ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެކުއެކީގައި ބޭއްވުމަކީ މީގެ 16 އަހަރު ކުރިން ރައްޔިތުންގެ ޚާއްސަ މަޖިލީހުގައި ކޮށް ނިންމާފައި އޮތް ބަހުސެއް ކަމަށާއި އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަފުޅުތަކުން ފެންނަނީ މުނާފިގުކަން އެކަނި ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
ދެ އިންތިޚާބު އެއްކޮށްލުމާ މެދު އާންމުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ އެކު އެ ރިފަރެންޑަމް ވެސް ބާއްވާނެއެވެ.
އެ ކަމަށް ސަރުކާރު ހިންގާ ޕީއެންސީން ތާއީދުކުރާއިރު، އިދިކޮޅު އެމްޑީޕީ ހިމެނޭހެން ބައެއް ފަރާތްތަކުން އަންނަނީ އެ ކަމާ ގުޅިގެން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ. ސަރުކާރުން މި ބަދަލު ގެންނަން އުޅެނީ ނުރަނގަޅު ނިޔަތެއްގައި ކަމަށް ބުނެ، އިދިކޮޅު ބައެއް ފަރާތްތަކާއި ގާނޫނީ ބޭފުޅުން ހިމެނޭހެން ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ވަނީ ބާއްވާފައެވެ.
އެ ވާހަކަތަކާ ގުޅިގެން 'ސަން'އާ ވާހަކަދައްކަވަމުން، ގާނޫނުއަސާސީ އެކުލަވައިލި ޚާއްސަ މަޖިލީހުގައި ވެސް ހިމެނިވަޑައިގެން ނާޒިމް މިއަދު ވިދާޅުވީ، 2008 ވަނަ އަހަރުގެ މާރިޗު މަހުގެ 23 އިން ފެށިގެން އެ އަހަރުގެ އޭޕްރީލް 20 ވަނަ ދުވަހާ ހަމައަށް އޭރު އޮތް ޚާއްސަ މަޖިލީހުގައި ދެ އިންތިޚާބު އެކީ ބޭއްވުމުގެ ބަހުސްކޮށްފައިވާ ކަމަށެވެ. އޭރު އެ ކަމާ ގުޅޭ ތިން ހުށަހެޅުމެއް ހުށަހެޅި ކަމަށާއި އެއީ އޭރު ގޮތް ނިންމާފައި އޮތް ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެއީ، ގާނޫނުއަސާސީއަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ހަ މަސް ދުވަހާ އަށް މަސް ދުވަހާ ދެމެދުގައި ދެ އިންތިޚާބު އެކުއެކީގައި ބާއްވަން އޭރުގެ މާލޭ މެންބަރު، އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް، މާރިޗު 23، 2008 ގައި ހުށަހެޅި އިސްލާހަކާއި، އިތުރު ދެ އިސްލާހެކެވެ. ދެވަނަ އިސްލާހަކީ ހަ މަސް ދުވަހުގެ ތެރޭގައި ދެ އިންތިޚާބު އެކުގައި ބާއްވަން އޭރުގެ މާޅޮސްމަޑުލު އުތުރުބުރީ މެންބަރު އަލީ ވަހީދު ހުށަހެޅުއްވި އިސްލާހެވެ. ތިންވަނަ އިސްލާހެއް ހުށަހެޅީ އޭރުގެ މާޅޮސްމަޑުލު އުތުރުބުރީ މެންބަރު ޝާހިން ހަމީދެވެ. އޭނާ ހުށަހެޅުއްވީ ހަ މަހާއި އަށް މަހުގެ ތެރޭގައި ދެ އިންތިޚާބު އެކުއެކީގައި ބާއްވާށެވެ.
"[ އެ އަހަރުގެ] މާރިޗު 23 އިން ފެށިގެން އޭޕްރީލް 20 ވަނަ ދުވަހާ ހަމައަށް މި ބަހުސްކުރި. ތިން ހުށަހެޅުން ހުށަހެޅި، ތިން މީހުން ތިން ގޮތަށް ހުށަހެޅި. ފާސްވި ހުށަހެޅުމާ އެއްގޮތަށް މި ދަނީ،" ނާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ދެ އިންތިޚާބުގެ ތާރީޚު ފަރަގުވެގެންދިޔައީ އާ ގާނޫނުއަސާސީއާ އެއްކޮށް މިނިވަން އިލެކްޝަންސް ކޮމިޝަނެއް އެކުލަވާލައި، އިންތިޚާބުތަކާ ބެހޭ ގާނޫނު ހަދައި، އެ ގާނޫނުގެ ދަށުން އިދާރީ ދާއިރާތައް އަލުން ކަނޑައަޅަން ޖެހުމުގެ ސަބަބުން ކަމަށެވެ. އެހެންވެ، ދެ އިންތިޚާބުގެ ދެމެދުގައި މިހާރު އެ ވަނީ އެ ކަމަށް ނެގި މުއްދަތު ކަމަށް އޭނާ ވިދާޅުވިއެވެ.
"ގާނޫނުއަސާސީގެ މައިބަދައިގައި އިންނަ ރެނދެއް ގޮތަށް މި ފެންނަނީ [ދެ އިންތިޚާބު ވަކިން އޮތުން]،" ނާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކިތަންމެ ރަނގަޅު ވެރިއެއް ހުންނެވި ނަމަވެސް އެއް ޕާޓީއަކަށް މުޅި މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުމަކީ އެންމެ ރަނގަޅު ގޮތްތޯ ވިސްނާލަން ޖެހޭ ކަމަށެވެ. އެހެންވެ، އެ ނިންމުން ނިންމަން ރައްޔިތުން ގާތަށް ދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ ގަބޫލުކުރައްވައެވެ.
މީގެ އިތުރުން، އިދިކޮޅު ފަރާތްތަކުން ދެ އިންތިޚާބު އެއްކޮށްލަން ނޫނެކޭ ބުނަން ގޮވާލައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ވެސް ނާޒިމް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.
"ވަރަށް މުނާފިގު ކަމެއް އެއީ، ޕްރެސް ކޮންފަރެންސަކީ،" އޭނާ އެ މައުޟޫއު ފެއްޓެވިއެވެ.
ނާޒިމް ވިދާޅުވީ، ދުސްތޫރީ ވާހަކަދައްކަވަން އެ ނޫސްވެރިންގެ ބައްދަލުވުމުގައި އިންނެވީ ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ކަމަށެވެ. އެކަމަކު، ދެން ތިއްބެވި ބޭފުޅުންނަކީ ކޮބާތޯ އޭނާ އެއްސެވިއެވެ. އޭގެ ތެރެއިން ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަކީ އުއްތަމަފަނޑިޔާރުކަމުން އަހުމަދު އަބްދުﷲ ދީދީ ވަކިކުރި ސަރުކާރުގެ ބޭފުޅެއްކަން އޭނާ ހަނދާން ކޮށްދެއްވިއެވެ. އަދި، ދެން ތިއްބެވި މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ކުރީގެ މެންބަރު އަލީ ހުސައިނަކީ ފަނޑިޔާރުކަމުން ދީދީ ވަކިކުރަން ވޯޓުދެއްވި ބޭފުޅުންކަމަށް ނާޒިމް ވިދާޅުވިއެވެ.
"ދުސްތޫރީ ވާހަކަދައްކަވަން އިންނެވީ އަހުމަދު އަބްދުﷲ ދީދީ. ވަށައިގެން ތިއްބެވީ އޭނާ ވަކިކުރަން ވޯޓުދިން ބޭފުޅުން،" އޭނާ ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، ޖޫން 28، 2018 އިން ފެށިގެން ނޮވެންބަރު 28، 2019 އަށް އަހުމަދު އަބްދުﷲ ދީދީ އުއްތަމަފަނޑިޔާރުކަމުގައި ހުންނެވި މުއްދަތުގައި ވެސް ގާނޫނުއަސާސީއަށް ތިން އިސްލާހެއް ގެނައި ކަމަށެވެ. އެއީ، ބިދޭސީންނަށް ބިން މިލްކުކުރެވޭ ގޮތަށް ގެނައި އިސްލާހާއި 65 އަހަރުވުމުން ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް ފުރަތަމަ ގެނައި އިސްލާހާއި ފަހުން އެ އިސްލާހު ކުރިން އޮތްގޮތަށް ބަދަލުކުރަން ގެނައި އިސްލާހު ކަމަށެވެ. އޭރު، ގާނޫނުއަސާސީ ބަދަލުކުރުމާ ދެކޮޅަށް ވާހަކަނުދައްކަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ދެ އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވާ ބައެއް ބޭފުޅުން އަންނަނީ އެއީ ސަރުކާރުން ކޮން ނިޔަތެއްގައި ކުރާ ކަމެއްކަން ސާފުކޮށް ބުނެދޭން ގޮވާލަމުންނެވެ. އެކަމަކު، ސަރުކާރުން އަންނަނީ އެއީ ޚަރަދު ކުޑަވުމުގެ އިތުރުން ވެސް ގިނަ ފައިދާތަކެއް ލިބޭނެ ކަމެއްގެ ގޮތުގައި ސިފަކުރަމުންނެވެ.