އައްޑޫ ސިޓީގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން މިއަދު ފަށައިފިއެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން ފަށައިފައި ވަނީ 8:00ގައެވެ. އަދި ވޯޓުލުން 16:00ގެ ނިޔަލަށް ކުރިއަށްދާނެއެވެ.
މި ބައި އިލެކްޝަންގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު 4،121އަށް އަރައެވެ. އަދި މި އިންތިޚާބުގައި ވޯޓުލުމަށް ޖުމުލަ ހަތް ވޯޓު ފޮއްޓެއް ބަހައްޓައިފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ މާލޭގެ ދަރުމަވަންތަ ސްކޫލުގައި ބަހައްޓާފައިވާ ދެ ފޮއްޓާއި އައްޑޫގެ ހިތަދޫ ސްކޫލުގައި ބަހައްޓާފައިވާ ފަސް ފޮއްޓެވެ.
މި އިންތިޚާބުގައި ވާދަކުރައްވަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ ވެރިކަން ކުރާ ޕީއެންސީން، ހިތަދޫ މޫލެކެޑެ ދާއިރާގެ ކުރީގެ ކައުންސިލަރު އަޙްމަދު ސަޢީދު (ސޮޑާ)އާއި، އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އައްޑޫގެ ކުރީގެ މޭޔަރު ޢަބްދުالله ޞާދިޤް (ސޯބެ)އެވެ.

ބައި އިލެކްޝަންގައި ވާދަކުރައްވާ އަޙްމަދު ސަޢީދު (ސޮޑާ)އާއި، ޢަބްދުالله ޞާދިޤް (ސޯބެ) ---
މި ބައި އިލެކްޝަން ބާއްވަނީ، އެ ދާއިރާގެ މެންބަރު ކަމުގައި އެންމެ ފަހުން ހުންނެވި މުހައްމަދު ސިނާނުގެ ގޮނޑި ގެއްލުމާ ގުޅިގެންނެވެ. އެއީ، އޭނާގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް ކަމަށް ބުނެ، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ އޭޕްރިލް މަހު ހުކުމް ކުރުމާ ގުޅިގެންނެވެ.
މި ބައި އިލެކްޝަނަށް ޕީއެންސީން ބޭއްވި ޕްރައިމަރީގައި އަޙްމަދު ސަޢީދާ ވާދަކުރައްވައި، ޓިކެޓް ހޯއްދެވީ ސިނާނެވެ. ނަމަވެސް ފަހުން އޭނާ ވަނީ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު، ބައި-އިލެކްޝަނަށް އެންމެ ރަނގަޅު ގޮތަކީ އޭނާ ފަހަތަށް ޖެހިވަޑައިގަތުން ކަމަށް ވިދާޅުވެ ޓިކެޓު ދޫކޮށްލައްވައިފައެވެ.
މި ބައި އިލެކްޝަނާ ސަރުކާރުން ކުރިމަތިލަނީ، މިދިޔަ އޭޕްރިލް މަހު ބޭއްވި ކައުންސިލް އިންތިޚާބާއި، މައި ދެ އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނެގި ޚިޔާލު ހޯދުމުގެ ވޯޓުގައި ކުރިމަތިވި ބޮޑު ނާކާމިޔާބީއަށް ފަހުގައެވެ.
ރައްޔިތުންގެ މަޖިލީހުގައި މިހާރު ޕީއެންސީގެ 74 މެންބަރުން ތިއްބަވާއިރު، އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވަނީ 12 މެންބަރުންނެވެ.