ހަނގުރާމައަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރަން އެދުމުން ވާނީ އިންކާރުކޮށްފައި، ހުއްދަ ނުވެސް ދޭނަން: ޚަލީލް

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމައިގެ ތެރޭގައި، ރާއްޖޭގެ ވައިގެ ސަރަހައްދު ހަނގުރާމައިގެ ބޭނުންތަކަށް ބޭނުންކުރުމަށް އެދި ހުށަހަޅާ ހުށަހެޅުންތައް ސަރުކާރުން ހަރުކަށިކަމާއެކު ދެކޮޅު ހަދަމުންދާ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. ސަރުކާރުގެ އެންމެ އިސް އަމާޒަކީ ރާއްޖޭގެ ސިޔާދަތާއި އަމާންކަން އަދި އިގްތިސާދީ ހަމަޖެހުން ހިމާޔަތްކުރުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލި، ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ އަސަރު ރާއްޖެއަށް ކުރަމުންދާއިރު، ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

  • ރާއްޖޭގެ ވައިގެ ސަރަހައްދު ހަނގުރާމައިގެ އެއްވެސް ބޭނުމަކަށް ދޫނުކުރާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވައިފި.
  • ހަނގުރާމައަށް ވައިގެ ސަރަހައްދު ބޭނުންކުރުމަށް އަންނަ ހުރިހާ ރިކުއެސްޓުތަކެއް ސަރުކާރުން ރިޖެކްޓު ކުރަމުންދާކަން ހާމަކުރި.
  • ސަރުކާރުގެ އެންމެ އިސްކަމަކީ ރާއްޖޭގެ އަމާންކަމާއި އިގްތިސާދީ ހަމަޖެހުން ހިމާޔަތްކުރުން.
  • ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލި، ތަކެތީގެ އަގުތަކަށް އަންނަ ބަދަލުތަކުން ރައްޔިތުން ރައްކާތެރިކުރުމަށް މަސައްކަތްކުރަމުންދޭ.

މެދުއިރުމަތީގައި މިހާރު ކުރިއަށްދާ ހަނގުރާމައިގެ ބޭނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރަން އެދުމުން އެކަމަށް އިންކާރުކޮށްފައިވާނެ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ.

ހަނގުރާމައާ ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތައް ހައްލުކުރަން ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ވަޒީރުންގެ ޚާއްސަ ކޮމިޓީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޚަލީލް ވިދާޅުވީ ރާއްޖޭގެ ވައިގެ ސަރަހައްދު ހަނގުރާމައަށް ބޭނުންކުރުމަށް އެދި ރިކުއެސްޓުތައް އަންނަ ކަމަށެވެ.

އެހެންނަމަވެސް ހަނގުރާމައިގެ އެއްވެސް ބޭނުމަކަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ ސަރުކާރުން ނުދޭނެ ކަމަށް ޚަލީލް ވިދާޅުވިއެވެ.

ރާއްޖޭގެ ވައިގެ ސަރަހައްދުން އެއްވެސް ގައުމަކަށް، އެއްވެސް ގައުމަކަށް ހަމަލާދިނުމަށް ބޭނުންކުރެވިފައި ނުވާނެ. އަދި އެފަދަ އަންނަ ރިކުއެސްޓުތައް ވެސް އަޅުގަނޑުމެން ރިޖެކްޓު ކުރަމުންދާކަން ތިބޭފުޅުންނަށް ދަންނަވާލަން، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް

މިނިސްޓަރު ޚަލީލް ވިދާޅުވީ ސަރުކާރުން މިވަގުތު އެންމެ އިސްކަމެއް ދެނީ ރާއްޖޭގެ އަމާންކަމާއި އިގްތިސޯދު ހިމާޔަތްކުރުމަށް ކަމަށެވެ.

ޚަލީލް ވިދާޅުވި ގޮތުގައި ހަނގުރާމައިގެ މަސްރަހު ގޯސްވެފައިވާ ސަރަހައްދުތަކުގައި ދިރިއުޅޭ ދިވެހީންނަށް ހިމާޔަތް ދިނުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެތެރެއިން ބައެއް މީހުން މިހާރު ރައްކާތެރި ހިސާބުތަކަށް ދަތުރުކޮށްފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ފެބްރުއަރީ 28 ވަނަ ދުވަހު އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދެމުންގެންދާ ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލާ މުހިންމު ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. އޭގެއިތުރުން މެދުއިރުމަތީގެ ގައުމުތަކުން އަންނަނީ ތެޔޮ އުފައްދާ މިންވަރުވެސް މަދުކުރަމުންނެވެ. އޭގެ ސަބަބުން ރާއްޖޭގައި ވެސް ތެލުގެ އަގު ވަނީ އުފުލިފައެވެ.

އިގްތިސާދީ މާހިރުން ފާހަގަކުރާ ގޮތުގައި ތެލުގެ އަގާއި ކާބޯތަކެތީގެ އަގު އޮންނަނީ ގުޅިފައެވެ. ދަތުރުފަތުރުގެ ޚަރަދު ބޮޑުވުމުން ކާބޯތަކެތީގެ ސަޕްލައި ޗެއިންއަށް އޭގެ ނޭދެވޭ އަސަރު ފޯރައެވެ. ތެލުގެ އަގަށް އަންނަ މިފަދަ ކޮންމެ ބޮޑު ލޮޅުމަކަށްފަހު ދުނިޔޭގެ އިގްތިސާދަށް ހީނަރުކަމެއް އަންނަކަން ތާރީހުން އެނގެން އޮތް ކަމަށް ވެސް މާހިރުން ބުނެއެވެ.

comment ކޮމެންޓް