މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ޖަލުގައި ހުކުމް ތަންފީޒް ކުރަމުން ދަނިކޮށް, މިމަހުގެ ދެ ވަނަ ދުވަހު މަރުވި ދެ ގައިދީންގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން ބުނީ އޭގެ ތެރޭގައި ހިމެނޭ, ދިއްގާގަސްދޮށުގެ / ސ.ހިތަދޫ، ޙަސަން ނިޔާޒު, 45, ގެ ހާލުދެރަވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރު މަރުވެފައިވާ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.
އަދި، ހަމައެހެންމެ ދަފްތަރު. ނަންބަރު ދރ 439 / ކ.މާލެ، އިބްރާހީމް ސުހައިލް, 53, އަށް އައިޖީއެމް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދަނިކޮށް މަރުވި މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ މި ދެ މައްސަލައިގެ ތަހުގީގުގެ ބޭނުމަށް, މަރުވި ދެ މީހުންގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އޮޓޮޕްސީ ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.
ކަރެކްޝަންސްއިން އެ ދުވަހު ބުނިގޮތުގައި މީގެ ތެރެއިން ސުޙެއިލް މަރުވެފައިވަނީ އޭނާގެ ސިއްޙީ ހާލު ދެރަވުމުން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދާތާ ހަފްތާއެއް ވެފައިވަނިކޮށް ކަމަށެވެ. އޭނާއަށް ވަނީ ނިއުމޯނިއާ ޖެހިފައި ކަމަށް ކަރެކްޝަންސްއިން ބުންޏެވެ.
މީގެ އިތުރުން އޭނާއަކީ މިދިޔަ އަހަރުގެ ތެރޭ ސްޓްރޯކެއްޖެހިގެން، އެކަމަށް ވެސް ފަރުވާ ހޯދަމުންއައި މީހެއްކަމަށް ކަރެކްޝަނުން ބުންޏެވެ.
ޙަސަން ނިޔާޒު މަރުވީ އެ ދުވަހުގެ މެންދުރު ފަހު، ކުއްލިއަކަށް މެޑިކަލް އެމަޖެންސީއެއް ދިމާވެ، ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް އަވަސް ފަރުވާ ދެމުން ދަނިކޮށް ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.
މީގެ ތެރެއިން އެކެއްގެ ހަށިގަނޑުން ޒަހަމުތަކެއް ފެންނަން ހުރި ކަމަށް ބުނާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އެ ދުވަހު ވަނީ ދައުރު ވެފައެވެ. އަދި މަރާ ގުޅޭގޮތުން އެކި ކަހަލަ ތުހުމަތުތައް ކުރަމުން ދިޔައެވެ.