މި މަހުގެ ނިޔަލަށް އެ ހޮސްޕިޓަލުގެ އުމްރާ ޕްރޮމޯޝަން ކުރިއަށްދާނެ ކަމަށް އައިކެއާއިން މިއަދު ބުނެފިއެވެ.
"ވިން އަ ރަމަޟާން އުމްރާ ޓްރިޕް" ޕްރޮމޯޝަންގެ ދަށުން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ބަރަކާތްތެރި ރަމަޟާން މަހު ދެ މީހަކަށް އުމްރާ ދަތުރެއް ކުރުމުގެ ފުރުސަތު ލިބޭނެއެވެ.
އައިކެއާގެ ކޮންމެ އައުޓްލެޓަކުން ވެސް 1,000 ރުފިޔާއިން ފެށިގެން މަތިން ވިޔަފާރިކުރާ ކޮންމެ ކަސްޓަމަރަކަށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ. ކުރާ ކޮންމެ 1,000 ރުފިޔާއެއްގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭއިރު، ކޫޕަންތައް ފުރުމަށް ފަހު އައުޓްލެޓްތަކުގައި ހުންނަ ފޮއްޓަށް ލާންޖެހެއެވެ.

އުމްރާ ދަތުރުގެ އިތުރުން މި މަހުގެ ނިޔަލަށް އައިކެއާއަށް ޒިޔާރަތްކުރާ ކަސްޓަމަރުންނަށް ބައެއް ބްރޭންޑްތަކުގެ އައިނުން 30 އިންސައްތައާ ހަމައަށް ޑިސްކައުންޓް ދިނުމަށް އެ ހޮސްޕިޓަލުން ވަނީ ނިންމާފައެވެ.
އެއީ، ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު އައިނު ހެޔޮ އަގުގައި ހޯދުމަށް ފޯރުކޮށްދޭ ފަހި ފުރުސަތެއްގެ ގޮތުގައި އައިކެއާއިން ސިފަކުރިއެވެ.
އޭގެ އިތުރަށް، މި ޕްރޮމޯޝަނަކީ ކަސްޓަމަރުންނަށް ލޮލުގެ ފަރުވާ ލިބޭނެ އިންތިޒާމު އިތުރަށް ފަސޭހަކޮށް، އަގުހުރި ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދާ ޕްރޮމޯޝަނެއްކަން އައިކެއާއިން ފާހަގަކުރިއެވެ.
މި ޕްރޮމޯޝަންގެ ގުރުއަތުލުން އޮންނާނީ އަންނަ މަހު ފުރަތަމަ ހަފުތާގައި އައިކެއާގެ މެނޭޖްމަންޓްގެ ހާޒިރުގައެވެ. ނަސީބުވެރިޔާގެ މަޢުލޫމާތު އައިކެއާގެ ރަސްމީ ވެބްސައިޓާއި ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުކުރާނެއެވެ.