ފައްޔާޒުގެ ކަންބޮޑުވުމެއް: އިސްލާމް މާއްދާ ދިވެހިން ކިޔަވައިދީގެން ކުދިންގެ މެދުގައި ދީނީ ލޯބި އުފެދޭ ތަނެއް ނުފެނޭ!

އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް: އިސްލާމް މާއްދާ ދިވެހިން ކިޔަވައިދީގެން ކުދިންގެ މެދުގައި ދީނީ ލޯބި އުފެދޭ ތަނެއް ނުފެންނަ ކަމަށް ވިދާޅުވެއްޖެ -- ސަން ފޮޓޯ/ އަމަން ލަތީފު

އިސްލާމް މާއްދާ ދިވެހިން ކިޔަވައިދީގެން ކުދިންގެ މެދުގައި ދީނީ ލޯބި އުފެދޭ ތަނެއް މިހާރު ނުފެންނަ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ ދިވެހިބަސް ކުރިއެރުވުމުގެ މުހިންމު ބޭނުމަށްޓަކައި އަލަށް އުނގެނެން ފަށާ ކުދިންނަށް އިސްލާމް ދީން ފަހުމުނުވާނެ ހާލަތެއްގައި އޮތުމަކީ އެކުދިން ބޮޑުވަމުން އަންނައިރު ދީން ދެކެ ލޯބި އުފެދި، ހެޔޮ މުސްލިމަކަށްވުމަށް އެޅެންޖެހޭ ބިންގާ އެޅުމުގައި ބޮޑު ހުރަހަކަށް ވާނެ ކަމެއް ކަމަށެވެ. އަދި އެއީ މާދަރީބަސް ކުރިއެރުވުމުގެ ބޭނުމުގައި ކުރެވިދާނެ އަދި ކުރަން ހެޔޮވާވަރުގެ ކަމެއްތޯ ސުވާލު އުފެދޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މިއަދު އެންމެ ތުއްތުކުދިންނާ ހަމައިން ފެށިގެން ގިނަ ޒުވާނުން ވެސް އެ މީހުންގެ ހުރިހާ މައުލޫމާތާއި، މުނިފޫހިފިލިވުން އަދި މުއާސަލާތު ކުރުމުގައި އަދި ވިސްނުމުގައި ވެސް ބޭނުންކުރަނީ އިނގިރޭސިބަސްކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ މިފަދަ ހާލަތަކަށް ދިޔައީ އިންޓަނެޓުގެ ޒަރިއްޔާއިން މުޅި ދުނިޔެ ބަވަނަވެ ގުޅިލާމެހުމުގެ ސަބަބުން ކަމަށެވެ. ބޮޑެތި އާބާދީތަކުން ވާހަކަ ދައްކާ ބަސްތައް ފިޔަވައި އެހެން ހުރިހާ ބަހަކަށް އޮތް ގޮންޖެހުންތައް ބޮޑު ކަމަށާއި އެއީ ވަކި ދިވެހި ބަހަށް އެކަނި އޮތް ގޮންޖެހުމެއް ނޫން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ދިވެހި ބަސް ސަލާމަތްކޮށް ދިރުވާ އާލާކުރުން ވަރަށް މުހިންމު. އެއަށްވުރެެ އަދި މުހިންމީ އަޅުގަނޑުމެންގެ ދަރިން އަދި މި ގައުމުގެ މުސްތަގުބަލު ކަމަށްވާ ޒުވާނުންގެ ހިތުތެރޭ އިމާންތެރިކަން ކަށަވަރުކުރެވި، ކީރިތި ރަސޫލާގެ މިސާލުން ދިރިއުޅޭ މުޖުތަމައުއެއް ކަށަވަރުކުރުން. މިއަދުގެ ހާލަތުގައި އިސްލާމް މާއްދާ ދިވެހި ބަހުން ކިޔަވާދީގެން އެކަން ވާތަނެއް ނުފެނޭ، ފައްޔާޒު އިސްމާއީލް

ފައްޔާޒު ވިދާޅުވީ ކުދިންގެ ކިބައިގައި އިސްލާމް ދީނަށް އޮންނަންވީ ލޯތްބާއި އިހުތިރާމު ކުޑަވުމާއި ގެއްލުމުގެ ބިރު މިއަދު ވަރަށް ބޮޑު ކަމަށެވެ.

އެކަމުގެ ހައްލެއްގެ ގޮތުން ފައްޔާޒު ވިދާޅުވީ އިސްލާމީ އަގީދާއާއި މުސްލިމަކަށްވުމުގެ ޒިންމާ ފަހުމުވާނޭ އެންމެ ރަނގަޅު ސިޔާސަތުތަކެއް އެކުލަވަލަންވީއެވެ. އޭގެ ތެރެއިން މާއްދާ ކިޔަވަދޭނެ ބަސް އެއީ ހަމަ ކުޑަކުޑަ ތަންކޮޅެއް ކަމަށް އޭނާ ވިދާޅުވިއެވެ. އުރުދޫ ބަހުންވިޔަސް ޗައިނާ ބަހުންވިޔަސް ކުދިންނަށް ފަހުމުވާ ގޮތަކަށް ކިޔަވަދޭންވީ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހި ބަސް ކުރިއެރުވޭނީ އިސްލާމް މަައްދާ އަދި ސައިންސް މާއްދާ ދިވެހި ބަހުން ކިޔަވަދީގެން ނޫންކަމަށާއި، ކުރަންވީ ކަމަކީ ލިޔުންތެރިންނަށް ފަހި ވަރުގަދަ މާހައުލެއް ގާއިމުކުރަންވީ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ދިވެހި އަދަބީ އުފެއްދުންތަކަށް ރަނގަޅު ފުރުސަތުތަކެއް އުފައްދައިދީ އާމްދަނީ ލިބެނޭ މަގު ތަނަވަސް ކޮށްދޭންވީން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ޖީލުގެ ތުއްތު ކުދިން އަދި ޅަ ޒުވާނުން ގަޔާވާފަދަ ފިލްމް، ގޭމު، ފޮތް ފަދަ ތަކެތި ދިވެހި ބަހުން އުފެއްދޭނެ މާހައުލެއް ގާއިމުކުރަންވީ ކަމަށް އޭނާ ވިދާޅުވިއެވެ.

އަރަބި ބަހަކީ ދިވެހި ބަހެއް ނޫން. މިއީ އަޅުގަނޑުގެ ޚިޔާލެއް. އެއްގޮތަކަށްވެސް އެހެން ބޭފުޅުންގެ ވިސްނުމާއި ޖަދަލުކުރުމުގެ ނިޔަތަކު ނޫން. ޒުވާނުން ދީނާ ދުރަށްދާތަން ފެންނަމުންދާކަމުގެ ކަންބޮޑުވުން އޮތީމަ. އަދި ޅަ ދަރިންނަށް މިހާރުގެ ކަރިކިއުލަމްގެ ތެރެއިން ދީނީ ލޯބި އުފެދޭތަން ނުފެންނާތީ އޮތް ކަންބޮޑުވުމުގެ ސަބަބުން، ފައްޔާޒު އިސްމާއީލް

އެކަމުގެ އެއް ސަބަބެއް ކަމަށް އޭނާއަށް ފެންނަނީ އިސްލާމް މާއްދާ ކިޔަވައިދޭ ގޮތް ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި ކަރިކިއުލަމްގެ މައްސަލަތަކުގެ އިތުރުން ކުދިންނަށް ފަހުމުނުވުމަކީ އަނެއް ސަބަބު ކަމަށް އޭނާ ވިދާޅުވިއެވެ.

މިސާލެއްގެ ގޮތުން އޭނާ ނެންގެވީ އިނގިރޭސީން އައްޑޫ ހިފަން އުޅުނުއިރު ކަމަށް ބުނެ އޮންނަ މަޖާޒީ ވާހަކައެކެވެ. އައްޑޫ މީހުންނާއި އިނގިރޭސީންގެ ބައްދަލުވުމެއްގެ ވާހަކައެކެވެ. ދެބައި މީހުންވެސް ވާހަކަ ދެއްކީ އެބައެއްގެ ބަހުން ކަމަށާއި ޖަލްސާ ނިމުނީ ދެއްކި ވާހަކައެއް އެއްވެސް ފަރާތަކަށް ނޭނގި، އެއްވެސް ނަތީޖާއެއް ވެސް ނުނިކުތް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މި މައްސަލައަކީ ރުޅިވެރިކަމެއްނެތި މުޅި މުޖުތަމައު ބަހުސްކޮށް ރަނގަޅު ގޮތެއް ހޯދޭތޯ އުޅެން މުހިއްމު މައްސަލައެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

comment ކޮމެންޓް