އިންޑިއާގެ މަގުބޫލު ލަވަކިޔުންތެރިޔާ ނެހާ ކައްކަރު މިއުޒިކީ ދާއިރާގެ އިތުރުން ޒިންމާ ނަގަމުން އަންނަ ދިރިއުޅުމުގެ އެހެނިހެން ކަންކަމުން ވެސް ބޮޑު ބްރޭކެއް ނަގަން ނިންމާފައިވާކަން ސޯޝަލް މީޑިއާގައި އާއްމުކޮށްފިއެވެ.
ނެހާ އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ "ކޮނޑުގައި އެޅިފައިވާ ޒިންމާތަކުންނާއި އެހެންމީހުންނާ އެކު އޮތް ދޭދޭ ގުޅުންތަކުން ބްރޭކެއް ނެގުމުގެ ވަގުތު ޖެހިއްޖެ. މީގެ ތެރޭގައި މަސައްކަތުގެ އިތުރުން މި ވަގުތު ސިކުނޑިއަށް ވިސްނޭ ވަރަށް ގިނަ ކަންކަން ހިމެނޭ. އެނބުރި އަންނާނީ ކޮން އިރަކު ކަމެއް އަދި އަންނާނެކަމުގެ ޔަގީންކަމެއް ވެސް ނެތް،" މިހެންނެވެ.
މި ޕޯސްޓާއެކު ނެހާ ވަނީ މީޑިއާ ރިޕޯޓަރުންނަށާއި ސަޕޯޓަރުން އޭނާ ބޭރުތެރެއިން ފެނުނަސް ފޮޓޯއާއި ވީޑިއޯ ނުނެގުމަށް އިލްތިމާސްކޮށްފައެވެ.

ނެހާ ކައްކަރު ފިރިމީހާ ރޯހަންޕްރީތްއާ އެކު. ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ނެހާ އާއި ރޯހަންގެ ކައިވެނީގެ ގުޅުން ވަނީ ގޯސްވެފައި--ފޮޓޯ/ބޮލީވުޑްހަންގާމާ
ނެހާގެ ނިންމުމަށް އިހުތިރާމްކޮށް މިވަގުތު ބޭނުންވާ ޕްރައިވެސީ ދީ، މިނިވަންކަމާ އެކު ބޭރުތެރޭގައި އުޅުމުގެ ފުރުސަތު ދިނުމަކީ މީޑިއާ ރިޕޯޓަރުންނަށާއި ސަޕޯޓަރުންނަށް މިވަގުތު ލަވަކިޔުންތެރިޔާއަށް ފޯރުކޮށްދެވޭނެ ވަރަށް ބޮޑު އެހީއެއް ކަމަށް ނެހާ ވަނީ ބުނެފައެވެ.
އިންސްޓަގްރާމްގައި ނެހާ ހިއްސާކުރި މި ޕޯސްޓާ ގުޅިގެން ގިނަ ބަޔަކަށް ހައިރާންކަމެއް ލިބި ސުވާލުމާކެއްގެތެރޭ ތިއްބާ އިރުކޮޅެއްގެތެރޭ ލަވަކިޔުންތެރިޔާ ވަނީ އެ ޕޯސްޓު ފޮހެލާފައެވެ. ނެހާގެ ފަރާތުން އެފަދަ ޕޯސްޓެއް ޕަބްލިކަށް ނެރެ އިރުކޮޅެއްގެތެރޭ އެ ޕޯސްޓު ފޮހެލުމާ އެކު ލަވަކިޔުންތެރިޔާއަށް މިއީ އުނދަގޫ ދުވަސްތަކެއް ކަމަށް ގަބޫލުކުރެވޭ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.
ހަމައެއާއެކު ނެހާއަށް ނަފުސާނީ ބަލިމަޑުކަމަކާ ކުރިމަތިލާން ޖެހިފައިވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ބުނެ އޭނާގެ ސަޕޯޓަރުން އަންނަނީ ސޯޝަލް މީޑިއާގައި ހެޔޮ ދުއާގެ މެސެޖުތަކެއް ނެހާއަށް ރައްދުކޮށް ފޮނުވަމުންނެވެ.
ބޮލީވުޑްގެ ވަރަށް ގިނަ ފިލްމުތަކަކަށް ލަވަ ރެކޯޑުކޮށްދީފައިވާ ނެހާއާއި އޭނާގެ ބޭބެ ޓޯނީ ކައްކަރު މިދިޔަ މަހުގެ 15ގައި ނެރުނު "ކޭންޑީ ޝޮޕް" ލަވައިގައި ނެހާ އެކްޓްކޮށް ހެދުން އެޅުމުގެ ވައްޓަފާޅި ހުރިގޮތުން ވަރަށް ގިނަ ބަޔަކު ދެ މީހުންނަށް ފާޑުކިޔާފައެވެ.
އެ ލަވައިގައި ނެހާ ވަނީ ދެކުނު ކޮރެއާގެ މަޝްހޫރު މިއުޒިކް ބޭންޑްތައް ނަކަލުކުރަން މަސައްކަތްކޮށްފައި ކަމަށާއި ނަމަވެސް އެ މަސައްކަތް ފެއިލްވެފައިވަނީ ވަރަށް ހުތުރު ގޮތަކަށް ކަމަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.
މަޝްހޫރު މިއުޒިކް ޝޯ "އިންޑިއަން އައިޑޮލް"ގެ ދެވަނަ ސީޒަންއިން ބޮޑު މަގުބޫލުކަމެއް ލިބި މިއުޒިކީ ދާއިރާއިން ގިނަ ފުރުސަތުތަކެއް ލިބެން ފެށި ނެހާގެ ފިރިމީހާ ރޯހަންޕްރީތު ސިންއަކީ ޕަންޖާބަށް ނިސްބަތްވާ މިއުޒިކީ ފަންނާނެކެވެ.