ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިސްޓްރޯސްކޮޕިކް މަޔޯމެކްޓޮމީ އޮޕަރޭޝަން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި މިއަދު ކޮށްފިއެވެ.
އެއީ، ހަށިގަނޑުގެ އެއްވެސް ތަނެއް ފަޅާނުލައި، ރަހިމުގެ އެތެރެ ފަށަލާގައި އުފެދޭ މަސްކޮޅުތައް ނަގަން ކުރާ ޒަމާނީ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަން ކުރަނީ، އަންހެނުންގެ ރަހިމުގެ ދޮރު މެދުވެރިކޮށް ޚާއްސަ ކެމެރާއެއް ލައްވައިގެނެވެ.
އުނގޫފާރު ހޮސްޕިޓަލުން ބުނީ، އެ އޮޕަރޭޝަން ކުރީ، އަންހެނުންގެ ބަލިތަކަށް ޚާއްސަ ޑރ. ތަލްހާގެ އިސްނެންގެވުމުގެ ދަށުން ކަމަށެވެ.

ރަހިމުގެ އެތެރެ ފަށަލައިގައި އުފެދޭ މަސްކޮޅުތައް ނަގާ އޮޕަރޭޝަން ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރި ޓީމު ---- ފޮޓޯ/ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
މި އޮޕަރޭޝަން ކާމިޔާބުވުމަކީ، މިނިމަލީ އިންވޭސިވް ފަރުވާގެ ދާއިރާއިން ހޯދުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެ ހޮސްޕިޓަލުން ސިފަކުރެއެވެ.
އެ ހޮސްޕިޓަލުން ވަނީ، ހިސްޓްރޮސްކޯޕީގެ އެހީގައި ދޭ ޒަމާނީ ފަރުވާތައް ވެސް އެ ހޮސްޕިޓަލުން މިހާރު ލިބޭނެކަން ހާމަކޮށްފައެވެ. އެ ގޮތުން، ޕޮލިޕް ނެގުމާއި ފައިބްރޮއިޑް ނެގުމާއި ސެޕްޓަމް ނެގުމާއި ދަރިމައިވުމުގެ މައްސަލަތައް ދެނެގަނެވޭނެ ކަމަށް އުނގޫފާރު ހޮސްޕިޓަލުން ބުނެފައިވެއެވެ.
މީގެ އިތުރުން، އެ ހުރިހާ އޮޕަރޭޝަންތަކަކީ ހަށިގަނޑުގެ ބޭރުފުށުން ކަފާނުލައި ކުރެވޭ ފަރުވާތަކަކަށް ވާތީ، ބަލިމީހާގެ ރައްކާތެރިކަން އިތުރުވެ، ފަރުވާއަށް ފަހު ވަރަށް ރަނގަޅުވާކަން ކަށަވަރުކުރެވޭނެކަން އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.