މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ފުލުހުން ކުރިއަށް ގެންދާ "ރައްކާ ރޯޑް ޝޯ" ގެ ހަރަކާތްތައް ހއ. އަތޮޅާއި ހދ. އަތޮޅުގައި ފަށައިފިއެވެ.
ފުލުހުން ބުނީ އިއްޔެއިން ބުރާސްފަތި ދުވަހަށް މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނާއި އަޕާ ނޯތު ޕޮލިސް ގުޅިގެން ކަމަށެވެ.
އަދި މި ހަރަކާތްތަކުގެ ތެރެއިން ކުޅުދުއްފުށި ސިޓީ ޖަލާލުއްދީން ސުކޫލާއި، ހދ. އަތޮޅު ތައުލީމީ މަރުކަޒާއި، އަފީފުއްދީން ސުކޫލުގެ އިތުރުން ހއ. އިހަވަންދޫ ސުކޫލާއި ހއ. އަތޮޅު މަދަރުސާގެ ދަރިވަރުންނަށް ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެގޮތުން މި ޕްރޮގްރާމްގައި ފަސް ސުކޫލު ހިމެނޭހެން ޖުމްލަ 154 ދަރިވަރުން ބައިވެރިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ ޓްރެފިކް މޮނީޓާސް ޕްރޮގްރާމުގައި، ސުކޫލު ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމަށް ދަރިވަރުން ތަމްރީނުކުރާނެ ކަމަށެވެ.
އެގޮތުން އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް ދަރިވަރުން އަހުލުވެރިކުރުވައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ނަގަހައްޓައި، ދަމަހައްޓާނެ ޖީލެއް ބިނާކުރުމަށާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސުކޫލުތައް ހިމެނޭ ސަރަހައްދުތަކުގެ ޓްރެފިކް ބެލެހެއްޓުމުގައި އަމަލީގޮތުން ދަރިވަރުން ބައިވެރިކުރުވާނެ ކަމަށް ފުލުހުން ވަނީ ބުނފައެވެ.

"ރައްކާ ރޯޑް ޝޯ" ހއ އާއި ހދ އަތޮޅުގައި ފަށައިފި -- ފޮޓޯ: ފުލުހުން
އަދި ސެލްފް ޑިފެންސް ކުލާސްތަކާއި ޓީމް ބިލްޑިން ހަރަކާތްތަކުގެ އިތުރުން ރިވެތި ބަހުން މުއާމަލާތުކުރުމުގެ ހުނަރުތައް ދަސްކޮށްދޭނެ ކަމަށްވެސް ފުލުހުން ބުނެއެވެ.
މީގެ އިތުރުން، ސުކޫލުތަކުގެ ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން ޓެކްސީ ޑްރައިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަންތައް ވެސް ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި ސެޝަންތަކުގައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދިނުމާއި އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ގުޅޭގޮތުން މައުލޫމާތު ދޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ވަނީ ރައްކާ ޕްރޮގްރާމުގެ ތެރެއިން ”ފަހިރާސްތާ” ޕްރޮގްރާމް ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންގޮސްފައެވެ. އެ ޕްރޮގްރާމުގެ ތެރެއިން، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން އަހުލުވެރިކުރުވުމަށް ރަށުގެ އެކި ސަރަހައްދުތަކާއި މަގުތަކުން ރައްޔިތުންނާ ބައްދަލުކޮށް މައުލޫމާތު ދީފައި ވާކަމަށް ފުލުހުން ބުނެއެވެ.
ރައްކާ ރޯޑް ޝޯއަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ގާއިމުކުރުމަށް ސުކޫލުތަކުގެ ދަރިވަރުންނާއި ރައްޔިތުން ހޭލުންތެރިކުރުވުމަށް އެކި ހަރަކާތްތައް ރާވައި ހިންގުމާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި ތަމްރީނު ޕްރޮގްރާމުތައް ހިންގުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.