ކައުންސިލް އިންތިޚާބުގެ ކެމްޕޭން ތެރެއިން މަގާމުގެ ޒިންމާތައް އޮތީ އަތުލާފައި: އިބުރޭ

ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބުރޭ): ލޯކަލް ކައުންސިލު އިންތިޚާބަށް ކުރި ކެމްޕެއިންގައި އޭނާގެ އަތުން އޮތީ މަސްއޫލިއްޔަތުތައް ނަގައިފައި ކަމަށް ވިދާޅުވި -- ފޮޓޯ/ އެމްޑީޕީ

އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން ކެމްޕެއިންގެ ކަންކަމުގައި އެންމެ އިސްކޮށް އުޅެން ޖެހޭ ފަރާތަކީ އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އިދާރީ ނަމަވެސް، ލޯކަލް ކައުންސިލު އިންތިޚާބަށް ކުރި ކެމްޕެއިންގައި އޭނާގެ އަތުން އޮތީ އެ ޒިންމާ އަތުލާފައި ކަމަށް އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަޙީދު (އިބުރޭ) މިއަދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ވާދަކުރައްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ކެމްޕެއިން ދަތުރުފުޅުތަކުގައި އިބުރޭ ބައިވެރިވެވަޑައިގަންނަވާތީ، އޭނާއަށް ފިޔަވަޅު އަޅައިދިނުމަށް ވާދަވެރި ކެންޑިޑޭޓު އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް މިދިޔަ އޭޕްރިލް މަހުގެ ފަހުކޮޅު ވަނީ އެދިވަޑައިގެންފައެވެ.

'ސަން'އިން ސުވާލުކުރުމުން އިބުރޭ ވިދާޅުވީ، ކައުންސިލު އިންތިޚާބު ބޯމަތިވިއިރު، އޭނާގެ "ޒިންމާތައް އަތުލައިފަ"އިވާ ކަމަށެވެ.

"އަސާސީ ގަވާއިދުގައި ކެމްޕެއިންކުރުމުގެ ހުރިހާ ކަމެއް [ޑީސީޕީ އިދާރީއާ] ހަވާލުކޮށްފައި އޮއްވައި، ލޯކަލް ކައުންސިލު އިންތިޚާބުގައި ބާކީކޮށްފައި ޕާލަމެންޓަރީ ގްރޫޕުގެ މެންބަރަކާ ހަވާލުކޮށްގެން ކެމްޕެއިން ހިންގީ. އެ ހިސާބުން އެ އޮތީ މަސްއޫލިއްޔަތުތަކުން ވަކިކޮޮށްފައިތާ،" އިބުރޭ ވިދާޅުވިއެވެ.

އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން ޑެޕިއުޓީ ޗެއާޕާސަން އިދާރީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ ޕާޓީގެ މެމްބާޝިޕްގެ ކަންކަން ބެލެހެއްޓުމާއި، ކެމްޕެއިންގެ ކަންކަން ޗެއާޕާސަންގެ ދަށުން އިންތިޒާމުކޮށް ހިންގައި، ބެލެހެއްޓުމުގެ ވާޖިބު އަދާކުރުމެވެ. އޭގެ ތެރޭގައި ކެމްޕެއިންތަކަށް ތައްޔާރުވުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމާއި މެމްބާޝިޕް އަދި ކެމްޕެއިން ކޮމިޓީގެ ރިޔާސަތު ބެލެހެއްޓުން ވެސް ހިމެނެއެވެ.

އިބުރޭ ވިދާޅުވީ، އިދާރީ މުވައްޒަފުންނަށް ކެމްޕެއިން ނުކުރެވޭނެ ކަމަށް އަސާސީ ގަވައިދުގައި ބަޔާންކޮށްފައި އެބައޮތް ކަމަށާއި އިންތިޚާބީ މަގާމުތަކުގައި ތިބޭ ފަރާތްތަކުން ކެމްޕެއިންތަކުގައި ބައިވެރިވުން އަސާސީ ގަވައިދުގައި މަނާ ނުކުރާ ކަމަށެވެ.

"އެއްވެސް ގަވާއިދަކުން މަނާކޮށްފައި އޮތް ކަމެއް ނޫން،" އޭނާ ވިދާޅުވިއެވެ.

މިދިޔަ މަހުގެ 26ވަނަ ދުވަހު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާ (ގަޕޯ)އަށް މީކާއީލް ފޮނުއްވި ސިޓީއެއްގައި ވަނީ ނަޝީދުގެ ކެމްޕެއިންގައި އިބުރޭ އަމަލީ ގޮތުން ބައިވެރިވަޑައިގަންނަވާކަމުގެ ޝަކުވާ ލިބިވަޑައިގެންފައިވާ ކަމަށާއި ސޯޝަލް މީޑިއާއިން ފެންނަ ފޮޓޯއާއި ވީޑިއޯތަކުން އެކަން ކަށަވަރުވާ ކަމަށެވެ. މީކާއީލް ވަނީ ކެމްޕެއިންގެ މުއްދަތަށް އިބުރޭ މަގާމުގެ މަސްއޫލިއްޔަތުތަކާ ދުރުވުމަށް ގޮވާލައްވާފައެވެ.

https://sun.mv/221132

މީކާއީލްގެ ސިޓީގައިވާ ގޮތުގައި ޗެއާޕާސަންގެ ނައިބު (އިދާރީ)އަކީ ޕާޓީގެ މެންބަރުން އިތުރުކުރުމާއި ކެމްޕެއިންތައް ހިންގުމާ ހަވާލުވެ ހުންނަވާ ބޭފުޅާ ކަމަށްވާތީ، އެތެރޭގެ އިންތިޚާބުތަކުގައި އޭނާ ހުންނަވަން ޖެހޭނީ ވަކިއަތަކަށް ޖެހިވަޑައިނުގެންނެވެ.

ވަކި ކެންޑިޑޭޓަކަށް ތާއީދުކުރުމަކީ އިންތިޚާބުގެ ނަޒާހަތްތެރިކަން ގެއްލި، އެހެން ކެންޑިޑޭޓުންނަށް ނުލިބޭ ފައިދާއެއް ވަކި ބަޔަކަށް ފޯރުކޮށްދިނުން ކަމަށް ވެސް އެ ސިޓީގައިވެއެވެ. މީކާއީލްގެ ސިޓީ ނިންމަވާލައްވަމުން އެދިވަޑައިގެންފައިވަނީ މި މައްސަލަ ވީހާ ވެސް އަވަހަށް ބަލައި، ޕާޓީގެ އުސޫލުތަކުގެ ތެރެއިން ފިޔަވަޅު އަޅައިދިނުމަށެވެ.

ފާހަގަކުރެވޭ ގޮތުގައި، ޢަބްދުލްޣަފޫރަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ، އެ މަހުގެ ކުރީކޮޅު އިބުރޭ މަގާމުން ވަކިކުރިއެވެ. ނަމަވެސް، ޕާޓީގެ އެތެރޭގެ މަސްލަހަތަށްޓަކައި އޭނާގެ މަގާމު ވަނީ އިއާދަކޮށްފައެވެ.

ދެ ބޭފުޅުން ވަކިކުރުމާ އެކު، ނަޝީދާއި ކުރީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލް ހިމެނޭ ފެކްޝަނުން ވަނީ ޢަބްދުލްޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެސް ހުށަހަޅައިފައެވެ. އެކަމަކު، ނަޝީދަށް ގައުމީ މަޖިލީހުގެ ގޮނޑިއެއް ދިނުމާ އެކު، ޕާޓީ ހިންގަން ފަސް މެންބަރުންގެ ކޮމިޓީއެއް އެކުލަވާލުމާ އެކު އެ މައްސަލަ އަނބުރާ ގެންދިޔައެވެ.

comment ކޮމެންޓް