އާތުރައިޓިސް ޖެހޭ މިންވަރު މިފަހަކަށް އައިސް އިތުރުވަމުންދަނީ، ބަރުދަން މާބޮޑަށް އިތުރުވުމާއި، ހަރަކާތްތެރިކަން ކުޑަ ދިރިއުޅުމުގެ ވައްޓަފާޅި އަދި ކުރިން ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ކަމަށް އިންޑިއާގެ ޗެންނާއީގެ އެމްޖީއެމް ހެލްތްކެއާ ހޮސްޕިޓަލުގެ އޮތޮޕީޑިކްސް ޑިޕާޓްމަންޓުގެ ޑިރެކްޓަރު އަދި ސީނިއާ ކޮންސަލްޓަންޓް ޑރ. އޭބީ ގޯވިންދަރާޖް ވިދާޅުވެއްޖެއެވެ.
ސިންދޫޖާ ޖޭންއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ޑރ. ގޯވިންދަރާޖް ވިދާޅުވީ، ރޫމަޓިޒަމްގެތެރޭ ހިމެނޭ ބާވަތެއް ކަމަށްވާ އާތުރައިޓިސްގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ހެނދުނު ހޭލާއިރު ހުޅުތައް ހަރުއަރާފައި ހުރުމާއި، ދުޅަވުމާއި، އަދި ހަރަކާތްތެރިވާން ދަތިވުން ހިމެނޭ ކަމަށެވެ. ޚާއްޞަކޮށް ސިޑިން އެރުމާއި، ހިނގުމާއި ނުވަތަ ގޮނޑިން ތެދުވުމަށް އުނދަގޫވުމަކީ ހަމައެކަނި އުމުރުން ދުވަސްވުމުން ދިމާވާ ކަމެއް ކަމަށް ބަލައި ދޫކޮށްލުމަކީ ރައްކާތެރި ގޮތެއް ނޫން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ހުޅުތަކުން އަޑުކިޔުމާ ގުޅޭގޮތުން ޑރ. ގޯވިންދަރާޖް ވިދާޅުވީ، އެއީ އާންމު ގޮތެއްގައި ކަންބޮޑުވާންޖެހޭ ފަދަ ނުރައްކާތެރި ކަމެއް ނޫން ކަމަށެވެ. މިއީ ގިނަފަހަރަށް ހުޅުތަކުގެ ވަށައިގެން އުފެދޭ ގޭސް ބޮކިތަކުގެ ސަބަބުން ނުވަތަ ކުދި މަސްތަކާއި ލިގަމެންޓްތައް ހަރަކާތްތެރިވުމުގެ ތެރޭގައި ވާގޮތެއް ކަމަށް އޭނާ ވިދާޅުވެއެވެ. ނަމަވެސް، މި އަޑާއެކު ގަދައަށް ރިއްސުން، ދުޅަވުން ނުވަތަ ހުޅު ހަރުއެރުން ފަދަ ޢަލާމާތެއް ފެންނަނަމަ، ނުވަތަ ކުއްލިއަކަށް ހުޅުތައް ހޫނުވާކަން އިހުސާސްކުރެވޭނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ޑރ. ގޯވިންދަރާޖް އިލްތިމާސްކުރައްވައެވެ.
މީގެ އިތުރުން، ހުޅުތަކުގެ ރިހުން ދިގުލައިގެންދާނަމަ ނުވަތަ ތަކުރާރުކޮށް ހަރުއަރައި، ދުވަހީ ދިރިއުޅުމުގެ ކަންކަމަށް ހުރަސްއެޅޭނަމަ ސިއްހީ އެހީތެރިކަން ހޯދުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވެއެވެ.
ޗެންނާއީގެ އެމްޖީއެމް ހެލްތްކެއާ ހޮސްޕިޓަލުގެ ސީނިއާ ކޮންސަލްޓަންޓް ޑރ. އޭބީ ގޯވިންދަރާޖް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް ކަކުލާއި އުނަގަނޑުގެ ހުޅުތައް ހަލާކުވެ، އޭގެ ސަބަބުން ތަދުވުމާއި ހަރަކާތްތެރިވުމަށް ނުކުޅެދޭ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު ބަލީގެ ފަހު މަރުހަލާތަކުގައި މީހާގެ އަމިއްލަ ފައިމައްޗަށް ތެދުވެ އުޅުމުގެ ޤާބިލުކަމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވިނަމަވެސް، ކުރީކޮޅު ފަރުވާ ފެށުމާއި، ގަވާއިދުން ކަސްރަތުކުރުމާއި، ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމުން ދިރިއުޅުމުގެ ފެންވަރަށް ވަރަށް ބޮޑު ހެޔޮ ބަދަލެއް ގެނެސްދެއެވެ.
މި ބައްޔަށް އައިސްފައިވާ ޒަމާނީ ކުރިއެރުންތަކަށް އަލިއަޅުވާލައްވަމުން ޑރ. ގޯވިންދަރާޖް ވިދާޅުވީ، މިހާރުގެ ސިއްހީ ދިރާސާތައް ބޮޑަށް އަމާޒުކުރެވިފައިވަނީ ބަލި ކުރީކޮޅު ދެނެގަތުމަށާއި، ކޮންމެ ބަލިމީހަކަށްވެސް އެންމެ އެކަށޭނަ ޚާއްޞަ ފަރުވާ ފޯރުކޮށްދިނުމަށެވެ. މީގެ އިތުރުން، ރޮބޮޓިކްސް އަދި ކޮމްޕިއުޓަރުގެ އެހީގައި ކުރެވޭ ސާޖަރީތަކުގެ ސަބަބުން ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަންތަކުގެ ކާމިޔާބީ އާއި ނަތީޖާ ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައިކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ބަލިން ރައްކާތެރިވުމަށްޓަކައި ގުދުރަތީ މޭވާއާއި ތަރުކާރީގެ އިތުރުން، އެކަށީގެންވާ މިންވަރަކަށް ޕްރޮޓީން ހިމެނޭ ކާނާ ބޭނުންކުރުމާއި، ކަސްރަތުކޮށް މަސްތަކުގެ ވަރުގަދަކަން ދެމެހެއްޓުމަކީ މުހިންމު ކަމެކެވެ. އުމުރުން ދުވަސްވުމަކީ ހަމައެކަނި އާތުރައިޓިސް ޖެހެން މެދުވެރިވާ ސަބަބެއް ނޫންކަން ފާހަގަކުރައްވައި، ޑޮކްޓަރު އިރުޝާދު ދެއްވަނީ ބަލި ކުރީކޮޅު ދެނެގަނެ، ހަރަކާތްތެރި ދިރިއުޅުމެއް އުޅުމާއެކު ރަނގަޅު ފަރުވާ ހޯދުމަށެވެ.