ބޮލީވުޑް އޮތީ އުފެއްދުންތެރިކަމެއް ނެތް ބައެއްގެ އަތްދަށުވެފައި: އޭއާރް ރަހްމާން

އިންޑިއާގެ ކުޅަދާނަ މިއުޒީޝަން އޭއާރް ރަހްމާން--ފޮޓޯ/ބޮލީވުޑްހަންގާމާ

އިންޑިއާގެ އެންމެ ވަރުގަދަ ފިލްމު އިންޑަސްޓްރީ ބޮލީވުޑް ހިންގުމުގެ ބާރު މިހާރު އޮތީ އެއްވެސް ކަހަލަ އުފެއްދުންތެރިކަމެއް ނެތް ބައެއްގެ އަތްދަށުގައި ކަމަށް ކުޅަދާނަ މިއުޒީޝަން އޭއާރް ރަހްމާން ބުނެފިއެވެ.

އޭއާރް ރަހްމާން މިގޮތަށް ބުނެފައިވަނީ ދާދިފަހުން ބީބީސީ އޭޝިއަން ނެޓްވޯކަށް ދިން އިންޓަވިއުއެއްގައި ބޮލީވުޑްގެ ފިލްމުތަކުން އޭއާރް ރަހްމާންގެ ލަވަތައް ފެނުން މަދުވުމާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.

އެކަޑެމީ އެވޯޑް ހާސިލުކޮށްފައިވާ ލަވަކިޔުންތެރިޔާ ބުނީ ވޭތުވެދިޔަ އަހަރުތަކުގައި ހިންދީ ގިނަ ޕްރޮޖެކްޓްތަކެއް އޭނާއަށް ގެއްލުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ހިންދީ ފިލްމު އިންޑަސްޓްރީ ހިންގަން ތިބި މީހުންގެ ތެރެއިން ބަޔަކު މީހުން އެކަމަށް ނުފޫޒު ފޯރުވުމުން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

އެކަމާ އެއްވެސް ބަޔަކު ކަންބޮޑުވުން ފާޅު ނުކުރަނީ އެއްވެސް ކަހަލަ އުފެއްދުންތެރިކަމެއް ނެތް ބަޔަކު ހިންދީ ސިނަމާ ހިންގުމުގައި ހަރަކާތްތެރިވެ އެކަން އެހެން މީހުންނަށް އިހުސާސްވިޔަ ނުދޭތީ ކަމަށް ވެސް ވުން އެކަށީގެންވާ ކަމަށް އޭއާރް ރަހްމާން ވަނީ ބުނެފައެވެ.

އޭއާރް ރަހްމާން ކޮންސެޓެއްގައި ޕާފޯމް ކުރަނީ--ފޮޓޯ/ބޮލީވުޑްހަންގާމް

ބައެއް ފަހަރު އޭއާރް ރަހްމާނަށް ލިބޭ ފުރުސަތުތައް ވެސް އެހެން މިއުޒިކް ކޮމްޕޯސަރުންނަށް ދޭ ކަމުގެ އަޑުތައް ވެސް ތުންތުންމަތިން އިވިފައި އެބަހުރި ކަމަށް ހަ ނެޝަނަލް އެވޯޑު ކާމިޔާބުކޮށްފައިވާ ލަވަކިޔުންތެރިޔާ ވަނީ ބުނެފައެވެ.

ނަމަވެސް، އެކަމާ މާބޮޑަށް ކަންބޮޑުނުވާ ކަމަށާއި އޭއާރް ރަހްމާނަކީ އެއްވެސް އިރަކު މަސައްކަތް ހޯދަން މީހުން ފަހަތުން ދުވި މީހެއް ނޫން ކަމަށް ކުޅަދާނަ މިއުޒީޝަން ވަނީ ބުނެފައެވެ.

އޭއާރް ރަހްމާންގެ މިއުޒިކްގެ ބޭނުންޖެހިގެން މީހުން އޭނާގެ ގާތަށް މަސައްކަތް ހޯދަން އައުމަކީ އަބަދު ވެސް ބޭނުންވާ ގޮތް ކަމަށާއި އޭނާއަށް ލިބެންޖެހޭ މަސައްކަތެއް ނަމަ އެކަން އެއްވެސް ބަޔަކަށް ނުހިފެހެއްޓޭނެ ކަމަށް އުމުރުން 59 އަހަރުގެ ލަވަކިޔުންތެރިޔާ ވަނީ ބުނެފައެވެ.

އޭއާރް ރަހްމާން އެންމެ ފުރަތަމަ މިއުޒިކް ތައްޔާރުކޮށްދިން ބޮލީވުޑް ފިލްމަކީ 1991 ވަނަ އަހަރު ޑައިރެކްޓަރު މަނީ ރަތުނަމް އުފެއްދި ފިލްމު "ރޯޖާ"އެވެ. އޭގެފަހުން ރަތުނަމް ގެނެސްދިން ފިލްމު "ބޮމްބޭ" އަދި "ދިލްސޭ"ގެ އިތުރުން ރާމް ގޯޕާލް ވަރުމާގެ ފިލްމު "ރަންގީލާ"އަށް އޭއާރް ރަހްމާން ވަނީ މިއުޒިކް ތައްޔާރުކޮށްދީފައެވެ.

މި ފިލްމުތަކާ އެކު ވެސް ބޮލީވުޑްއިން އޭއާރް ރަހްމާން ބާކީކޮށްފައިވާ ކަމުގެ އިހުސާސް އޭރު ވެސް ކުރެވުނު ކަމަށާއި ހިންދީ ސިނަމާއިން ފުރުސަތުތައް ހަގީގަތުގައި ލިބެންފެށީ ފިލްމު "ތާލް"ގެ މިއުޒިކަށް ލިބެންފެށި ތަރުހީބާ އެކު ކަމަށް ރަހްމާން ވަނީ ބުނެފައެވެ.

އޭއާރް ރަހްމާންގެ މި ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ވަރަށް ގިނަ ބަޔަކު އަންނަނީ އޭނާއަށް ފާޑުކިޔަމުންނެވެ. އެ ފާޑުކިޔުންތަކާ ގުޅިގެން އޭއާރް ރަހްމާން އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ އިންޑިއާއަކީ އޭނާގެ އިންސްޕިރޭޝަން ކަމަށާއި އަމިއްލަ ވަޠަނަށް ދެރައެއް ނުވަތަ ގެއްލުމެއް ދޭން އެއްވެސް އިރަކު ނޭދޭ ކަމަށެވެ.

ރަހްމާން ދެއްކި ވާހަކަތަކަކީ އިހުލާސްތެރިކަމާ އެކު ދެއްކި ވާހަކަތަކެއް ކަމަށާއި ބައެއް ވާހަކަތަކަކީ އޭގެ މާނަ ފުންކަމާހުރެ ގޯސް ގޮތަކަށް މީހުންނަށް މާނަ ކުރެވިދާނެ ވާހަކަތަކެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. ނަމަވެސް އަބަދުވެސް މަސައްކަތް ކުރަނީ އިންޑިއާއަށް ރީތި ނަން ހޯދައިދީ ގައުމަށް ޚިދުމަތް ކުރުމުގައި ދެމިހުރުމަށް ކަމަށް ރަހްމާން ވަނީ ބުނެފައެވެ.

އޭއާރް ރަހްމާން އަންނަނީ އިންޑިއާގެ ހިންދޫންގެ މަޝްހޫރު ވާހަކަ "ރާމާޔަނާ"އަށް ބިނާކޮށް ޑައިރެކްޓަރު ނިތޭޝް ތިވާރީ އުފައްދާ ފިލްމަށް މިއުޒިކް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ރަހްމާން މި މަސައްކަތް ކުރަނީ ހޮލީވުޑްގެ ލެޖެންޑަރީ މިއުޒީޝަން ހޭންސް ޒިމްއާ ގުޅިގެންނެވެ.

comment ކޮމެންޓް