ދިވެހިބަހުގެ އެކެޑަމީއަށް މިއަދު 15 އަހަރު ފުރިފައިވާއިރު، މިއީ ދިވެހިރާއްޖޭގެ ގައުމިއްޔަތާއި މާދަރީ ބަސް ދިރުވައި އާލާކުރުމުގެ ދަތުރުގައި ވަރަށް މުހިންމު މޭލުގަލެކެވެ. އޮގަސްޓު 8، 2011 ގައި އުފެދުނު މި މުއައްސަސާއަކީ ދިވެހިންގެ އެންމެ އަގުބޮޑު ތަރިކަ ކަމަށްވާ ދިވެހިބަސް ހިމާޔަތްކޮށް، ކުރިއެރުވުމުގެ އެންމެ އިސް ޒިންމާ މަތިކޮށްފައިވާ ދައުލަތުގެ ރަސްމީ އިދާރާއެވެ.
ބަވަނަވަމުން އަންނަ ދުނިޔޭގައި ކުދި އާބާދީތަކުން ވާހަކަދައްކާ ބަސްތައް ނެތިގެން ގޮސްދާނެ ކަމުގެ ބިރު އޮތް މި ޒަމާނުގައި، ދިވެހިބަހުގެ އެކެޑަމީގެ ދައުރު ވަނީ ކުރިއަށް ވުރެ ބޮޑަށް ފުޅާވެފައެވެ. ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި އެކެޑަމީން ވަނީ ބަހުގެ ހަމަތަކާއި ގަވާއިދުތައް އެކަށައަޅައި، ޒަމާނީ ފަންނިއްޔާތުގެ ތެރެއިން ބަސް ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ.
ދިވެހިބަހަކީ ހަމައެކަނި މުއާމަލާތްކުރާ ވަސީލަތެއް ނޫން ކަމާއި، އެއީ ދިވެހީންގެ އަމިއްލަވަންތަކަމާއި ސަގާފަތުގެ ރޫހުކަން ކަށަވަރުކޮށްދިނުމަށް އެކެޑަމީން ވަނީ ގައުމީ ފެންވަރުގައި ގިނަ ހަރަކާތްތަކެއް ހިންގައިފައެވެ. މި މުއްދަތުގެ ތެރޭގައި އެކެޑަމީން ވަނީ ދިވެހިބަހުގެ ތާރީޚުގައި ކުރިން ނުކުރެވޭ ފަދަ ގިނަ ދިރާސާތަކެއްކޮށް، ބަހުގެ މުއްސަނދިކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅައިފައެވެ.
ދިވެހިބަހުގެ އެކެޑަމީގެ މިހާރުގެ ރައީސް ހަސަން ޝާކިރު މުހައްމަދު -- ފޮޓޯ/ ދިވެހިބަހުގެ އެކެޑަމީދިވެހިބަހުގެ އެކެޑަމީ އުފެދިފައިވަނީ ގާނޫނު ނަންބަރު 9/2011 (ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނު) ގެ ދަށުންނެވެ. މި ގާނޫނުގެ 7 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން އުފެއްދި މި މުއައްސަސާގެ މައިގަނޑު މަގުސަދަކީ ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚާއި އަދަބީ ތަރިކަ ރައްކާތެރިކޮށް، ދަމަހައްޓައި، ތަރައްގީކުރުމެވެ. ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، އެއް ސަގާފަތާއި އަނެއް ސަގާފަތް ގައިގޯޅިވެ، ބަސްމޮށެއުޅޭ އާބާދީ މަދު ބަސްތައް ނެތިދިއުމުގެ އިންޒާރު އދ. ގެ ތައުލީމާއި ސައިންސާއި ސަގާފަތާ ބެހޭ ޖަމިއްޔާ (ޔުނެސްކޯ) އިން ދެމުންގެންދާއިރު، ދިވެހިބަސް ހިމާޔަތްކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެހެންކަމުން، އެކެޑަމީ އުފެއްދީ ދިވެހިބަސް މުއްސަނދިކޮށް، ރަސްމީ މުއާމަލާތްތަކުގައްޔާއި ތައުލީމީ ނިޒާމުގެ ތެރޭގައި ބަހަށް އިސްކަންދިނުން ކަށަވަރުކުރުމަށެވެ. މީގެ އިތުރުން، ބަހުގެ ރަދީފު މުއްސަނދިކުރުމާއި، ބަހުގެ ގަވާއިދުތައް ޒަމާނާ އެއްގޮތަށް އިސްލާހުކުރުމަކީ ވެސް އެކެޑަމީގެ ގާނޫނީ ޒިންމާއެކެވެ. މި ގާނޫނުގެ ދަށުން އެކެޑަމީއަށް ވަނީ ދައުލަތުގެ އިދާރާތަކުން ދިވެހިބަހަށް އިސްކަންދޭ މިންވަރު ބަލައި، ބަހުގެ ހަމަތަކާ ޚިލާފަށް ކުރެވޭ ކަންކަން އިސްލާހުކުރުމަށް ލަފާދިނުމުގެ ބާރު ވެސް ދީފައެވެ. އެކެޑަމީގެ ތަސައްވުރަކީ ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚާ ބެހޭ އެންމެ އިތުބާރު ހުރި އަދި އެންމެ ސައްހަ މައުލޫމާތު ފަތުރާ ގައުމީ މުއައްސަސާއަށް ވުމެވެ.
ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި ދިވެހިބަހުގެ އެކެޑަމީ ހިންގުމާ ހަވާލުވެވަޑައިގެން ތިއްބެވީ ބަހާއި އަދަބިއްޔާތަށް ޚިދުމަތްކުރެއްވި ފުންނާބު އުސް ބޭފުޅުންނެވެ. އެކެޑަމީ އުފެދުމާއެކު އެންމެ ފުރަތަމަ ރައީސެއްގެ ގޮތުގައި އައްޔަންކުރެއްވީ އަޝްރަފް ޢަލީއެވެ. އޭނާ ވަނީ އެކެޑަމީގެ ރައީސްކަމުގެ މަގާމުގައި ވިދިވިދިގެން ދެ ދައުރު ފުރިހަމަކުރައްވައިފައެވެ. އަޝްރަފް އަލީގެ ރައީސްކަމުގައި އެކެޑަމީގެ ބިންގާ އަޅުއްވައި، ބަހުގެ ގަވާއިދުތައް އެކުލަވައިލެއްވުމުގައި މުހިންމު ދައުރެއް އަދާކުރެއްވިއެވެ. އޭނާގެ ދައުރުގައި ބަހުގެ ގައުމީ ސިޔާސަތުގެ ފުރަތަމަ ދެލިކޮޕީ އެކުލަވައިލެއްވުމުގެ މަސައްކަތް ފެށްޓެވިއެވެ. އޭގެ ފަހުން، އޮގަސްޓު 8، 2021 ގައި އެކެޑަމީގެ ރައީސްކަމުގެ މަގާމަށް ޑރ. އަޝްރަފް ޢަބްދުއްރަޙީމް ވަނީ އައްޔަންކުރައްވާފައެވެ. ޑރ. އަޝްރަފްގެ ލީޑަރޝިޕްގެ ދަށުން އެކެޑަމީން ވަނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ބަސް ކުރިއެރުވުމަށާއި، ޒުވާނުންގެ މެދުގައި ބަހަށް އޮންނަ ލޯބި އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެއަށްފަހު، މިދިޔަ އަހަރުގެ ޑިސެމްބަރު 31ގައި ޑރ. އަޝްރަފް އެ މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެން، މި އަހަރުގެ ޖަނަވަރީ މަހުގެ 19ގައި އެކެޑަމީގެ ރައީސްކަމަށް ހަސަން ޝާކިރު މުހައްމަދު ވަނީ އައްޔަންކުރައްވާފައެވެ.
ޅެންވެރީންގެ ދުވަސް 2024، ތިނަދޫ ސިޓީގައި ފާހަގަކުރުން -- ފޮޓޯ/ ތިނަދޫ ސިޓީ ކައުންސިލްއެކެޑަމީގެ މެންބަރުންގެ ގޮތުގައި ވެސް ރާއްޖޭގައި ފާހަގަކޮށްލެވޭ އަދީބުންނާއި ތާރީޚު ދިރާސާކުރައްވާ ބޭފުޅުން ވަނީ ޚިދުމަތްކުރައްވައިފައެވެ. އެކެޑަމީގެ ހިންގުމުގެ އޮނިގަނޑު ރޭވިފައިވަނީ ރައީސާއި ނައިބުރައީސް ހިމެނޭ ގޮތަށް ފަސް މެންބަރުންގެ މައްޗަށެވެ. މި ބޭފުޅުންގެ އިރުޝާދުގެ ދަށުން އެކެޑަމީން ވަނީ ބަހުގެ އެކި ދާއިރާތަކުން ޚާއްސަ ކޮމިޓީތައް އެކުލަވައިލައްވައި، ފުޅާ ދާއިރާއެއްގައި ދިރާސާތައް ކުރެއްވުމުގެ މަގު ފަހިކުރައްވާފައެވެ.
އެކެޑަމީން ކުރި މައިގަނޑު މަސައްކަތްތަކަށް ބަލާއިރު، ބަހުގެ ހަމަތަކާއި ގަވާއިދުތައް އެއްގޮތްކުރުމަށް ގިނަ ފޮތްތަކެއް ވަނީ ނެރެފައެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ 2013 ވަނަ އަހަރު ނެރުނު "ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު" ފޮތެވެ. އަދި އެ ގަވައިދަށް އާ އިސްލާހުތަކެއް ގެނައުމަށް ފަހު ދެވަނަ ފަހަރަށް ޗާޕުކޮށް ނެރެފައި ވަނީ، މެއި 9، 2024ގައެވެ. މި ފޮތުގެ ސަބަބުން ރަސްމީ ލިޔުންތަކުގައްޔާއި ނޫސްވެރިކަމުގައި ލަފުޒުތައް ވަކިކޮށް ލިޔުމުގައި ހުރި އޮޅުންތަކަށް ބޮޑު ހައްލެއް ލިބުނެވެ. މީގެ އިތުރުން، ތިކި ޖެހި ތާނަ ބޭނުންކުރާނެ ގޮތުގެ ހަމަތަކެއް ވެސް އެކުލަވައިލުމަށް ފަހު ފޮތެއްގެ ސިފައިގައި އެކެޑަމީން ނެރެފައިވެއެވެ. ދިވެހި ބަސްފޮތް ނުވަތަ ރަދީފު ޒަމާނީކޮށް، ސްމާޓްފޯން އެޕްލިކޭޝަނެއްގެ ގޮތުގައި ނެރުމަކީ އެކެޑަމީން ހޯދި ވަރަށް ބޮޑު ކާމިޔާބީއެކެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް އާންމުންނަށް ފަސޭހަކަމާއެކު ލަފުޒުތަކުގެ މާނަ ހޯދުމުގެ މަގު ވަނީ ފަހިވެފައެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވާހަކަދައްކާ ބަހުރުވަތަކުގެ ލަފުޒުތައް ވެސް ރަދީފަށް އިތުރުކުރުމުގެ މަސައްކަތް އެކެޑަމީން ވަނީ ކޮށްފައެވެ. މިގޮތުން، ކުރިން ރަދީފުގައި ނުހިމެނޭ އެތައް ހާސް އާ ލަފުޒެއް ވަނީ އިތުރުކޮށްފައެވެ. ތާރީޚީ ގޮތުން ބަލާއިރު، ރާއްޖޭގެ ތާރީޚާ ގުޅޭ މުހިންމު ފޮތްތައް އަލުން ޗާޕުކޮށް ނެރުމާއި، ބަހުގެ ދިރާސާތައް ކުރުމަށް ފަހި މާހައުލެއް ގާއިމުކުރުމަކީ ވެސް އެކެޑަމީގެ މުހިންމު މަސައްކަތްތަކެވެ. އެކެޑަމީން ވަނީ ދިވެހިބަހުގެ ތާރީޚާއި އަދަބިއްޔާތާ ގުޅޭ ގިނަ ފޮތްތަކެއް ޑިޖިޓަލައިޒްކޮށް، އޮންލައިންކޮށް ކިޔަން ލިބޭނެ އިންތިޒާމު ވެސް ހަމަޖައްސައިފައެވެ. މިއީ ދަރިވަރުންނާއި ދިރާސާކުރާ ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު ލުއިފަސޭހައެކެވެ.
މަޒުމޫނު ލިޔުމުގެ މުބާރާތެއްގެ ތެރެއިން: ކޮންމެ އަހަރެއްގައި ވެސް ގިނަ އަދަދެއްގެ ދަރިވަރުން މި މުބާރާތްތަކުގައި ބައިވެރިވޭ -- ސަން ފޮޓޯ/ މާނިއު މުހައްމަދު ދިވެހިބަހާއި އަދަބިއްޔާތަށް ސްކޫލު ކުދިންނާއި އާންމުންގެ ހިތްތަކުގައި ލޯބި ޖެއްސުމަށްޓަކައި އެކެޑަމީން އަންނަނީ ގައުމީ ފެންވަރުގައި ގިނަ މުބާރާތްތަކެއް ބާއްވަމުންނެވެ. މީގެ ތެރޭގައި އަލްއުސްތާޒު އިބްރާހީމް ޝިހާބުގެ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ ގައުމީ މުބާރާތާއި، އަލްއުސްތާޒު މުޙައްމަދު ޖަމީލުދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ ގައުމީ މުބާރާތް ހިމެނެއެވެ. އަދި އައްޝައިޚު މަލިން މޫސާ މާފަތްކަލޭފާނުގެ ވާދައިގެ ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ ގައުމީ މުބާރާތާއި، ހުތް ޢަލިދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ ޅެންހެދުމުގެ ގައުމީ މުބާރާތަކީ ވެސް ފާހަގަކޮށްލެވޭ މުބާރާތްތަކެކެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2023 އަދި 2024 ވަނަ އަހަރު އެކަނި ވެސް އެކެޑަމީން ބޭއްވި އަދަބީ މުބާރާތްތަކުގައި 3،000 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މި އަހަރުގެ ކަލަންޑަރުގައި ހިމަނައިގެން ބޭއްވި މަޒުމޫނު ލިޔުމާއި، ކުރުވާހަކަ ލިޔުމާއި ޅެންހެދުމުގެ ގައުމީ މުބާރާތުގައި 2،881 ބައިވެރިން ވަނީ ވާދަކޮށްފައެވެ. މާދަރީ ބަހުގެ ދުވަހާއި، ޅެންވެރިންގެ ދުވަސް ފަދަ މުހިންމު ދުވަސްތައް ފާހަގަކުރުމުގެ ގޮތުން ޚާއްސަ ޖަލްސާތަކާއި ހަރަކާތްތައް އެކެޑަމީން އިންތިޒާމުކުރެއެވެ. މި ހަރަކާތްތަކުގެ ތެރެއިން ބަހުގެ އަދީބުންގެ އަގުވަޒަންކުރުމާއި، އާ ލިޔުންތެރިންނާއި ޅެންވެރިން އުފެއްދުމަށް ހިތްވަރުދިނުމުގެ ގޮތުން ތަފާތު ޕްރޮގްރާމްތައް ހިންގައެވެ.
ދިވެހިބަސް ކުރިއެރުވުމަށް ކުރެވުނު ޚާއްސަ ކަންތައްތަކުގެ ތެރޭގައި، ދިވެހިބަހުގެ ގައުމީ ސިޔާސަތެއް އެކުލަވައިލުމުގެ މަސައްކަތް ހިމެނެއެވެ. މި ސިޔާސަތުގެ ދަށުން ތައުލީމީ ނިޒާމުގެ ތެރޭގައި ދިވެހިބަސް ކިޔަވައިދޭނެ ގޮތްތަކާއި، ބަހުރުވަތައް ހިމާޔަތްކުރާނެ ގޮތްތައް ކަނޑައަޅައިފައިވެއެވެ. އަދި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ދިވެހިބަހާއި ތާރީޚުގެ ކުރު މުއްދަތުގެ ކޯސްތައް ހިންގުމަކީ ވެސް ފާހަގަކޮށްލެވޭ ކަމެކެވެ. މިގޮތުން ސިވިލް ސާވިސް ކޮމިޝަނާއި ފުލުހުންނާ ގުޅިގެން އެކެޑަމީން ވަނީ ކާމިޔާބު ކޯސްތަކެއް ހިންގައިފައެވެ.
ޑިޖިޓަލް ޒަމާނުގައި ބަސް ކުރިއެރުވުމަށްޓަކައި، އޮންލައިން ޕްލެޓްފޯމްތަކުގައި ދިވެހި ކޮންޓެންޓް އިތުރުކުރުމަށާއި، ބަހުގެ ދިރާސާތައް އާންމުކޮށް ފެންނާނެހެން ޝާއިއުކުރުމަށް އެކެޑަމީން ދަނީ މަސައްކަތްކުރަމުންނެވެ. ބަހުގެ އެކެޑަމީން ކުރަމުންދާ މި މަސައްކަތްތަކާއެކު، ދިވެހިބަހުގެ މުސްތަގުބަލު އުޖާލާކުރުމަށް މުހިންމު ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. އެހެންނަމަވެސް، ޒަމާނީ މުވާސަލާތީ ވަސީލަތްތަކުގައި އިނގިރޭސިބަހުގެ ނުފޫޒު ގަދަވަމުންދާ ދަނޑިވަޅެއްގައި، ދިވެހިބަސް އޭގެ އަސްލު ސިފައިގައި ދެމެހެއްޓުމަށްޓަކައި އެކެޑަމީން ކުރަންޖެހޭ މަސައްކަތްތައް އަދިވެސް ގިނަކަން ފާހަގަކުރެވެއެވެ. މިގޮތުން، ތައުލީމީ މަންހަޖުގެ ތެރެއިން ބަހަށް ދެވޭ އަހައްމިއްޔަތުކަން އިތުރުކުރުމަށް ކަމާބެހޭ ފަރާތްތަކާއެކު ކުރެވެމުންދާ މަޝްވަރާތަކުގެ ނަތީޖާ ކުރިއަށް އޮތް ތަނުގައި ފެންނާނެއެވެ.