ މުގުރާލެވިފައެވެ.

މިދިޔަ އަހަރު ރާއްޖޭގެ ގާނޫނީ ނިޒާމަށް އައި ބަދަލުތަކުގެ ޚުލާސާއަކީ، ޝަރުއީ ދާއިރާ ހިމެނޭހެން ދައުލަތުގެ މުހިންމު ބާރުތައް އެގްޒެކެޓިވް ނުވަތަ ސަރުކާރުގެ މުށުތެރެއަށް ލުމެވެ. މީގެ މަރުކަޒުގައި ވަނީ ކޯޓުގައި މައްސަލަ ހިނގަމުންދަނިކޮށް، ވަރަށް އަވަސް އަރުވާލައިގެން ގާނޫނުއަސާސީއަށް ގެނައި ފިތުނަވެރި އިސްލާހެކެވެ.

ރާއްޖޭގައި ވެރިކަން ކުރާ ޕާޓީއަށް މަޖިލީހުގައި އޮތް ބޮޑު އަޣުލަބިއްޔަތާއެކު، ދައުލަތުގެ ބާރުތައް ވަކިވެފައި އޮތް އޮތުން ވަނީ ނައްތާލާފައެވެ. މީގެ ނަތީޖާއަކީ މީގެ ކުރިން ރާއްޖޭގެ އެއްވެސް ރައީސަކަށް ލިބިވަޑައިނުގަންނަވާ މިންވަރަށް، ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހުގެ މައްޗަށް ބާރު ފޯރުއްވުމެވެ.

https://www.sun.mv/218393

ސުޕަމެޖޯރިޓީގެ ޒަރީއާއިން ކޮންޓްރޯލް ހޯދުން

ނޮވެމްބަރު 2024 ގައި ޕީއެންސީގެ މެންބަރަކު, އެންޓި-ޑިފެކްޝަން ގާނޫނުއަސާސީއަށް އިތުރުކުރުމަށް ބިލެއް ހުށަހެޅިއެވެ. މި ބިލު ހުށަހެޅީ 19 ނޮވެމްބަރުގެ ރޭގަނޑު 8:43 ގައެވެ. މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން 75 ގޮނޑި ޕީއެންސީއަށް އޮތުމާއެކު، މި ބިލު ތާވަލުކޮށް، ބަހުސްކޮށް، ފާސްކުރީ ޖެހިގެން އައި ދުވަހުގެ ފަސް ގަޑިއިރަށް ވުރެ ކުރު ވަގުތުކޮޅެއްގެ ތެރޭގައެވެ.

މި އިސްލާހުގެ ދަށުން، އިންތިޚާބުވި ޕާޓީ ބަދަލުކުރާ ނުވަތަ ޕާޓީން ވަކިކުރާ މެންބަރުންގެ ގޮނޑި ގެއްލޭނެއެވެ. މީގެ ސަބަބުން ޕާޓީގެ އެތެރޭގެ ޚިޔާލުތަފާތުވުންތައް ހުއްޓުވައި، ވެރިކަން ކުރާ ޕާޓީ ބައިބައިވުމުން ރައްކާތެރިކޮށްދެއެވެ. އިދިކޮޅު މެންބަރުންނާއި، ވަކީލުން އަދި އާންމުން މިކަމާ ދެކޮޅަށް އިހުތިޖާޖު ކުރިއެވެ. ނަމަވެސް ރައީސް މުއިއްޒު މި އިސްލާހަށް ތައުރީފު ކުރައްވައި ވިދާޅުވީ މިއީ "ސިޔާސީ ހަމަޖެހުން" ގާއިމުކުރަން އެޅި ފިޔަވަޅެއް ކަމަށެވެ.

މިއީ ގާނޫނީ ވެރިކަމެއް (Rule of Law) ނޫން ކަމަށާއި، މިއީ ގާނޫނު ބޭނުންކޮށްގެން ކުރާ ވެރިކަމެއް (Rule by Law) ކަމަށް ފާހަގަކުރެވެއެވެ.

https://www.sun.mv/218411

މިނިވަން މުއައްސަސާތައް ނިކަމެތިކުރުން

ގާނޫނުއަސާސީއަށް އިސްލާހު ގެނައިތާ ހަފުތާއެއް ނުވަނީސް، އިލެކްޝަންސް ކޮމިޝަނާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފަދަ މުއައްސަސާތަކަށް ނުފޫޒު ފޯރުވަން ފެށިއެވެ. އާ އިސްލާހުތަކުގެ ދަށުން މި ކޮމިޝަންތަކުގެ ރައީސާއި ނައިބު ރައީސް އައްޔަންކުރުމުގެ ބާރު ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދިނެވެ.
މިދިޔަ އަހަރު، އޭސީސީން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަމާޒުކޮށް ހަދަހަދައިގެން ތުހުމަތުތަކެއް ކުރިއެވެ. އަދި ސަރުކާރުން ކޮންޓްރޯލްކުރާ މީޑިއާ ރެގިއުލޭޓަރެއް އުފައްދައި، ސިޔާސީ އެކްޓިވިސްޓުން މިނިވަން މުއައްސަސާތަކަށް އައްޔަންކުރިއެވެ.

ޝަރުއީ ދާއިރާގެ މިނިވަންކަން ގެއްލުވާލުން

24 ނޮވެމްބަރު 2024 ގައި ކުރީގެ މެންބަރު އަލީ ހުސައިން އެންޓި-ޑިފެކްޝަން އިސްލާހު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް އިންވެސް މި މައްސަލައިގައި ބައިވެރިވިއެވެ.

ނަމަވެސް، 23 ފެބްރުއަރީ 2025 ގައި ޕީއެންސީން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރުމަށް ބިލެއް ހުށަހެޅިއެވެ. ހަމަ އެ ދުވަހު ރައީސް ވަނީ ޖޭއެސްސީގައި އިންނަވާ އެމަނިކުފާނުގެ މަންދޫބު ބަދަލުކުރައްވާފައެވެ.

https://www.sun.mv/210731

އޭގެ ފަހުން ކަންތައްތައް ހިނގައިދިޔަ ގޮތް:

* ޖޭއެސްސީން ތިން ފަނޑިޔާރުން ސަސްޕެންޑްކުރުން: ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު، އަދި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ސަސްޕެންޑް ކުރެވުނެވެ.
* ފަނޑިޔާރުން އިސްތިއުފާ ދިނުމާއި ވަކިކުރުން: ފަނޑިޔާރު ސުއޫދު އިސްތިއުފާ ދެއްވީ ސަރުކާރުގެ ނުފޫޒާ ހުރެއެވެ. ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒު މަގާމުން ވަކިކުރެވުނެވެ.
* އާ ފަނޑިޔާރުން އައްޔަންކުރުން: ރައީސް ވަނީ އެމަނިކުފާނު ބޭނުންފުޅުވާ ހަތަރު ފަނޑިޔާރުން ފަސް ފަނޑިޔާރުންގެ ސުޕްރީމް ކޯޓަށް އައްޔަންކުރައްވާފައެވެ.

މީޑިއާގެ މިނިވަންކަމަށް ހުރަސް އެޅުން

ސަރުކާރަށް ފާޑުކިޔާ ތިން ވެބްސައިޓެއް ބްލޮކް ކުރުމަށްފަހު، މީޑިއާ ކޮންޓްރޯލް ކުރާނެ އާ ބިލެއް 16 ސެޕްޓެމްބަރުގައި ފާސްކުރިއެވެ. މި ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށް ނޫސްވެރިން ޖޫރިމަނާކުރުމާއި، ވެބްސައިޓްތައް ބްލޮކްކުރުމާއި، ނޫސްތަކުގެ ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރު ލިބިދެއެވެ. ރައީސް ވިދާޅުވަނީ މީޑިއާ ކޮންޓްރޯލް ކުރަން ބޭނުންފުޅު ނުވާ ކަމަށެވެ. ނަމަވެސް އަމަލީ ގޮތުން ފެންނަނީ މީޑިއާގެ އަނގަ ބަންދުކުރާ ތަނެވެ.

ރައީސާއި ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހް ސަލާމްކުރައްވާއިރު، ފަހަތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް: -- ފޮޓޯ/ ޕީއެންސީ

ކޯޓުން މިކަމަށް އިޖާބަދޭނެތަ؟

ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވީ ސަރުކާރުން އައްޔަންކުރި ފަނޑިޔާރުން ކަމަށްވުމުން، ސަރުކާރުގެ ނިންމުންތަކަށް ފާޑުކިޔާނެ ކަމުގެ އުންމީދު ކުޑައެވެ. ނޮވެމްބަރު 2025 ގައި އަތޮޅު ކައުންސިލްތައް އުވާލުމަށް ގެނައި އިސްލާހަކީވެސް މިފަދަ ހުދުމުޚުތާރު ނިންމުމެކެވެ.

މިހާރު އޮތް ހަމައެކަނި އުންމީދަކީ ސުޕްރީމް ކޯޓުގައި ހިރަފުސް އަރާފައި އޮތް އެންޓި-ޑިފެކްޝަން މައްސަލަ ކުރިއަށް ގެންގޮސް، ގައުމުގެ ޑިމޮކްރެސީ ސަލާމަތްކުރުމެވެ. އެހެން ނޫންނަމަ، މި ސުޕަމެޖޯރިޓީގެ ސަބަބުން ގައުމުގެ ގާނޫނުއަސާސީގެ ރޫހު މުޅިން ނެތިގެން ހިނގައިދާނެއެވެ.

ނޯޓް: މި ރިޕޯޓަކީ ޑރ. ޝަމްސުލް ފަލާހު 6 މާރިޗު 2026 ގައި ލިޔުއްވައި، އިންޑިއާގެ ސުޕްރީމް ކޯޓް އޮބްޒާވާ އޮންލައިން މަޖައްލާގައި ޝާޢިއުކޮށްފައިވާ ލިޔުމުގެ ތަރުޖަމާއެކެވެ.

comment ކޮމެންޓް