ވިޔަފާރިއަށް ބޭނުންކުރާ އީމެއިލް ކޮމްޕްރޮމައިޒް ކޮށްގެން ހިންގާ ސްކޭމްތައް ވަރަށް ގިނަކަން ފާހަގަކޮށް، އެފަދަ ސްކޭމްތަކަށް ސަމާލުވުމަށް ދިވެހި ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ވަނީ، އަދުގެ ޑިޖިޓަލް ޒަމާނުގައި ރަސްމީ މުއާމަލާތްތައް ހިންގުމުގައި އީމެއިލަކީ އެންމެ އަސާސީ އެއް ވަސީލަތް ކަމަށާއި ނަމަވެސް އެއީ ކުށްވެރިން ނަހަމަ ގޮތުގައި އެކައުންޓުތަކަށް އެކްސެސްވުމަށް ބޭނުންކުރާ އެންމެ ނުރައްކާތެރި އެއް ގޮތްކަން ފާހަގަކޮށްފައެވެ.
ވަކިން ޚާއްސަކޮށް، "ބިޒްނަސް އީމެއިލް ކޮމްޕްރޮމައިޒް" (ބީއީސީ) އަކީ މުޅި ދުނިޔޭގައި ވެސް މާލީ ސްކޭމް ހިންގުމަށާއި ފައިސާ ވަގަށްނެގުމަށް މިހާރު އެންމެ ގިނައިން ބޭނުންކުރަމުންދާ އެއް އުކުޅު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ވަނީ ކުށްވެރިން އީމެއިލް ފޮނުވާނީ ދަންނަ، އިތުބާރުކުރެވޭ މީހަކަށް ވެގެން ކަމަށް ބުނެފައެވެ. ނަމަވެސް އެ މަޅީގައި ނުޖެހުމަށްޓަކައި ބައެއް ކަންކަމަށް ސަމާލުވުމަށް ފުލުހުން ވަނީ އެދިފައެވެ.
އެގޮތުން މައުލޫމާތު ހިއްސާކުރުމުގެ ކުރިން ވިސްނަންވީ ކަންތަކުގެ ތެރޭގައި، ސޯޝަލް މީޑިއާގައި އަމިއްލަ މައުލޫމާތު (އުފަންދުވަސް، ގެންގުޅޭ ސިއްކަ، ކިޔެވި ސުކޫލު) ފަދަ މައުލޫމާތު ހާމަނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ. ސަބަބަކީ އެ މައުލޫމާތުތަކަކީ ޕާސްވޯޑް ލަފާކުރަން ކުށްވެރިން ބޭނުންކުރާ މައުލޫމާތުތަކަށް ވާތީ ކަމަށް ފުލުހުން ބުނެއެވެ.

ބިޒްނަސް މެއިލް ކޮމްޕްރޮމައިޒްކޮށްގެން ހިންގާ ސްކޭމްތަކަށް ރައްކާތެރިވާން ފުލުހުން އިލްތިމާސްކޮށްފި -- ފޮޓޯ: ފުލުހުން
މީގެ އިތުރުން ފުލުހުން ވަނީ ލިންކުތަކަށް ނުފިއްތުމަށް އެދިފައެވެ. އެގޮތުން އެކައުންޓް ވެރިފައި ކުރުމަށާއި، ނުދަންނަ ފަރާތްތަކުން ފޮނުވާ ލިންކަށް ނުފިއްތުމަށާއި އޭގެ ބަދަލުގައި އެ ކުންފުންޏެއްގެ ރަސްމީ ނަންބަރަށް ގުޅައި ކަށަވަރުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
ހަމައެއާއެކު، އީމެއިލް އެޑްރެސް ޗެކްކުރުމާއި އެއްޗެހި ޑައުންލޯޑްކުރުމުގައި ސަމާލުވުމުގެ އިތުރުން ހުރިހާ އެކައުންޓެއްގައި 'ޓޫ ފެކްޓާ އޮތެންޓިކޭޝަން' ހަދާފައި ބެހެއްޓުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން ފައިސާގެ މުއާމަލާތެއް ނުވަތަ އެކައުންޓް ނަންބަރު ބަދަލުކުރަން ބުނެފިނަމަ، އެ ފޮނުވި ފަރާތަކަށް ފޯނުން ގުޅައި އީމެއިލްގައިވާ ނަންބަރު ނޫން، ކުރިން ގުޅުމަށް ބޭނުންކުރި ނަންބަރަށް ގުޅައި އެކަން ޔަގީންކުރުމަށް ފުލުހުން އެދިފައިވެއެވެ. އަދި "ވަރަށް އަވަހަށް" ފައިސާ ފޮނުވަން ބުނެ ޕްރެޝަރުކުރާނަމަ، އެއީ ސްކޭމެއް ކަމަށް ވުމުގެ ފުރުސަތު ބޮޑު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ވަނީ ސްކޭމްގެ މައްސަލައެއް ދިމާވެއްޖެނަމަ ލަސްނުކޮށް ބެންކަށް ގުޅައި ފައިސާ ހިފެހެއްޓޭތޯ މަސައްކަތް ކުރުމަށް އެދިފައެވެ. އަދި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ނަންބަރު 125 އަށް ގުޅައި އެކްސްޓެންޝަން ނަންބަރު 2020އަށް ރިޕޯޓުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.
ފުލުހުން ވަނީ، ހޭލުންތެރިވެ ތިބެ ރައްކާތެރިކަމާއެކު އީމެއިލް ބޭނުންކުރުމަށް ނަސޭހަތްތެރިވެފައެވެ.