ދިގުރަށުގައި ބިދޭސީންގެ އެކަމަޑޭޝަން ބްލޮކެއްގައި ރޯވެ، ފަސް މީހަކު މަރުވެއްޖެ

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާ --

އދ. ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކަމަޑޭޝަން ބްލޮކެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ފަސް މީހަކު ވަނީ މަރުވެފައެވެ. މި ހާދިސާގައި ޖުމްލަ އަށް މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، އޭގެ ތެރެއިން ދެ މީހަކަށް ލިބުނު ސީރިއަސް އަނިޔާތަކާ ގުޅިގެން އިތުރު ފަރުވާއަށް މާލެ ގެނެސްފައިވެއެވެ. ހާދިސާ ހިނގި ސަރަހައްދަށް ފުލުހުންގެ ޚާއްސަ ތަހުގީގު ޓީމެއް ވަނީ ފޮނުވާފައެވެ.

  • ދިގުރަށުގައި ބިދޭސީންގެ އެކަމަޑޭޝަން ބްލޮކެއްގައި ރޯވެ ފަސް މީހަކު މަރުވެއްޖެ
  • ހާދިސާގައި ޖުމްލަ އަށް މީހަކަށް އަނިޔާވެގެން ފަރުވާ ދީފައިވޭ
  • ބޮޑަށް ފިހުނު ދެ މީހަކު އިތުރު ފަރުވާއަށް މާލެ ގެނެސްފައިވޭ
  • މި ހާދިސާ ތަހުގީގު ކުރުމަށް މާލެއިން ޚާއްސަ ޓީމެއް ދިގުރަށަށް ދަނީ

އދ. ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކަމަޑޭޝަން ބްލޮކެއްގައި ރޯވެ، ފަސް މީހަކު މަރުވެއްޖެއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ އަލިފާނުގެ ހާދިސާގެ މައުލޫމާތު ރިޕޯޓުކޮށްފައިވަނީ ދަންވަރު 2:00 އެހައިކަންހާއިރު ކަމަށެވެ.

އެ މުއައްސަސާއިން ބުނީ އެ ހާދިސާގައި އަށް މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ދިގުރަށު ސިއްޙީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް، އެ ހާދިސާގައި އަނިޔާ ލިބުނު މީހުންގެ ތެރެއިން ފަސް މީހަކު މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބި، ބޮޑަށް ފިހިފައިވާ ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށްޓަކައި މާލެ ގެނެސްފައިވާ ކަމަށް ވެސް އެ މުއައްސަސާއިން ބުންޏެވެ.

ރޯވި އަލިފާންގަނޑު މިހާރު ނިއްވާލައިފައިވާ ކަމަށް ފުލުހުންގެ މެސެޖުގައިވެއެވެ.

އެ މުއައްސަސާއިން ބުނީ، އެ ހާދިސާގެ ތަހުގީގަށް މާލެއިން ޚާއްސަ ޓީމެއް ދިގުރަށަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ތަހުގީގު ޓީމުގައި މެޑިކަލް ޑޮކްޓަރެއް ހިމެނޭ ކަމަށް ވެސް ފުުލުހުން ބުންޏެވެ.

comment ކޮމެންޓް