އިންޑިއާގެ ކުރީގެ އެކްޓަރު ގޯވިންދާ ކައިވެނިން ބޭރުން އެހެން އަންހެނަކާ އެކު ލޯބީގެ ގުޅުމެއް ބާއްވަމުން އަންނަކަމުގެ އަޑުތަކާ އެކު އޭގެ ނޭދެވޭ އަސަރު އެކްޓަރަށް ލިބިފައިވާ ދެ ކުދިން ޔަޝްވަރުދަން އަހޫޖާއާއި ޓީނާ އަހޫޖާއަށް ވަރަށް ބޮޑަށް ކުރަމުން އަންނަ ކަމަށް ގޯވިންދާގެ އަނބިމީހާ ސުނީތާ އަހޫޖާ ބުނެފިއެވެ.
ދާދި ފަހުން މިސް މާލިނީއަށް ދިން އިންޓަވިއުއެއްގައި ވާހަކަދައްކަމުން ސުނީތާ ބުނީ, ކުދިންގެ އިތުރުން އެ އާއިލާއަށް ވެސް އޭގެ ނޭދެވޭ އަސަރުކުރި ކަމަށެވެ. ގޯވިންދާއާ ގުޅުވައިގެން އެކި މީސްމީހުންގެ ފަރާތުން އިވެމުންދާ އެފަދަ އަޑުތަކާ ހެދި ކުދިންނަށް އެކަމުގެ އުނދަގޫކުރާކަމުގެ ވާހަކަ ތަކުރާރުކޮށް ފިރިމީހާ ގާތު ކުރިން ވެސް ދައްކާފައިވާނެ ކަމަށް ސުނީތާ ވަނީ ބުނެފައެވެ.
މިހާތަނަށް ތުންތުންމަތިން ދެކެވޭ އެފަދަ ވާހަކަތަކުގެ ހަގީގަތް އަދިވެސް ނޭނގޭ ކަމަށާއި ނަމަވެސް އެފަދަ އަޑުތަކުގައި ހަގީގަތެއް އެކުލެވޭކަން ޔަގީންވާ ދުވަހަކުން ގޯވިންދާއަށް ދުވަހަކު ވެސް މައާފުނުކުރާނެ ކަމަށް ސުނީތާ ވަނީ ބުނެފައެވެ.

ގޯވިންދާ ދަރިފުޅު ޔަޝްއާ އެކު--ފޮޓޯ/ޓެލެގްރާފްއިންޑިއާ
ގޯވިންދާގެ ދެ ކުދިންގެ ތެރެއިން އަންހެން ކުއްޖާ ޓީނާ މިހާރުވަނީ ޒަވާޖީ ހަޔާތެއް ފަށާ އުމުރަށް އެޅިފައި ކަމަށާއި ދަރިފުޅު ޔަޝް ފިލްމީ ދާއިރާއަށް ލޯންޗުކުރުމުގެ މަސައްކަތް ފެށިފައިވާއިރު އެއިން އެއްވެސް ކަމެއްގައި ގޯވިންދާގެ އެހީތެރިކަން ނުލިބޭ ކަމަށް ވެސް ސުނީތާ ވަނީ މި އިންޓަވިއުގައި ބުނެފައެވެ.
އެހެންވެ, ކުދިންގެ ދިރިއުޅުން ގޯވިންދާއާ ހެދި ވިއްސިވިހާލިވެގެން ގޮސްފިނަމަ ފިރިމީހާއަށް މައާފު ނުކުރާނެ ކަމަށް ސުނީތާ ވަނީ ބުނެފައެވެ. ގޯވިންދާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ފިލްމު އިންޑަސްޓްރީއަށް ނިސްބަތްނުވާ އެކްޓަރަށްވުރެ އުމުރުން އެތައް އަހަރެއް ހަގު އަންހެންކުއްޖަކާ ކަމަށް ސުނީތާ ތަންކޮޅެއް ކުރިން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ވަނީ ބުނެފައެވެ.
އެ އަންހެންކުއްޖާ ގޯވިންދާއާ އެކީ އުޅެނީ ފައިސާގެ ބޭނުމުގައި ކަމަށާއި އުމުރުން 63 އަހަރު ވެފައިވާއިރު މިހާރު ދެން ޅަ ކުއްޖަކު ގޯވިންދާ ދެކެ ލޯބިވާނެ ކަމަށް ގަބޫލުކުރުމަކީ މޮޔަކަމެއް ކަމަށް ސުނީތާ ވަނީ ބުނެފައެވެ.
ގޯވިންދާއާއި ސުނީތާ ކައިވެނި ކޮށްފައި ވަނީ ދެ މީހުންގެ ވެސް އުމުރުން ވަރަށް ޅައިރު 1987 ވަނަ އަހަރުއެވެ. ނުވަދިހައިގެ އަހަރުތަކުގެތެރޭ ފިލްމު އިންޑަސްޓްރީގައި އެންމެ ބޮޑު ޑިމާންޑެއް އޮތް އެކްޓަރު މިހާރު މަސައްކަތް ކުރަމުން އަންނަނީ ސިޔާސީ ދާއިރާގައެވެ.