32 އަހަރުގެ ޚިދުމަތަށްފަހު ފުލުސް ކޮމިޝަނަރުކަމުން ރިޓަޔާވި ނަވީންގެ އަގުވަޒަންކޮށްފި

32 އަހަރުގެ ޚިދުމަތަށްފަހު ނަވީން ރިޓަޔާވުމުން އެކަމުގެ އަގުވަޒަންކޮށްފި --- ފޮޓޯ/ މޯލްޑިވްސް ޕޮލިސް ސާވިސް

ކޮމިޝަނަރު އިސްމާޢީލް ނަވީން ދިވެހި ފުލުހުންގެ ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތާއި އެ މުއައްސަސާއަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެކަމުގެ ޝަރަފުގައި ރަސްމީ ޖަލްސާއެއް ބާއްވައިފިއެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިޙްސާނެވެ.

އެ ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން ފުލުހުންގެ އިސް އޮފިސަރުންނާއި، އެކި ރޭންކުތަކުގެ ފުލުހުންނާއި މަދަނީ މުވައްޒަފުން ވަނީ ބައިވެރިވިވެވަޑައިގެންފައެވެ.

32 އަހަރުގެ ޚިދުމަތަށްފަހު ނަވީން ރިޓަޔާވުމުން އެކަމުގެ އަގުވަޒަންކޮށްފި --- ފޮޓޯ: މޯލްޑިވްސް ޕޮލިސް ސާވިސް

އަދި ރަސްމިއްޔާތުގައި ވަނީ ކޮމިޝަނަރު ނަވީންގެ ދިގު ޚިދުމަތުގެ ދައުރުގައި އޭނާ ދައްކާފައިވާ ހަރުދަނާ ލީޑާޝިޕާއި، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވެވަޑައިގެންފައިވާ ގުރުބާނީތަކުގެ ހަނދާންތައް އާކޮށްފައެވެ.

އަދި ފުލުހުންގެ އިދާރާއިން ވަނީ، ނަވީން އެ ޚިދުމަތުން ވަކިވެވަޑައިގެން ދިރިއުޅުމުގެ އާ މަރުހަލާއެއް ފަށްޓަވާއިރު، އެ މަނިކުފާނު ކޮށްދެއްވި އިޚްލާސްތެރި ޚިދުމަތްތަކަށް ޝުކުރު ދަންނަވައި އުފާވެރި ބާއްޖަވެރި މުސްތަގުބަލަކަށް އެދިފައެވެ.

32 އަހަރުގެ ޚިދުމަތަށްފަހު ނަވީން ރިޓަޔާވުމުން އެކަމުގެ އަގުވަޒަންކޮށްފި --- ފޮޓޯ: މޯލްޑިވްސް ޕޮލިސް ސާވިސް

ނަވީންއަކީ މި ސަރުކާރުގެ ދެވަނަ ޕޮލިސް ކޮމިޝަނަރެވެ. ތިރީސް ދެ އަހަރުގެ ޚިދުމަތަށްފަހު އޭނާ ރިޓަޔާކުރެއްވީ މި މަހުގެ 18 ވީ ނިމުނު ހަފުތާގެ ބުދަ ދުވަހުގައެވެ. ނިމިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު ނަވީން ސީޕީ ކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވީ ކުރިން އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު ކުއްލި ގޮތަކަށް، މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ނަވީން ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގަތީ 1994 ވަނަ އަހަރުގެ ޖުލައި މަހުގެ 7 ވަނަ ދުވަހުގައެވެ. އޭނާ ވަނީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސަދަން ކުއީންސްލޭންޑާއި އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ނޯތަމްބްރިއާއިން މަތީ ތައުލީމު ހާސިލްކުރައްވާފައެވެ.

https://www.sun.mv/218136

ފާހަގަކޮށްލެވޭ ގޮތުގައި އަވަސް އަވަހަށް ޕޮލިސް ކޮމިޝަނަރުން ބަދަލުވުމަކީ އެ މުއައްސަސާއަށް އާންމުން ކުރާ އިތުބާރު ކުޑަވެ، ފުލުހުންގެ މެދުގައި ނުތަނަވަސްކަން އުފެދޭނެ ކަމެއް ކަމަށް ކުރީގެ ކޮމިޝަނަރު މުޙައްމަދު ހަމީދު ވަނީ މިފަހުން ވިދާޅުވެފައެވެ.

ނަވީން، ރިޓަޔާކުރެއްވުމާ ގުޅިގެން، އެ މުއައްސަސާ ހިންގުން ވަގުތީ ގޮތުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީއާ ވަނީ ހަވާލުކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ޝުޖާއު ސީޕީގެ މަގާމުން އިސްތިއުފާ ދެއްވުމުން އެ މަގާމަށް އޭރު ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ނަވީންގެ އިތުރުން ފަރުހާދާއި ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމް ހިމެނުނެވެ.

ފަރުހާދަށް ފުލުހުން އިދާރާގެ ވަގުތީ ހިންގުން ދެއްވިއިރު، އަމިއްލަ ދަރިފުޅަށް ތުހުމަތުކުރެވޭ ރޭޕްގެ މައްސަލައެއްގައި ހެކި ނައްތާލި ކަމުގެ ސީރިއަސް ތުހުމަތެއް ފަރުހާދަށް ކުރެވެއެވެ. ނަމަވެސް މިކަމުގެ ހަގީގަތް އަދި ހާމައެއް ނުވެއެވެ.

comment ކޮމެންޓް