އަންނަ މަހު މި ސަރުކާރަށް ސުކޫކު ދެއްކޭނެ އެއްގޮތެއްވެސް ނުފެނޭ: ފައްޔާޒް

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް: ވިދާޅުވީ މި ސަރުކާރަށް ސުކޫކު ދެއްކޭނެ އެއް ގޮތެއްވެސް ފެނިވަޑައިނުގަންނަވާ ކަމަށް -- ފޮޓޯ/ އެމްޑީޕީ

ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލް ވިދާޅުވީ، އަންނަ އޭޕްރީލް މަހު ދައުލަތުން ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކު ފައިސާ، މި ސަރުކާރަށް ދެއްކޭނެ އެއްވެސް ގޮތެއް ނުފެންނަ ކަމަށެވެ. މިކަމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. ސަރުކާރުން ދަރަނި އަދާކުރުމަށްޓަކައި އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅާކަމަށާއި، ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައިވާތީ، އާ ދަރަނި ހޯދުމަށް ދަތިވާނެކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ފިނޭންސް މިނިސްޓްރީއާއި އެމްއެމްއޭއިން މާލީ މައުލޫމާތުތައް ހާމަކުރުން ހުއްޓާލާފައިވުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

  • ސުކޫކު ފައިސާ ދެއްކުމުގެ ގާބިލުކަން ސަރުކާރުގެ ނެތް ކަމަށް ފައްޔާޒު ވިދާޅުވުން.
  • ރައީސް ދެއްކެވި ވާހަކަފުޅުތަކަކީ އިތުރުފުޅު ކަމަށް ފައްޔާޒު ތުހުމަތުކުރެއްވުން.
  • މާލީ މައުލޫމާތުތައް ހާމަނުކުރުމާމެދު އިދާރާތަކަށް ފާޑުކިޔުން އަމާޒުކުރުން.
  • ރާއްޖޭގެ އިގުތިޞާދީ ހާލަތު އިންތިހާއަށް ގޯސްވެފައިވާ ކަމަށް ފާހަގަކުރުން.

އަންނަ އޭޕްރިލް މަހު ދައްކަންޖެހޭ ސުކޫކު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ދެއްކޭނެ އެއްވެސް ގޮތެއް ފެނިވަޑައިނުގަންނަވާ ކަމަށް، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް މިރޭ ވިދާޅުވެއްޖެއެވެ.

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންކަން މިދިޔަ ނޮވެންބަރު މަހުގެ ނިޔަލަށް ކުރެއްވި ފައްޔާޒް 'އެސްއެސްޓީވީ'ގެ "ބާރު ހަތަރެއް" ޕްރޮގްރާމްގައި ވިދާޅުވީ، އެމްޑީޕީން އެދެނީ އާންމުންނަށް މި ސަރުކާރުންވީ ވައުދުތައް ސަރުކާރުން ފުއްދައިދިނުން ކަމަށެވެ. ނަމަވެސް މި ފަސް އަހަރު ހުރިހާ ވައުދުތައް ފުއްދައިދެވޭނެ މަންޒަރު ފެނިވަޑައިނުގަންނަވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީއާއި މަރުކަޒީ ބޭންކު އެމްއެމްއޭއިންވެސް މައުލޫމާތު މިހާރު އާންމުކުރަމުން ނުދާ ކަމަށް ވިދާޅުވެ، ފައްޔާޒް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

އޭޕްރިލް މަހު ސުކޫކު ދެއްކޭނެ ވަރަށް ފައިސާ އެބަހުރި ކަމަށް މިއަހަރުގެ ރިޔާސީ ބަޔާނުގެ އިތުރުން، މިމަހުގެ ދެވަނަ ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވި ވާހަކަފުޅަށް އިޝާރާތްކުރައްވައި ފައްޔާޒް ވިދާޅުވީ، ރައީސްގެ ވާހަކަފުޅަކީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ.

"އެހެންވީމާ ސުކޫކު ދެއްކޭނެ ގޮތެއް އޮތް ކަމަކަށް އަޅުގަނޑަކަށް ނުފެނޭ، ގައުމުގަ ހުރި ލާރިކޮޮޅަކުން ނަގައި ދައްކަފާނެ ފަހަރެއްގަ، ދައްކައިފިއްޔާ އިގުތިޞާދުގައި ހުރި ޑޮލަރުތައް އިތުރަށް ތަނަކުން ލިބިގެންނެއް އެކަން ކުރާ ތަނެއް ނުފެނޭ،" ފައްޔާޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި، ސަރުކާރުން އެއްވެސް ލޯނެއް ރީފައިނޭންސްކުރާ މަންޒަރެއް ނުފެނެއެވެ.

މެދުއިރުމަތީގެ ހަނގުރާމައަށް އިޝާރާތްކުރައްވައި ފައްޔާޒް ވިދާޅުވީ، މާދަން ހަނގުރާމަ ހުއްޓުނު ކަމުގައިވިޔަސް، އެތައް މަހެއް ވަންދެން ރާއްޖެއަށް އަސަރުކުރާނެ ކަމަށެވެ.

"ރާއްޖެ މިހާރުވެސް މި އޮތީ 15، 20 އަހަރަށް ފަހަތަށް ޖެހިފަ، ރާއްޖޭގެ އިގުތިޞާދީ ހާލަތު ރާއްޖޭގެ އިޖުތިމާއީ ހާލަތު ރާއްޖޭގެ އަދުލު އިންސާފު ރާއްޖޭގެ ދުސްތޫރީ މުޅި ނިޒާމު އެއްކޮށް މި އޮތީ 15، 20 އަހަރަށް އޯލްރެޑީ ޖެހިފަ،" ފައްޔާޒް ވިދާޅުވިއެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އޭރު ވިދާޅުވީ، އަންނަ އޭޕްރިލް މަހު ރާއްޖޭން ދައްކަން ޖެހޭ ސުކޫކުގެ އެއްބައި ދެއްކުމަށްފަހު ރީފައިނޭންސްކުރާނީ އިންޓްރެސްޓް ރޭޓު ނުވަ ޕަސެންޓަށް ވުރެ އިތުރުނުވާނެ ފަދަ ގޮތަކަށް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި މިހާރުވެސް އެސްޑީއެފަށް މި ސަރުކާރުން 275 މިލިއަނަށްވުރެ ގިނަ ޑޮލަރު ޖަމާކޮށްފައިވާނެއެވެ.

އެއާއެކު، ރައީސް ވިދާޅުވީ، ސުކޫކުގެ ގޮތުގައި ދައްކަންޖެހޭ ބައި ބިލިއަން ޑޮލަރުގެ ތެރެއިން 150 މިލިއަން ޑޮލަރު އަދާކުރުމަށް ރާވާފައިވަނީ އެސްޑީއެފަށް ޖަމާކުރި ބޭރު ފައިސާއިންނެވެ.

މިމަހުގެ ދެވަނަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިތުރަށް ވިދާޅުވީ، އަންނަ އެޕްރީލް މަހުގެ އަށްވަނަ ދުވަހު 500 މިލިއަން ޑޮލަރުގެ ސުކޫކު ދެއްކުމަށް ސަރުކާރުން މިހާރު ވާނީ ނިންމާފައި ކަމަށެވެ. އަދި އެ ސުކޫކު ދެއްކުމަށްޓަކައި ޖުމްލަ 650 މިލިއަން ޑޮލަރު ރައްކާކޮށްފައިވާ ކަމަށާއި، އެ ފައިސާ ދެއްކުމަށްފަހު ވެސް ސަރުކާރުގައި ބާކީ ފައިސާ ހުންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ދައުލަތުގެ ރިޒާވްގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް)ގައި މިހާރު 320 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ހުރި އިރު، ޔޫސަބަލް ރިޒާވްގައި 330 މިލިއަން ޑޮލަރު އެބަހުރި ކަމަށެވެ.

ރައީސް ވަނީ ރާއްޖޭގެ އިގްތިޞާދު ފުޅާވަމުން އަންނަ ކަމަށާއި، ރާއްޖޭގެ އިގްތިޞާދަށް ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ސަރުކާރުން ތައްޔާރުވެފައިވާ ކަމަށް ވިދާޅުވެފައެވެ.

ފާހަގަކުރެވޭ ގޮތުގައި، ސަރުކާރުން މަސައްކަތްކުރަނީ އެއްފަހަރާ ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ އެއްބައި ރީފައިނޭންސްކުރަން ކަމަށް މީގެ ކުރިން ބުނެފައިވެއެވެ. މާނައަކީ އިތުރު ބޮންޑެއް ވިއްކައިގެން ފައިސާ ދެއްކުން ފަސްކުރުމެވެ. އެކަމަކު، ބައިނަލްއަގުވާމީ އެންމެ ބޮޑު ދެ ކްރެޑިޓް ރޭޓިން އެޖެންސީ ކަމަށްވާ ފިޗާއި މޫޑީޒްއިން ވެސް ރާއްޖެއަށް 'ޖަންކް' ރޭޓިންއެއް ނުވަތަ އިންވެސްޓްކުރަން ކަމުނުދާ ގައުމުތަކުގެ ރޭންކިންއަށް ވައްޓާލާފައިވާވުމުން ހެޔޮ އަގުގައި ދަރަނި ހޯދަން ދަތިވާނެ ކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރުން ގަބޫލުކުރެއެވެ.

މި އަހަރު 1.1 ބިލިއަން ޑޮލަރު ދަރަންޏަށް ދައްކަންޖެހޭތީ ބޭރުގެ މާލީ އިދާރާތަކުން ޚަރަދު ކުޑަކުރުމަށާއި މާލީ އިސްލާހުތައް ތަންފީޒުކުރަން 2021 އިން ފެށިގެން އަންނަނީ ގޮވާލަމުންނެވެ. އެކަމަކު އެ ފަދަ ފިޔަވަޅުތައް ތަންފީޒުކުރެވިފައެއް ނުވެއެވެ. އެހެންވިޔަސް ސަރުކާރުން އަންނަނީ ވަގުތުގައި ދަރަނި އަދާކުރެވޭނެކަމުގެ ޔަގީންކަން ދެމުންނެވެ.

comment ކޮމެންޓް