ދަރަނި ދައްކަން ޕްލޭނެއް ނެތި، ބޭރު މީހުންނަށް ބިން ވިއްކަން އުޅޭކަމުގެ ތުހުމަތާ އެކު ފައްޔާޒްގެ ކަންބޮޑުވުން

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: ދަރަނި ނުދެއްކިދާނެކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި -- ފޮޓޯ/ އެމްޑީޕީ

މި އަހަރު ރާއްޖޭން ދައްކަންޖެހޭ ދަރަނި އަދާކުރާނެގޮތުގެ ޕްލޭނެއް ސަރުކާރުގައި ނެތް ކަމަށާއި ބޭރު ގައުމުތަކަށް ދިވެހި ބިން ވިއްކަން އުޅޭކަމުގެ ވާހަކަތައް ވެސް އަޑުއިވޭ ކަމަށް ވިދާޅުވެ، ކުރީގެ އިކޮނަމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރާއްޖޭން މި އަހަރު އެއް ބިލިއަން ޑޮލަރުގެ ދަރަނި އަދާކުރަންޖެހެއެވެ. އޭގެ ތެރޭގައި އޭޕްރީލް މަހު އެއްފަހަރާ ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ދަރަންޏެއް ހިމެނެއެވެ.

ފައްޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭޕްރީލް މަހު ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ދަރަނި އަދާކުރަން ކޮންމެ ސަރުކާރަކުން ވެސް ސީރިއަސްކޮށް ވިސްނީސް ކަމަށެވެ. އެ ގޮތުން، ބައެއް ދަރަނި ރީފައިނޭންސްކުރުމަކީ ގޯސް ގޮތެއް ނޫން ކަމަށް އޭނާ ގަބޫލުކުރައްވައެވެ. މިދިޔަ އެމްޑީޕީ ސަރުކާރުގައި އެފަދައިން ދަރަނި ރީފައިނޭންސްކުރިކަން ފާހަގަކުރައްވާ އޭނާ ވަނީ އޭގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ލިބުންކަމަށް ވިދާޅުވެފައެވެ.

"މި ސަރުކާރުން ވެރިކަމަށް އައި ކޮވިޑް ދުވަސްވަރުގެ ދަރަންޏަށް ވަރަށް ބޮޑަށް ފާޑުކިޔަމުން. އެކަމަކު، ދެ އަހަރަށްވުރެ ގިނަ ދުވަސްވީއިރު މާލީ އެއްވެސް ރީފޯމެއް ނުގެނެވުނުތަނުގައި، އަބަދު ވެސް އަންނަކަން އެނގޭ ބޮޑު ދަރަނި ދައްކާނެ ގޮތުގެ ޕްލޭނެއް ނެތް،" އޭނާ ނުރުހުމާއި ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

ސަރުކާރުން ދަރަނި ދައްކާނެ ގޮތާ މެދު އެއްޗެއް ނުބުނާތީ ފައްޔާޒް ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

"ސަރުކާރުގެ ޕްލޭނެއް އެބައޮތްތަ؟ ސަރުކާރުން އެ ކަމާ ކަންބޮޑުވޭތަ؟ ނޫނީ، ޔަގީންކަން އޮތް ވަރުން ދެފުށް ފެންނަހެން ކަންކުރަން ވެސް ނުވިސްނަނީ؟،" އޭނާ ސުވާލުކުރެއްވިއެވެ.

ކުރީގެ އިކޮނަމިކް މިނިސްޓަރު ފައްޔާޒް ވެސް ވަނީ ސަރުކާރުން ވަރަށް ބޮޑު އިންޓްރެސްޓް ރޭޓެއްގައި ދަރަނި ނަގަން އުޅޭކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ފަދަ ދަރަންޏެއް ނަގައިފި ނަމަ އިންތިހާއަށް ގެއްލުންވާނެކަމުގެ ކަންބޮޑުވުން ފާހަގަކުރައްވައި އޭނާ ވަނީ އެއީ ކުރިއާލާ ތައްޔާރުނުވުމުން ނުކުތް ނަތީޖާއެއްކަން ފާހަގަކުރައްވާފައެވެ.

"މިއަށްވުރެ ވެސް ކަންބޮޑުވާ ކަމަކީ އިސްތިގުލާލަށް ލިބިދާނެ ގެއްލުމެއް. ބޭރު ގައުމުތަކަށް ބިން ވިއްކަން އުޅޭކަމަށް އިވޭ އަޑުތައް،" އޭނާ ވިދާޅުވިއެވެ.

https://sun.mv/216685

މިއީ ދަރަނި މެނޭޖްކުރުން ނޫން ކަމަށާއި މިހެން މިވީ އެއްވެސް ވަރަކަށް ދުރާލާ ރާވައިގެން މަސައްކަތް ނުކުރެވުނީ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

އޭޕްރީލް މަހު ދައްކަންޖެހޭ 500 މިލިއަން ޑޮލަރު ދައްކަން އެމެރިކާގެ ކާގިލްސްއިން 15 އިންސައްތައިގެ އިންޓްރެސްޓްގައި 300 މިލިއަން ޑޮލަރުގެ ލޯނެއް ނަގަން ރާވާފައިވާ އެކިއެކި ފަރާތްތަކުން ތުހުމަތުކުރާއިރު، ސަރުކާރުން އެ ކަމަށް އެއްވެސް އެއްޗެއް ނުބުނެއެވެ. އެއީ، ތެދެއްކަން ނުވަތަ ދޮގެއްކަން ވެސް ހާމަކޮށްފައެއް ނުވެއެވެ.

ފަނަރަ އިންސައްތަ އިންޓްރެސްޓްގައި ކާގިލްސްއިން 300 މިލިއަން ޑޮލަރުގެ ލޯނެއް ނަގަން ރާވާ ވާހަކަ ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންގުޅުއްވާ ނުރަސްމީ އެކްސް އެކައުންޓުން އެ މަނިކުފާނު ވެސް މީގެ ކުރިން ހިއްސާކުރައްވާފައިވެއެވެ. އެ މަނިކުފާނު ވަނީ އެއީ މާ ބޮޑު އިންޓްރެސްޓެއް ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މީގެ ކުރިން 2022 ވަނަ އަހަރު ކާގިލްސްއިން 100 މިލިއަން ޑޮލަރުގެ ލޯނެއް ނެގީ 7.15 އިންސައްތައިގެ އިންޓްރެސްޓްގައެވެ. އޭގެ ފަހުން މި ސަރުކާރުގައި ނޮވެންބަރު 2024 ގައި ވެސް ކާގިލްސްއިން އެސްޓީއޯއަށް 50 މިލިއަން ޑޮލަރުގެ ލޯނެއް 13.13 އިންސައްތައިގެ އިންޓްރެސްޓްގައި ނެގިއެވެ. ތިން އަހަރުން ދައްކާ ގޮތަށް އެ ލޯނު ނެގީ ޒަރޫރީ ތަކެތި އެތެރެކުރަން ބޭނުންވާ ފައިސާ ހަމަޖައްސާށެވެ.

https://sun.mv/214283

އެހާ ބޮޑު އިންޓްރެސްޓް ރޭޓެއްގައި ދަރަނި ދައްކަން ބޮޑު ދަރަންޏެއް ނަގައިފިނަމަ، މި ވަގުތު ޑިފޯލްޓުނުވި ނަމަވެސް ދައުލަތުގެ ޖުމުލަ ދަރަނި ހައްތަހާ ބޮޑުވާނީއެވެ.

ސަރުކާރުން މިދިޔަ އަހަރު ވެސް ބުނެފައިވަނީ މަސައްކަތްކުރަނީ އެއް ފަހަރާ ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ އެއްބައި ރީފައިނޭންސްކުރަން ކަމުގައެވެ. މާނައަކީ އިތުރު ބޮންޑެއް ވިއްކައިގެން ފައިސާ ދެއްކުން ފަސްކުރާނީއެވެ. އެކަމަކު، ބައިނަލްއަގުވާމީ އެންމެ ބޮޑު ދެ ކްރެޑިޓް ރޭޓިން އެޖެންސީ ކަމަށްވާ ފިޗާއި މޫޑީޒްއިން ވެސް ރާއްޖެއަށް 'ޖަންކް' ރޭޓިންއެއް ނުވަތަ އިންވެސްޓްކުރަން ކަމުނުދާ ގައުމުތަކުގެ ރޭންކިންއަށް ވައްޓާލާފައިވާވުމުން ހެޔޮ އަގުގައި ދަރަނި ހޯދަން ދަތިވާނެ ކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރުން ގަބޫލުކުރެއެވެ.

މި އަހަރު 1.1 ބިލިއަން ޑޮލަރު ދަރަންޏަށް ދައްކަންޖެހޭތީ ބޭރުގެ މާލީ އިދާރާތަކުން ޚަރަދު ކުޑަކުރާށާއި މާލީ އިސްލާހުތައް ތަންފީޒުކުރަން 2021 އިން ފެށިގެން އަންނަނީ ގޮވާލަމުންނެވެ. އެކަމަކު އެ ފަދަ ފިޔަވަޅުތައް ތަންފީޒުކުރެވިފައެއް ނުވެއެވެ. އެހެންވިޔަސް ސަރުކާރުން އަންނަނީ ވަގުތުގައި ދަރަނި އަދާކުރެވޭނެކަމުގެ ޔަގީންކަން ދެމުންނެވެ.

comment ކޮމެންޓް