ރަންވީރު ދޫކޮށްލުމުން، ޑޮން 3'އަށް ވެސް ޝާހު ގެންނަނީ

ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާން ފިލްމު "ޑޮން"ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ

ޑައިރެކްޓަރު ފަރުހާން އަހްތަރުގެ އެކްސެލް އެންޓަޓެއިންމަންޓްއިން ގެނެސްދެމުން އަންނަ ފްރެންޗައިސް "ޑޮން"ގެ ތިންވަނަ ފިލްމުގެ ލީޑް ރޯލް އެކްޓަރު ޝާހްރުކް ޚާންއަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ކުރީގެ ދެ ބައިގެ ވެސް ލީޑް ރޯލް އަލުން ޝާހަށް ހުށަހަޅާފައިވަނީ "ޑޮން 3"ގެ ލީޑް ރޯލަށް ކުރިން ސޮއިކުރި އެކްޓަރު ރަންވީރު ސިންގް ފިލްމު ދޫކޮށްލުމާ ގުޅިގެންނެވެ. ފަރުހާނާއި ޕްރޮޑިއުސަރު ރިތޭޝް ސިދުވާނީގެ ފިލްމު ކުންފުނިން ގެނެސްދެމުން އަންނަ "ޑޮން" ސީރީސްގެ ތިން ވަނަ ފިލްމު އިއުލާނުކޮށްފައި ވަނީ 2024ގައެވެ.

އޭރު ފިލްމު އިއުލާނުކޮށްފައިވަނީ ރަންވީރު ސިންގް ފިލްމުގެ ލީޑް ރޯލްއިން ފެންނާނެކަމަށް ބުނެ ނަމަވެސް މިދިޔަ އަހަރުގެ ފަހުކޮޅު ރަންވީރު ފިލްމުން ވަކިވިކަމުގެ އަޑުތަކެއް ވަނީ އަރާފައެވެ. ރަންވީރު ފިލްމުން ވަކިވިކަން ރަސްމީކޮށް އެކްސެލް އެންޓަޓެއިންމަންޓްއިން މިހާތަނަށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ޝާހަށް އަލުން "ޑޮން 3"ގެ ލީޑް ރޯލް ހުށަހަޅާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފައިވާއިރު ޝާހުގެ ބަދަލުގައި އެ ރޯލް ރަންވީރަށް ހުށަހެޅުމުން ވަރަށް ގިނަ ބަޔަކު ވަނީ ކުރިން އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާން އަދި ފިލްމު ޑައިރެކްޓަރު ފަރުހާން އަހްތަރު--ފޮޓޯ/ބޮލީވުޑްހަންގާމާ

އިންޑިއާޓީވީގައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ޝާހު ވަނީ "ޑޮން 3"އަށް އެއްބަސްވެފައެވެ. ނަމަވެސް، ޝާހުގެ ޓީމުން ފަރުހާނަށް އެންގި ގޮތުގައި އެކްޓަރު އެ ފިލްމަށް އެއްބަސްވާން ނިންމީ ވަރަށް ވަރުގަދަ ޝަރުތެއްގެ މަތިން ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. އެއީ، ފަރުހާންގެ ބަދަލުގައި "ޑޮން 3" ޑައިރެކްޓް ކުރުމުގެ ޒިންމާ ތަމަޅަ ޑައިރެކްޓަރު އެޓުލީއާ ހަވާލުކުރުމުގެ ޝަރުތު ކަމަށް ވެސް މީޑިއާތަކުން ވަނީ ބުނެފައެވެ.

އެޓުލީއަކީ ޝާހުގެ ކެރިއަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ޖަވާން"ގެ ޑައިރެކްޓަރެވެ. އެ ފިލްމުން ޝާހުއަށް ނެޝަނަލަ އެވޯޑު ވެސް މިދިޔަ އަހަރު ވަނީ ލިބިފައެވެ. މިހާތަނަށް މިކަމާ ގުޅޭގޮތުން ފަރުހާންގެ ޓީމުން ވެސް ވަކި އެއްޗެއް ބުނެފައިނުވާއިރު އެޓުލީ ފިލްމު "ޑޮން 3"ގެ ޓީމާ ގުޅުމަކީ އެ ފިލްމަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ޝާހަށް ފިލްމު "ޑޮން 3" ހުށަހަޅާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފައިވާއިރު ރަންވީރު އެ ފިލްމުން ވަކިވުމާ ގުޅިގެން އެކްޓަރު ރިތިކް ރޯޝަންއަށް ފިލްމު ހުށަހެޅި ކަމުގެ އަޑުތަކެއް ވެސް ވަނީ އަރާފައެވެ.

comment ކޮމެންޓް