ދުބާއީ އެއާޕޯޓު ކައިިރިއަށް ޑްރޯން ހަމަލާއެއް، ފްލައިޓްތައް ވަގުތީ ގޮތުން ހުއްޓުމަކަށް

ދުބާއީ އެއާޕޯޓު ކައިރިއަށް ދިން ޑްރޯން ހަމަލާއާ ގުޅިގެން އަލިފާން ރޯވެފައި. ފޮޓޯ/ސަންޑޭގާޑިއަން

ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓު ކައިރީގައި ހުރި ތެޔޮ ޓޭންކަކަށް އަމާޒުކޮށް ރޭ ފަތިހު ދިން ޑްރޯން ހަމަލާއަކާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެއާޕޯޓުގެ ފްލައިޓް ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށާއި، ދުބާއީ ސިވިލް ޑިފެންސްއިން ވަނީ އަލިފާންގަނޑު ކޮންޓްރޯލުކޮށްފައެވެ. މިއީ މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ތެރެއިން ހިނގި ކަމެއް ކަމަށް ބެލެވޭއިރު، މިފަދަ ހަމަލާތައް އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. ދަތުރުވެރިންނަށް އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އެއާލައިންތަކާ ގުޅުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.

  • ދުބާއީ އެއާޕޯޓު ކައިރީގައި ހުރި ތެޔޮ ޓޭންކަކަށް ޑްރޯން ހަމަލާއެއް އަމާޒުވުން
  • ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ފްލައިޓް ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލުން
  • އަލިފާނުގެ ހާދިސާ ކޮންޓްރޯލުކުރެވިފައިވުމާއި އެއްވެސް މީހަކަށް އަނިޔާއެއް ނުވުން
  • މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން މި ސަރަހައްދުގެ ސަލާމަތީ ހާލަތު ގޯސްވުން

ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓު ކައިރީގައި ހުރި ތެޔޮ ޓޭންކަަކަށް ރޭ ފަތިހު ޑްރޯން ހަމަލާއެއް އަމާޒުވެ، އަލިފާނުގެ ހާދިސާއެއް ހިނގުމާ ގުޅިގެން ފްލައިޓްތައް ދަތުރުކުރުން ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.

ދުބާއީ ސިވިލް ޑިފެންސްގެ ކްރޫއިން ވަގުތުން ވަނީ އަލިފާން ކޮންޓްރޯލުކޮށްފައި ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ކަމާބެހާ ފަރާތްތަކުން ބުނެއެވެ.

ދުބާއީ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ދަތުރުތައް މެދުކަނޑާލުމަކީ ހުރިހާ ފަސިންޖަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއް ކަމަށެވެ. އަދި ދަތުރުވެރިންގެ ފްލައިޓްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އެއާލައިންތަކާ ގުޅުމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެއާޕޯޓަށް ދާ މަގާއި އެއާޕޯޓު ޓަނަލްގައި ޓްރެފިކް ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށް ދުބާއީ ޕޮލިހުން ބުނެފައިވާއިރު، އުޅަނދުތައް އެހެން މަގުތައް ބޭނުން ކުރުމަށް ލަފާދީފައިވެއެވެ.

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި މި މަހުގެ 11 ވަަނަ ދުވަހުވެސް ދުބާއީ އެއާޕޯޓު ކައިރިއަށް ދެ ޑްރޯން ހަމަލާ އަމާޒުވެފައިވެއެވެ. ނަމަވެސް އެ ފަަހަަރު އެއާ ޓްރެފިކަށް އަސަރުކޮށްފައެއް ނުވެއެވެ.

އިސްރާއީލާއި އެެމެރިކާ ގުޅިގެން އީރާނަށް ދެމުންގެންދާ ހަމަލާތަކަށް 16 ދުވަސްވެފައިވާއިރު، މެދުކެނޑުމެއްނެތި ހަމަލާތައް އަންނަނީ ދެމުންނެވެ.

ހަމަލާތަކުގެ ރައްދުގައި އީރާނުން އަންނަނީ މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ ތަންތަނަށާއި، ތެލުގެ ވަސީލަތްތައްކުގެ އިތުރުން އެެހެން ސަރަހައްދުތަކަށް ވެސް ޑްރޯނާއި މިސައިލް ހަމަލާތައް ދެމުންނެވެ.

ހަމަލާތަކުގެ ސަބަބުން މުޅި ސަރަހައްދުގައި ކަންބޮޑުވުން އުފެދިފައިވާއިރު އީރާނުން ބުނާ ގޮތުގައި ހަމަލާތައް އަމާޒު ކުރަނީ ހަމައެކަނި އެމެރިކާއާ ގުޅުން ހުންނަ ތަންތަނަށެވެ.

comment ކޮމެންޓް