ދިރާގުގެ އާ ޕާޓްނަރު ފިހާރައެއް ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުޅުވައިފިއެވެ.
މި ފިހާރައިގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިރާގު ކަސްޓަމަރުންނަށް ދިރާގުގެ ޚިދުމަތްތައް ހޯދުމަށް އިތުރު ލުއިފަސޭހަތަކެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ހުވަނދުމާ ހިނގުމުގައި ހުންނަ މޯލްޑިވްސް ސާވިސް ފިހާރައިން މިހާރު ދިރާގުގެ ޚިދުމަތްތައް ލިބޭނެއެވެ. މި ސަރަހައްދަކީ އާބާދީ އިތުރުވަމުން އަންނަ ސަރަހައްދެއް ކަމަށްވެފައި، މި ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ ދިރާގުގެ ޚިދުމަތްތައް އެއް ތަނަކުން ފަސޭހަކަމާ އެކު ލިބި، އިތުރު ލުއިފަސޭހަތަކެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ޕާޓްނަރު ފިހާރަ މެދުވެރިކޮށް ލިބޭ ޚިދުމަތްތަކަކީ:
- ޕޯސްޓްޕެއިޑް އަދި ފައިބަރ ބްރޯޑްބޭންޑް ޚިދުމަތްތަކަށް ފައިސާ ދެއްކުން
- ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، މޮބައިލް ބްރޯޑްބޭންޑް އަދި ބްލޭންކް ސިމް ކާޑުގެ ޚިދުމަތް ނެގުން
- ޕްރީޕެއިޑް ރީޗާޖުކުރުން
- ޑޭޓާ އެޑް-އޮން ސަބްސްކްރިޕްޝަންތައް ނެގުން

ދިރާގުން ހުޅުމާލޭގައި އާ ޕާޓްނަރު ފިހާރައެއް ހުޅުވުން: އެ ފިހާރައިން ގިނަ ޚިދުމަތްތަކެއް ލިބޭނެ --- ފޮޓޯ/ ދިރާގު
މި ފިހާރަ ހުޅުވުމުގެ މުނާސަބަތުގައި ދިރާގުން ވަނީ ޚާއްސަ ޕްރޮމޯޝަނެއް ވެސް އިއުލާނުކޮށްފައެވެ.
މި ޕްރޮމޯޝަންގެ ދަށުން، މި ފިހާރައިން ޚިދުމަތްތައް ހޯދާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް "ސެމްސަން ގެލެކްސީ ބަޑްސް3 ޕްރޯއެއް" ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މި މަހު 26 ވަނަ ދުވަހުގެ ނިޔަލަށެވެ.
ދިރާގުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުންނަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދިނުމުގެ މަގުސަދުގައި، އެކި މުޖުތަމައުތަކަށް ޚާއްސަކޮށްގެން އަވަސް އަދި ފަސޭހަކަމާ އެކު ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތްތައް ކުރަމުންނެވެ.