މި ޖީލުގެ ބައެއް ކުދިން ދިވެހި ބަހުން ވާހަކަދައްކަން ޖެހިލުންވާތަން ފެނޭ، މި ކަމާ ވަރަށް ވިސްނަން ޖެހޭ: ހީނާ

މިނިސްޓަރު ހީނާ ވަލީދު: ވިދާޅުވީ، މި ޖީލުގެ ބައެއް ކުދިންނަށް ދިވެހި ބަހުން ވާހަކަދައްކަން ދަތިވާތަން ފެންނަ ކަމަށާއި އެ ކަމާ ވަރަށް ވިސްނަން ޖެހޭ ކަމަށް --- ފޮޓޯ/ ރައީސް އޮފީސް

މި ޖީލުގެ ބައެއް ކުދިން މި ގައުމުގެ މާދާރީ ބަސް ނުވަތަ ދިވެހި ބަހުން ވާހަކަދައްކަން ޖެހިލުންވާތަން ފެންނަ ކަމަށާއި އެ ކަމާ ވަރަށް ވިސްނަން ޖެހޭ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު މިރޭ ވިދާޅުވެއްޖެއެވެ.

ވާހަކަދެއްކުމުގެ 39 ވަނަ ގައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ހީނާ ވިދާޅުވީ، ވާހަކަދެއްކުންތެރިކަމަކީ ބޮޑުވަމުން އަންނަ ޖީލުތަކުގެ މެދުގައި އާލާކުރަން ޖެހޭ މުހިންމު ސިފައެއް ކަމަށެވެ.

މިގޮތުން، ހަޔާތުގައި ކާމިޔާބާ ހަމައަށް ވާސިލުވަނީ އެހެން މީހުންނާ މުއާމަލާތު ކުރަން ދަސްވެފައި ހުރުމުން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ވާހަކަދެއްކުމުގެ 39 ވަނަ ގައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތު: އެ ރަސްމިއްޔާތުގައި ހީނާ ވަނީ، ބައެއް ކުދިން ދިވެހިބަހުން ވާހަކަ ދައްކަން ޖެހިލުންވާ ކަމަށް ވިދާޅުވެފައި -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ފޯނުން ވާހަކަދެއްކުން އާންމު ޒަމާނެއްގައި، މި ޖީލުގެ ބައެއް ކުދިންނަށް މީހުންނާ ސީދާ މުއާމަލާތު ކުރުމަށް އުނދަގޫވާ މަންޒަރު ފެންނަކަން ހީނާ ފާހަގަކުރެއްވިއެވެ.

އަޅުގަނޑުމެންގެ މާދަރީ ބަހުން، ދިވެހި ބަހުން ވާހަކަދައްކަން [ބޮޑެތިވާ ކުދިން] ޖެހިލުންވާތަން ނުވަތަ ދަތިވާތަން ވެސް އަޅުގަނޑުމެންނަށް ފެނޭ. މިއީ އަޅުގަނޑުމެން ވަރަށް ވިސްނަން ޖެހޭ ކަމެއްފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު

ވާހަކަދެއްކުންތެރިކަން ފަދަ މުބާރާތްތައް ބާއްވަނީ ވެސް ވާހަކަދެއްކުންތެރިކަމުގެ ސިފަ ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމަށް ކަމަށް ހީނާ ގަބޫލުކުރައްވައެވެ. އެ މުބާރާތްތަކުގެ ސަބަބުން، ދަރިވަރުން އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑުވެ، ގިނަ މީހުންގެ ކުރިމަތީގައި ބަސް ބުނަން ކެރޭކަން ހީނާ ފާހަގަކުރެއްވިއެވެ.

އެފަދަ މުބާރާތްތަކަކީ ހުރަސްތައް ގިރާކޮށް، ދިވެހި ބަހުން މުއާމަލާތު ކުރަން ލިބޭ ވަރަށް ރަނގަޅު ފުރުސަތެއްގެ ގޮތުގައި ހީނާ ސިފަކުރެއްވިއެވެ.

37 ވަނަ ގައުމީ ވާހަކަދެއްކުމުގެ މުބާރާތުގައި ދަރިވަރަކު ވާހަކަދައްކަނީ -- ސަން ފޮޓޯ

މީގެއިތުރުން، މުއާމަލާތު ކުރުމުގެ ހުނަރަކީ ވަޒީފާގެ މާހައުލުގައި މީހެއްގެ ކިބައިގައި ހުންނަން އެންމެ އެދޭ ހުނަރުކަން ފާހަގަކުރައްވައި ހީނާ ވިދާޅުވީ، އެ ހުނަރު ހުންނަ ކުއްޖަކަށް ކޮންމެ ދާއިރާއަކުން ކުރިއަށް ދިޔުމުގެ ފުރުސަތު ވެސް ތަނަވަސްވާ ކަމަށެވެ. އަދި، އެދެވޭ ބޮޑެތި ކާމިޔާބީތައް ހޯދުމަށް އެ ކުދިންނަށް ފަސޭހަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅު ނިންމަވާލެއްވީ، މުބާރާތުގެ ދަރިވަރުންނަށް ނަސޭހަތްތަކެއް ދެއްވަމުންނެވެ.

އެގޮތުން، ދަރިވަރުންގެ އަޑަކީ މުސްތަގުބަލުގެ އަޑު ކަމަށާއި އެ ކުދިންގެ ވާހަކަތަކުން މާދަމާގެ މުޖުތަމައު ބައްޓަން ވާނެ ކަމަށް ހީނާ ވިދާޅުވިއެވެ. އަދި، ދުލުން ނިކުންނާނީ، އަޚުލާގީ މިންގަނޑަށް ފެތޭ، އިލްމީ ބަސްތަކަށް ހެދުމަށް އަޒުމް އާކުރުމަށް، ދަރިވަރުންނަށް މިނިސްޓަރު ނަސޭހަތްދެއްވިއެވެ.

comment ކޮމެންޓް