މަސްތަކާއި ހިތުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށާއި، ގެއްލިފައިވާ ދުޅަހެޔޮކަން އަލުން އިޔާދަކުރުމުގައި ވިޓަމިން ޑީ2 އަށްވުރެ ވިޓަމިން ޑީ3ގެ ފައިދާ މާ ބޮޑުކަމަށް އައިސީއެމްއާރުގެ ދިރާސާއަކުން ދައްކައިފިއެވެ.
ވިޓަމިން ޑީ މަދުވުމަކީ މުޅި ދުނިޔޭގައި ވެސް ކަންބޮޑުވާންޖެހޭ މިންވަރަށް ފެތުރިފައިވާ މައްސަލައެކެވެ. މިއީ ބޮޑު ބަލިމަޑުކަމެއްގެ ގޮތުގައި ބެލެވޭއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެއް ބިލިއަނަށްވުރެ ގިނަ މީހުން މި މައްސަލަ ތަހައްމަލު ކުރަމުންދެއެވެ.
އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗް – ނޭޝަނަލް އިންސްޓިޓިއުޓް އޮފް ނިއުޓްރިޝަން (އައިސީއެމްއާރު-އެންއައިއެން)އިން ކުރިއަށްގެންދިޔަ މި ދިރާސާ ވަނީ 'މޮލިކިއުލާ ނިއުޓްރިޝަން އެންޑް ފުޑް ރިސާޗް' މަޖައްލާގައި ޝާއިއުކޮށްފައެވެ. ފިރިހެން މީދާ ބޭނުންކޮށްގެން ހެދި މި ދިރާސާއިން އެނގުނު ގޮތުގައި، ކަށިތަކާ ގުޅިފައިވާ މަސްތަކާއި ހިތުގެ މަސައްކަތްތައް ހަރުދަނާކުރުމުގައި ވިޓަމިން ޑީ2 އަށްވުރެ ވިޓަމިން ޑީ3ގެ ނަތީޖާ މާ ފުރިހަމައެވެ. ހާއްސަކޮށް، ވިޓަމިން ޑީ މަދުވުމުގެ ސަބަބުން ކުރިމަތިވާ ސިއްހީ މައްސަލަތަކުން އަރައިގަތުމުގެ މަރުހަލާގައި މި ދެ ބާވަތުގެ ދެމެދުގައިވާ ފަރަގު ވަރަށް ބޮޑަށް ފާހަގަވެއެވެ.
މި ދިރާސާއިން ހާމަވިގޮތުގައި މަސްތަކުގެ ބަރުދަނާއި ސައިޒު އިތުރުކުރުމަށާއި، މަސްތަކުގެ ބާރު ގަދަކުރުމުގެ އިތުރުން، މަސްތައް އަލުން އާލާވުމާއި ހަކަތަ އުފެއްދުމުގެ ނިޒާމަށް އެންމެ އެދެވޭ ބަދަލެއް ގެނެސްދެނީ ވިޓަމިން ޑީ3އެވެ. މީގެ އިތުރުން، ހިތުގެ ވިންދު ޖެހުމުގެ ބާރާއި މެޓަބޮލިޒަމް ހަމަމަގަށް އެޅުވުމުގައި ވެސް ވިޓަމިން ޑީ3ގެ ދައުރު ވަރަށް މުހިއްމެވެ.
ކަށީގެ ދުޅަހެޔޮކަމުގެ އިތުރުން މަސްތަކާއި ހިތުގެ މަސައްކަތްތައް ރަނގަޅުކުރުމަށް ވިޓަމިން ޑީ3ގެ ފައިދާ ބޮޑުކަން ފަހުގެ ހޯދުންތަކުން ވަނީ ހޯދިފައި--ފޮޓޯ/އިންޑިއަންއެކްސްޕްރެސްމި ދިރާސާގައި އިސްކޮށް އުޅުއްވި ސައިންސްވެރިޔާ ޑރ. އާއިޝާ އިސްމާއިލް ފާހަގަކުރެއްވި ގޮތުގައި، އެއް މިންވަރަކަށް ބޭނުންކުރި ނަމަވެސް، ލޭގައި ވިޓަމިން ޑީގެ މިންވަރު އިތުރުކޮށްދިނުމުގައި ވިޓަމިން ޑީ2 އަށްވުރެ ވިޓަމިން ޑީ3 ދެ ގުނަ ބާރުގަދައެވެ. އަދި އިންޑިއާގެ އާބާދީގެ ގާތްގަނޑަކަށް %80 މީހުންނަށް ވިޓަމިން ޑީގެ ދަތިކަން ކުރިމަތިވެފައިވާއިރު، ސަޕްލިމެންޓެއްގެ ގޮތުގައި ވިޓަމިން ޑީ3 ބޭނުންކުރުން މާ ބޮޑަށް ވެސް ފައިދާހުރި ކަމަށް އޭނާ ވިދާޅުވިއެވެ. ދުނިޔޭގެ ތަފާސްހިސާބުތަކަށް ބަލާއިރު ވެސް އެކި ގައުމުތަކުގެ އާބާދީގެ %50 އާއި %80އާ ދެމެދުގެ މިންވަރަކަށް މި މައްސަލަ ވަނީ ކުރިމަތިވެފައެވެ.
ޠަބީޢީގޮތުން ވިޓަމިން ޑީ ލިބޭ މައިގަނޑު ދެ ބާވަތަކީ ވިޓަމިން ޑީ3 އަދި ވިޓަމިން ޑީ2އެވެ. ވިޓަމިން ޑީ3 އަކީ އަވިން ނުވަތަ ޔޫވީ (އަލްޓްރާވައިލެޓް) ދޯދިތަކުގެ އެހީގައި ހަށިގަނޑުން އުފައްދައިދޭ ބާވަތެކެވެ. މީގެ އިތުރުން ކުކުޅުބިސް، މަސް އަދި ޖަނަވާރުގެ އެތެރެހަށީގެ ބައިތަކުން މި މާއްދާ ލިބެއެވެ. ވިޓަމިން ޑީ2 މައިގަނޑު ގޮތެއްގައި ލިބެނީ މަޝްރޫމް، ޔޫވީ ދޯދި ފޯރުކޮށްފައިވާ އީސްޓް އަދި ގަސްގަހާގެހީގެ ބާވަތްތަކުންނެވެ.
ކާނާގެ ބާވަތްތައް މުއްސަނދިކުރުމަށް މި ދެ ބާވަތް ވެސް ބޭނުންކުރެއެވެ. ޚާއްސަކޮށް، ތަރުކާރީގެ ކާނާއަށް އިސްކަންދޭ މުޖުތަމައުތަކުގައި ވިޓަމިން ޑީ2 ބޭނުންކުރާ މިންވަރު އިތުރެވެ. ނަމަވެސް، މަސްތަކުގެ ދުޅަހެޔޮކަމާއި މަސައްކަތްތައް ހަރުދަނާކުރުމުގައި މި ދެ ބާވަތުގެ ހުރި ތަފާތު މީގެކުރިން މާ ބޮޑަށް ސާފުވެފައެއް ނުވެއެވެ.
އައިސީއެމްއާރު-އެންއައިއެންގެ ޑިރެކްޓަރު ޑރ. ބާރަތީ ކުލްކަރްނީ ވިދާޅުވި ގޮތުގައި، ކަށީގެ ދުޅަހެޔޮކަމުގެ އިތުރުން މަސްތަކާއި ހިތުގެ މަސައްކަތްތައް ރަނގަޅުކުރުމަށް ވިޓަމިން ޑީ3ގެ ފައިދާ ބޮޑުކަން މި ހޯދުންތަކުން ސާބިތުވެއެވެ. އަދި މި މައުޟޫއަށް އިތުރު ފުޅާ ދިރާސާތަކެއް ހެދުމުގެ މުހިއްމުކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އާއި ފުޑް އެންޑް އެގްރިކަލްޗަ އޯގަނައިޒޭޝަން (އެފްއޭއޯ)އިން ބަޔާންކުރާ ގޮތުގައި، އާބާދީގެ ކާނާގެ ފެންވަރު އަވަސް މުއްދަތެއްގައި ރަނގަޅުކުރުމަށް ސަޕްލިމެންޓް ދިނުން މުހިއްމެވެ. ހަމައެއާއެކު، އާންމު ކާބޯތަކެތި ފޯޓިފައިކޮށްގެން ވިޓަމިން ފޯރުކޮށްދިނުމަކީ ދިގު މުއްދަތަކަށް ބަލާއިރު ޚަރަދު ކުޑަ އަދި ދެމެހެއްޓެނިވި ހައްލެކެވެ.