ރާއްޖެއާ 3,600 ކިލޯ މީޓަރު ދުރުގައި އެ ހަނގުރާމަ ހިނގި ނަމަވެސް, އަދި އެ ފޮނުވާ ޑްރޯންތަކާއި މިސައިލްތައް މި ގައުމަށް ނުފެނުނު ނަމަވެސް, އެ އަޑުތައް ނީވުނު ނަމަވެސް އެކަމުގެ އަސަރު މި ގައުމަށް ކުރާނެކަން ޔަގީނެވެ. ހަމައެކަނި ޓޫރިޒަމް ދާއިރާއަށް ބަރޯސާވާ އިގްތިސާދެއް އޮތް, އަދި 100 ޕަސެންޓް އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށް މިފަދަ ހަނގުރާމަ އަކުން އަސަރު ނުކުރާނެ ގޮތް އެއީ ނެތް ގޮތެކެވެ. ނަމަވެސް އިއްޔެ ވެސް އަދި މިއަދުވެސް ސަރުކާރުން ބުނަމުން އަންނަ ވާހަކައަކީ ހާސްކަމެއް ނެތް ވާހަކައެވެ.
ތެދެކެވެ. ކަމެއް ދިމާވާއިރަށް ހާސްވެ ތެޅި ފޮޅިގަތުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ހަމަ އެގޮތަށް ބޮޑު ނުރައްކަލެއް ފެންނަން އޮއްވައި އެއީ ދެން ނުވާނެ ކަމަކަށް ބަލައި, މާ ބޮޑަށް "އޯވާ ކޮންފިޑެންސް" ވުމަކީ ވެސް ރަނގަޅު ގޮތެއް ނޫނެވެ. މިކަމުގައި ހެކިތަކަށް ބަލައި, ސަބަބުތަކުގައި ހިފައިގެން މެދުމިނެއް ގެންގުޅުމަކީ އެންމެ ބުއްދިވެރި ގޮތެވެ. އަޅަން ޖެހޭ ފިޔަވަޅެއް ކުރިއާލައި އަޅަން ވާނެއެވެ. އެއީ އަދި ކުރިމައްޗަށް ބޮޑު އިންތިޚާބެއް އޮތްކަމުގައި ވިޔަސްމެއެވެ.
ހަގީގަތަކީ ދުނިޔޭގެ ހާލަތު ވަރަށް ގޯސް ކަމެވެ. އެމެރިކާއާއި އިސްރާއީލު އިސްވެ އޮވެ، މިދިޔަ ފެބުރުވަރީ މަހުގެ ފަހުކޮޅު އީރާނަށް ދިން ވަރުގަދަ ހަމަލާތަކާއި، އޭގެ ރައްދުގައި އީރާނުން ދެމުންދާ ހަމަލާތަކާއެކު މުޅި ދުނިޔޭގެ އިގްތިޞާދުމިވަނީ ބޮޑު ހާސްކަމެއްގެ ތެރެއަށް ވެއްޓިފައެވެ. ޚާއްސަކޮށް ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރައި، ތެލާއި ގޭސް ލިބުން ވަނީ އިންތިހާއަށް ދަތިވެފައެވެ.
މިކަމުގެ ސަބަބުން ދުނިޔޭގެ ބޮޑެތި ގައުމުތަކުން ވެސް ޚަރަދު ކުޑަކުރުމުގެ ހަރުކަށި ފިޔަވަޅުތައް އަންނަނީ އަޅަމުންނެވެ. ނަމަވެސް، ދިވެހި ސަރުކާރުން ބުނަމުންދަނީ ރާއްޖެއަށް މާބޮޑު ހާސްކަމެއް ނެތް ކަމަށާއި، ތެޔޮ ގަތުމަށް ބޭނުންވާ 100 މިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއެއް ހަމަޖައްސަމުންދާ ކަމަށެވެ. އަދި ކާޑާއި އެހެނިހެން އަސާސީ ތަކެތި ލިބޭނެ ކަމުގެ ހާސްކަމެއް ނެތް ކަމަށް ވެސް ސަރުކާރުން ބުނެއެވެ. އެހެންނަމަވެސް، ދުނިޔޭގެ މަސްރަހަށް ބަލާއިރު މިއީ ހަމަ ހާސްވާކަށް ނުޖެހޭވަރުގެ ކުޑަ ކަމެއްތޯ ސުވާލު އުފެދެއެވެ.
https://www.sun.mv/218942
ހަނގުރާމައިގެ ހާލަތު: ނިމެން އުޅޭތަނެއް ނުފެނޭ
މެދުއިރުމަތީގައި ފެށިފައިވާ މި ހަނގުރާމަ ކައިރި މުސްތަގުބަލެއްގައި ހުއްޓިދާނެ ކަމުގެ އެއްވެސް ނިޝާނެއް އަދި ނުފެނެއެވެ. ދެތިން ދުވަސް ތެރޭގައި ނިމޭނެ ކަމަށް މީހުން ލަފާކުރި ހަނގުރާމައަށް ދެ ހަފުތާ ވީއިރު ވެސް އެ ދަނީ ހޫނުވަމުންނެވެ. އީރާނުން ވަނީ ދުނިޔޭގެ ތެލުގެ 20 އިންސައްތަ ދަތުރުކުރާ ހޯމޫޒް ކަނޑުއޮޅި ގާތްގަނޑަކަށް ބަންދު ކޮށްފައެވެ. މީގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ބައެއް ފަހަރު 117 ޑޮލަރަށްވުރެ މައްޗަށް އެބައުފުލެއެވެ. ގިނައިން އުޅެނީ 100 ޑޮލަރުން މަތީގައެވެ. މިއީ 2022 ވަނަ އަހަރު ރަޝިޔާއިން ޔޫކްރެއިނަށް އެރި ފަހުން ތެލުގެ އަގު މިހާ ބޮޑަށް އުފުލުނު ފުރަތަމަ ފަހަރެވެ.
މިއީ ވަރަށް ބޮޑު ނުރައްކަލެކެވެ. ހަނގުރާމަ ދިގުލައިގެންދާ ވަރަކަށް، މުދާ އުފުލުމުގެ އަގު ބޮޑުވެ، ދުނިޔޭގެ އިންފްލޭޝަން މައްޗަށް ދާނެކަމަށް އިގުތިޞާދީ މާހިރުން އަންނަނީ އިންޒާރުދެމުންނެވެ.
ބައިނަލްއަގުވާމީ ނޫހެއް ހުޅުވާލާއިރަށް މިކަމުގެ ހެކިތައް ފެންނާނެއެވެ. ތެލާއި ގޭހުގެ އަގު އުފުލުމުގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކަކަށް ވަނީ ހަކަތައިގެ ކާރިސާއަކާ ކުރިމަތިލާން ޖެހިފައެވެ. އޭޝިއާގެ ގައުމުތަކުން ފެށިގެން ވިލާތުގެ ގައުމުތަކާ ހަމައަށް މިކަމުގެ އަސަރު ދަނީ ކުރަމުންނެވެ. މިސާލަކަށް، ޕާކިސްތާނުން ވަނީ ހަކަތަ ސަލާމަތްކުރުމުގެ ގޮތުން ސްކޫލުތައް ބަންދުކޮށް، ސަރުކާރު އޮފީސްތައް ހަފުތާއަކު ހަތަރު ދުވަހު ހުޅުވާ ގޮތަށް ބަދަލުކޮށްފައެވެ.

އެސްޓިއޯ ކާޑު ކުދަނުން، ކާޑުގެ ބާވަތްތައް ލޮރީއަށް އެރުވުމުގެ މަސައްކަތް ކުރިއަށް ދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ފިލިޕީންސްގައި ވެސް ސަރުކާރު މުވައްޒަފުންގެ މަސައްކަތު ދުވަސްތައް މަދުކޮށް، އޭސީ ބޭނުން ކުރާ މިންވަރު ދަށްކުރުމަށް ވަނީ އަންގާފައެވެ. ވިލާތުގެ ގައުމުތަކުން ވެސް އަންނަނީ ތެލުގެ ސަބްސިޑީތައް ކޮންޓްރޯލުކޮށް، އާންމު ރައްޔިތުންނަށް ކުރިމަތިވެދާނެ މާލީ ބުރައަކުން ސަލާމަތްވުމަށް ފިޔަވަޅުތައް އަޅަމުންނެވެ. މިއިން ދައްކައިދެނީ މިއީ މުޅި ދުނިޔެއަށްވެސް ކުރިމަތިވެފައިވާ އާދަޔާ ޚިލާފު ބޮޑު އިގުތިޞާދީ ތަދުމަޑުކަމެއް ކަމެވެ.
ހާސް ނުވިޔަސް, ނޭވާލާން ދަތިވެދާނެ
ރާއްޖެއަކީ ކަރަންޓު އުފެއްދުމަށާއި ދަތުރުފަތުރުކުރުމަށް ސައްތައިން ސައްތަ އިމްޕޯޓުކުރާ ތެލަށް ބަރޯސާވާ ގައުމަކަށް ވާއިރު، ތެލުގެ އަގަށް އަންނަ ކޮންމެ ބަދަލެއްގެ އަސަރު ސީދާ ރައްޔިތުންގެ ޖީބަށް ކުރާނެއެވެ.
ކުރީގެ އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދު ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިހާރު ހުރި މިންވަރުގައި ހިފެހެއްޓިއްޖެނަމަ، ރާއްޖެއިން ތެޔޮ އެތެރެކުރުމަށް ކުރާ ހޭދަ ދުވާލަކު އެއް މިލިއަން ޑޮލަރު އިތުރުވާނެއެވެ. މީގެ މާނައަކީ އަހަރެއްގެ މައްޗަށް އިތުރު 350 މިލިއަން ޑޮލަރު ރާއްޖެއިން ބޭރުވެގެން ދިއުމެވެ.
މީގެ އިތުރުން، ރާއްޖޭގެ އިގުތިސާދުގެ މައި ނާރު ކަމަށްވާ ފަތުރުވެރިކަމަށް ވެސް މި ހަނގުރާމައިގެ ނޭދެވޭ އަސަރު ވަނީ ކުރަން ފަށާފައެވެ. މެދުއިރުމަތީގެ ވައިގެ ބަނދަރުތަކަކީ ވިލާތުގެ ފަތުރުވެރިން ރާއްޖެއަށް އައުމަށް ބޭނުންކުރާ މައިގަނޑު މަގުތަކަށް ވާއިރު، އެ ސަރަހައްދުގެ ވައިގެ ދަތުރުފަތުރަށް ބުރޫއެރުމާ ގުޅިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ދަށަށް ދާން ފަށާފައެވެ. ފަތުރުވެރިން އައުން މަދުވުމަކީ ރާއްޖެއަށް ވަންނަ ބޭރު ފައިސާ ނުވަތަ ޑޮލަރުގެ އާމްދަނީ ދަށްވެ، ތެޔޮ ގަތުމަށް ބޭނުންވާ ފައިސާ ހޯދަން އިތުރު ދަތިތަކަކާ ކުރިމަތިވާނެ ކަމެކެވެ.
https://www.sun.mv/219166
ދުނިޔޭގެ ބޮޑެތި އިގުތިސާދުތަކުން ވެސް ހާސްވެގެން ފިޔަވަޅުތައް އަޅަމުންދާއިރު، ރާއްޖެއިން ހަމައެކަނި ލޯނު ނަގައިގެން ފުއްދާލުމަކީ ދެމެހެއްޓެނިވި ހައްލެއް ނޫނެވެ. ސަރުކާރުން ރައްޔިތުންނަށް ހަގީގަތް ހާމަކޮށް، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ހަރުދަނާ ސިޔާސަތުތަކެއް ތަންފީޒުކުރަން ޖެހެއެވެ. ހަކަތަ އިސްރާފުކުރުން މަދުކުރުމަށް ގައުމީ ފެންވަރުގައި ކެމްޕޭނުތައް ހިންގުމާއި، ދައުލަތުގެ އޮފީސްތަކުގެ ހިންގުމުގެ ޚަރަދުތައް ކުޑަކުރުމަކީ މިވަގުތަށް ކޮންމެހެން ކުރަންޖެހިފައިވާ ކަންކަމެވެ. ހާސްކަމެއް ނެތްކަމަށް ބުނެ ތިބުމުގެ ބަދަލުގައި، ކުރިއަށް އޮތް ތަދުމަޑުކަމަށް ރައްޔިތުންނާއި ވިޔަފާރިތައް ހޭލުންތެރިކޮށް، އިގުތިޞާދީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން މުހިންމެވެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިގޮތުގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި،ސަޕްލައިއަށް ބުރޫއެރުމުގެ ސަބަބުން ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑެވެ. ރާއްޖޭގައި ހުރި ތެލުގެސްޓޮކަކީ ގާތްގަނޑަކަށް 20 ދުވަހުގެ މިންވަރު ކަމަށާއި، މި ހާލަތުން އަރައިގަތުމަށް ކަރަންޓު ކަނޑާގަޑިތަކެއް ކަނޑައެޅުމާއި، އުޅަނދުތައް ދުއްވުން މަދުކުރުން ފަދަ ހަރުދަނާ ފިޔަވަޅުތައް އެޅުންމުހިންމު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ސަރުކާރުން ތެލުގެ އަގު ހިފެހެއްޓުމަށް މަސައްކަތްކުރަމުންދާ ނަމަވެސް، އިގުތިސާދީ ގޮންޖެހުންތަކަށް ތައްޔާރުވުމަކީ ބޭނުންތެރި ކަމެއް ކަމަށްނަޝީދު ދެކެވަޑައިގަންނަވައެވެ.
ތެޔޮ ވިއްކާ އަގު ރާއްޖޭގައި ވަރަށް ފަހުން މި ވަނީ ބޮޑު ކޮށްފައެވެ. މި ހާލަތު މެނޭޖުކުރުމަށް ޓަކައި، ސަރުކާރުގެ މިހާރުގެ ވިސްނުމަކީ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ލުއި ދިނުމުގެ ގޮތުން، އެސްޓީއޯއަށް ލިބޭ ފައިދާގެ ބައެއް ބޭނުންކޮށްގެން ތެލުގެ އަގު ހިފެހެއްޓުމެވެ. ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ތެޔޮ ލިބުމުގެ ދަތިކަމެއް ނެތް ކަމަށާއި، އެސްޓީއޯގެ މާލީ ހާލަތު ތަންދޭ މިންވަރަކުން މި ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ.
މި ހާލަތުގައި މާ ބޮޑު ހާސްކަމެއް ނެތް ކަމަށް ސަރުކާރުން ބުނިނަމަވެސް ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަވަހަށް އަޅަން ޖެހޭ ކަމަށް ރާއްޖޭގެ އިގްތިސާދީ ތަޖުރިބާކާރުން ވިދާޅުވެއެވެ. އަދި ހަގީގަތް ހާމަ ކުރަން ޖެހޭ ކަމަށް އެ ބޭފުޅުން ދެކިލައްވައެވެ.
އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ, އިނަ މޯލްޑިވްސްގެ ވެރިޔާ މުޙައްމަދު ފިރާގު ވިދާޅުވިގޮތުގައި ސިންގަޕޫރާއި މެލޭޝިޔާ ފަދަ ޤައުމުތަކުގެ މީޑިއާތަކަށް ބަލާއިރު ރާއްޖޭން އަދިވެސް ފެންނަނީ ތަފާތު ރާގަކާއި އުސޫލެކެވެ. ސިންގަޕޫރަކީ ވަރުގަދަ އަދި ރަނގަޅަށް ގާއިމްވެފައިވާ އިގްތިސާދެއް ނަމަވެސް، އެ ގައުމުގެ ބޮޑުވަޒީރު ފާޅުގައި ޓީވީގައި ވާހަކަ ދައްކަވަނީ މިހާރުގެ ދުނިޔޭގެ ހާލަތާއި އެކަމުގެ ސަބަބުން ކުރިމަތިވެދާނެ އިގްތިސާދީ ގޮންޖެހުންތަކާ ބެހޭ ގޮތުން ކަމަށް ފިރާގު ވިދާޅުވިއެވެ. މިކަމުން ދައްކުވައި ދެނީ ކުރިމަތި ވެދާނެ ކަންކަމަށް އެ މީހުންގެ ރައްޔިތުން ތައްޔާރުކުރުމުގައި ހާމަކަން ބޮޑު މިންވަރާއި ފިކުރީ ތެދުވެރިކަން ކަމަށް ފިރާގު ވިދާޅުވިއެވެ. ނަމަވެސް ރާއްޖޭން އަދިވެސް އެ މަންޒަރު ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑަށް ބައެއް ފަހަރު ހީވަނީ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކުތިބީ ހުރިހާ ކަންކަން ރަނގަޅުކަމުގެ މާބޮޑަށް ޔަޤީންކަން ލިބިގެން ހެން. އުންމީދީ ވިސްނުމަކީ މުހިންމު ކަމެއް ނަމަވެސް، ރިއަލިސްޓިކް ވުމަކީ ވެސް ހަމަ އެހާމެ މުހިންމު ކަމެއް. މިވަގުތަކީ ، ހަމައެކަނި އެހެން ތަނަކުން ލިބޭނެ އެހީ އަކަށް އުންމީދު ކުރުމަށްވުރެ، އަޅުގަނޑުމެންނަށް މިހާރު އަތުގަ ލިބިފައިވާ އެއްޗަކުން ބުއްދިވެރިކަމާއެކު މެނޭޖް ކުރަންވީ ވަގުތު." ފިރާގު ވިދާޅުވިއެވެ.
"ޒިންމާދާރުކަމާއެކު ރޭވުމާއި ތައްޔާރުވުމަކީ ޔަގީންކަމެއް ނެތް ވަގުތުތަކުގައި އަބަދުވެސް އަޅުގަނޑުމެންނަށް ރަނގަޅު ގޮތްތަކެއް ލިބިގެންދާނެ ކަމެއް."
https://www.sun.mv/218639
ހަނގުރާމައިގެ ހާލަތު ދުވަހުން ދުވަހަށް ގޯސްވަމުން ދާއިރު އަދި ދުނިޔޭގެ ބޮޑެތި އިގްތިސާދުތަކުން ވެސް ފިޔަވަޅުތައް އަޅަމުންދާއިރު, ރާއްޖޭން ހަރަދު ކުޑަ ކުރަން މާ ބޮޑު ކަމެއް ކުރާ މަންޒަރު އަދި ނުފެނެއެވެ. އޭގެ ބަދަލުގައި ކުރިއަށް ބޮޑު އިންތިޚާބެއް އޮއްވައި ވަޒީފާތަކަށް މީހުން ނެގުމާއި ރަށްރަށަށް އެއްޗެހި ފޮނުވުމާއި އެކިއެކި ކުއްލި މަޝްރޫއުތައް ފެށުންފަދަ އެތައް ކަމެއް ދަނީ ހިނގަމުންނެވެ.
އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު, އަދި އަމިއްލަ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރައްވާ ޙުސައިން ޢަމްރު ވިދާޅުވިގޮތުގައި، ރާއްޖެއަކީ މުދާ އުފައްދާ ގައުމަކަށް ނުވާތީ، މި ދަނޑިވަޅުގައި ސަރުކާރުން އިސްނަގައިގެން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ. ޚާއްސަކޮށް، ރައްޔިތުންނަށް ހާލަތު އޮޅުންފިލުވައިދީ، އިގުތިޞާދީ ގޮތުން ރައްކާތެރިކަން ހޯދުމަށް ފިޔަވަޅުތައް އެޅުމަކީ މިވަގުތު އެންމެ މުހިންމު ކަންތައް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ކޮވިޑް-19ގެ ދުވަސްވަރު އަމަލުކުރި ގޮތަށް އިޝާރާތްކުރައްވައި ޢަމްރު ވިދާޅުވީ، ޗައިނާއިން ކޮވިޑު ފެނުނު ހިސާބުން ރާއްޖޭން ވަގުތުން ވަގުތަށް ފިޔަވަޅު އަޅަން ފެށިކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް އެ ދުވަސްވަރު ބޭނުންވި ސާމާނު ދެ މަހެއްހާ ދުވަހުގެ ތެރޭ ލިބުނު ކަމަށާއި، އެހެން ގައުމުތަކަށް ދިމާވެފައިވާ ކަންކަން ދިމާނުވި ކަމަށް، ޢަމްރު ވިދާޅުވިއެވެ.
"އެހެންވީމާ އެގޮތަށް ތައްޔާރުވެގެން އަޅުގަނޑުމެންނަށް މިވަގުތުވެސް ރާއްޖޭގެ އިގުތިޞާދު ކުރިއަރުވައި، ރާއްޖޭގެ ރައްޔިތުންނަށް ނިކަމެތިކަން ލިބި ނުދިނުމަށްޓަކައި މަސައްކަތްކުރެވެން އެބަހުރި، އެހެންވީމާ އެގޮތަށް އެކަން ކުރަންޖެހޭ،" އޭނާ ވިދާޅުވިއެވެ.
ޢަމްރު ވިދާޅުވީ، ރާއްޖެއަކީ ހަނގުރާމަ ހުއްޓުވޭނެ ގައުމެއްނޫން ކަމަށާއި، އެންމެ މުހިންމު އެއް ކަމަކީ ސަރުކާރުން ރައްޔިތުންނަށް ވާނުވާ އޮޅުންފިލުވައިދިނުން ކަމަށެވެ.
ސަރުކާރުން ހާސްކަމެއް ނެތް ކަމަށް ބުނިނަމަވެސް މީގެ ކުރިން ސަރުކާރުން ޖެހި އެފަދަ އިގްތިސާދީ ހިސާބުތައް ވެސް ވަނީ ދިމާނުވެއެވެ. އޭގެ ތެރޭގައި ޑޮލަރުގެ އަގު ވަރަށް ބޮޑަށް ދަށް ކުރާނެ ވާހަކަ އާއި ބަންކަރިންގެ ޚިދުމަތުން 400 މިލިއަން ޑޮލަރު ހޯދާނެ ވާހަކަ އާއި ކާބޯތަކެތީގެ އަގުތައް ބޮޑު ނުވާނެ ވާހަކަ އާއި ޑިވެލޮޕްމެންޓް ބޭންކުން ރާއްޖެއަށް މަޝްރޫއުތައް ގެނައުންފަދަ އެތައް ކަމެއް ހިމެނެއެވެ. އެހެންކަމުން މި ކަމުގައި ވެސް އެގޮތަށް ވެދާނެ ކަމުގެ ބިރު އެބައޮތެވެ.
މުޅި ދުނިޔެއަށް ކުރިމަތިވާ ގޮންޖެހުމެއްގެ އަސަރު ރާއްޖެއަށް ވެސް ކުރާނެއެވެ. ޚާއްސަކޮށް މިހާ ނާޒުކު އިގްތިސާދަކަށެވެ. އެހެންކަމުން ސިޔާސީ ގޮތުން މަގުބޫލުކަން ދަށްވެދާނެތީ ހަގީގަތް ފޮރުވުމަކީ ރަނގަޅު ގޮތެއް ނޫނެވެ. ކުރިއާލާ ފިޔަވަޅުތައް އަޅަން އެބަޖެހެއެވެ. ޚާއްސަކޮށް އިސްރާފު ހުއްޓައި ހަރަދު ކުޑަ ކުރަން ޖެހެއެވެ. ނޫނީ ހީނުކޮށް ތިއްބާ އަނދަވަޅަކަށް ވެއްޓިދާނެއެވެ. ހާސް ނުވެއޭ ކިޔައިގެން ތިއްބައި ނޭވާ ނުލެވުނީމައި ވާނެ ގެއްލުން މާ ބޮޑެވެ.